ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕެއިން: ޖުލައި މަހު ފަތުރުވެރިންނަށް ހުޅުވާލަނީ

May 26, 2020

މެޑްރިޑް (މެއި 26) - ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމު ކަމަށްވާ ސްޕެއިންގައި ބަލި ފެތުރުން ކޮންޓްރޯލްކޮށް، އަންނަ ޖުލައި މަހުން ފެށިގެން ބޭރުގެ ފަތުރުވެރިންނަށް ހުޅުވާލަން ނިންމައިފި އެވެ.

ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ސްޕެއިން އިން ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު، ބޯޑަރު ބަންދުކޮށް ބޭރުން ދާ މީހުން ކަރަންޓީނު ކުރަން ނިންމީ މިދިއަ މާޗު މަހުގެ ތެރޭގަ އެވެ. ނަމަވެސް، އެ ނިންމުން ޖުލައި 1 އިން ފެށިގެން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފަ އެވެ.

ބޭރުން ދާ މީހުން ކަރަންޓީނުކުރާ އުސޫލު އުވާލައި، ކުރިއަށް އޮތް ހޫނު މޫސުމުގެ ފުރިހަމަ ބޭނުން ހިފަން ސްޕެއިނުން ވަނީ ނިންމައިފަ އެވެ. އަހަރަކު ގާތްގަނޑަކަށް 80 މިލިއަނެއްހާ މީހުން ޒިޔާރަތްކުރާ ސްޕެއިންގައި ޓޫރިޒަމު ގައުމީ އުފެއްދުންތެރި ކަމުގެ 12 ޕަސަންޓް ހިއްސާކުރެ އެވެ.

މެޑްރިޑް އަދި ބާސެލޯނާ ފަދަ ބޮޑެތި ސިޓީތަކުގައި ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވުމުގެ ހުއްދަ ވެސް މިހާރު ވަނީ ދީފަ އެވެ.

އަދި ބައެއް ސަރަހައްދުތަކުގައި ސްކޫލުތައް ވެސް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޭން ފަށައިފަ އެވެ.

ސްޕެއިންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 235،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 26،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި މަރުގެ އަދަދު ވަނީ 100 އަށް ވުރެ ތިރިވެފަ އެވެ.