ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕެއިންގައިވެސް މަރުގެ އަދަދު ޗައިނާއަށްވުރެ މައްޗަށް

Mar 26, 2020

މެޑްރިޑް (މާޗް 26) - ކޮވިޑް-19 ޖެހިގެން ސްޕެއިންގައި މަރުވި މީހުންގެ އަދަދުވެސް، އެ ބަލި އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާއަށް ވުރެ އިތުރުވެފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

އެއާއެކު، އިޓަލީއަށްފަހު ކޮވިޑް-19 ޖެހިގެން ދެވަނަ އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން، އިއްޔެ އެކަނި 738 މަރާއެކު ސްޕެއިންގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،434 އަށް އަރައިފަ އެވެ.

ޗައިނާގައި މަރުވި މީހުންގެ ރަސްމީ އަދަދު 3،285 ގައި ހުރި އިރު، އެންމެ ގިނަ މީހުން މަރުވި އިޓަލީގެ އަދަދަކީ 6،820 އެވެ.

ސްޕެއިންގައި އެ ބަލި ފެތުރޭ މިންވަރު އިތުރަމުންދާއިރު، ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 47،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އެކަމާ ގުޅިގެން، ސްޕެއިންގައި މިހާރުވެސް އިއުލާނުކޮށްފައިވާ ކުއްލި ހާލަތު އޭޕްރީލް 11 އާ ހަމައަށް އިތުރުކުރަން ވަނީ ނިންމައިފަ އެވެ. މިހާރުވެސް ކާބޯތަކެއްޗާއި ބޭސްގަތުމަށް މެނުވީ، ބޭރަށް ނުނިކުތުމަށް ސަރުކާރުން ވަނީ އަންގައިފަ އެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ބައި މިލިއަނާ ހަމައަށް ދަތުރުކުރާއިރު، އޭގެ ތެރެއިން 20،000 އަށް ވުރެ ގިނަ މީހުން މިހާތަަނަށް ވަނީ މަރުވެފަ އެވެ.