ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޕަބްލިކް ޓްރާންސްޕޯޓުގައި ސްޕޭނުން މާސްކު ލާޒިމުކޮށްފި

May 3, 2020

މެޑްރިޑް (މެއި 3) - ކޮވިޑް-19 އާ ގުޅިގެން ސްޕެއިންގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއި ކުރަމުން ދާއިރު، ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ކުރާ ފަރާތްތަކުން މާސްކު އެޅުން ލާޒިމު ކޮށްފި އެވެ.

އެ ނިންމުމާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ސަރުކާރުން ހަ މިލިއަން މާސްކު ބަހަން ނިންމާފައިވާ ކަމަށެވެ. އަދި އިތުރު ހަތް މިލިއަން މާސްކު ކަމާބެހޭ އިދާރާތަކަށް ދޭނެ ކަމަށެވެ.

ސްޕެއިންގައި އަޅާފައިވާ ފިޔަވަޅުތައް މަޑުމަޑުން ލުއި ކުރަމުން އަންނައިރު، މިދިއަ ހޮނިހިރު ދުވަހުން ފެށިގެން ވަކި ގަޑިތަކެއްގައި ބޮޑެތި މީހުން ބޭރުގައި ކަސްރަތު ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އޭގެ އެއް ހަފުތާ ކުރިން، 14 އަހަރުން ދަށުގެ ކުދިން ވެސް ގެއިން ބޭރަށް ނުކުތުން ވަނީ ހުއްދަ ކޮށްފަ އެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު މަޑުޖެހި، ސްޕެެއިންގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކުން މިހާރު އަންނަނީ ލޮކްޑައުން ލުއި ކުރަމުންނެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އިގެ ޝިކާރައަކަށް އެންމެ ގިނަ މީހުން ވެފައިވަނީ އިޓަލީންނެވެ. ނަމަވެސް، އިނގިރޭސި ވިލާތުގައި މަރުގެ އަދަދު އަދިވެސް ދަނީ އިތުރު ވަމުންނެވެ. އެ ގޮތުން، އިއްޔެ އެކަނިވެސް 600 އަށް ވުރެ ގިނަ މަރު ވަނީ ރިޕޯޓު ކޮށްފަ އެވެ. އިޓަލީގެ އިތުރުން ފްރާންސްގައި ދުވާލަކު މަރުވާ މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ތިރިވެފަ އެވެ.