ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ދެ ގައުމު ކަމަށްވާ އިޓަލީ އަދި ސްޕެއިންގައި އެ ވައިރަސް ފެތުރޭ މިންވަރު ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިހާތަނަށް އެއް ގައުމަކުން އެންމެ ގިނަ މީހުން މަރުވި އިޓަލީގައި، އިއްޔެ މަރުވި މީހުންގެ އަދަދު ވަނީ 1،648 އަށް ތިރިވެފަ އެވެ. އާދީއްތަ ދުވަހު އެ އަދަދު ހުރީ 3،815 ގަ އެވެ.
އެ ބަލީގައި އިޓަލީން މިހާތަނަށް ޖުމްލަ 11،591 މީހުން މަރުވެފައިވާއިރު، ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ބަލި ޖެހޭ މީހުން އިތުރު ނުވެ ހިފެހެއްޓޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. މިހާރު ވެސް މުޅި ގައުމު ލޮކްޑައުންކޮށްފައިވާ އިޓަލީން ވަނީ، އެ ފިޔަވަޅު އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ.
އިޓަލީގައި ކޮވިޑް-19 އަށް ފަރުވާދިނުމުގައި ޑޮކްޓަރުންގެ ތެރެއިން 61 މީހަކު ވެސް ވަނީ މަރުވެފަ އެވެ.
އިޓަލީގެ އިތުރުން ސްޕެއިންގައި ވެސް އެ ބަލި ފެތުރޭ މިންވަރު މަޑުޖެހިފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ސްޕެއިންގައި އިއްޔެ އެ ބަލި ޖެހުނު އިތުރު 6،400 ކޭހެއް ފެނިފައިވި ނަމަވެސް، އެއީ ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެންމެ މަދުން ރިޕޯޓުކޮށްފައިވާ އަދަދެވެ.
މާޗް 14 ވަނަ ދުވަހުން ފެށިގެން، ލޮކްޑައުން ކޮށްފައިވާ ސްޕެއިނުން ޖުމްލަ 7،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 784،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 37،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.