ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއް ފަދައިން ޔޫރަޕުގެ އިގުތިސޯދަށް އަންނަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ މެދުގައި ހިޔާލުތަފާތުވެ، އަރައިރުމަކަށް ބަދަލުވެއްޖެ އެވެ.
ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީ އަދި ސްޕެއިން ވަނީ އެ ބައްރުގެ އުތުރުގެ ގައުމުތައް ކަމަށްވާ ޖަރުމަނު އަދި ނެދަލަންޑްސަށް އިނގިލި ދިއްކުރަން ފަށައިފަ އެވެ. އެ ދެ ގައުމުގެ ކަންބޮޑުވުމަކީ، ޖަރުމަނު އަދި ނެދަލަންޑްސް ފަދަ އުތުރުގެ ގައުމުތަކުން އިގުތިސޯދީ ހީނަރު ކަމުން އަރައިގަތުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރުމެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ކޮވިޑް-19 އާއެކު މިހާރު ވެސް ދައުލަތުގެ ދަރަނި ބޮޑު ގައުމުތަކަށް އީޔޫގެ ގައުމުތައް ގުޅިގެން، ވަރުގަދަ ޕްލޭނެއް އުކުލަވާލަން ނުކުޅެދިއްޖެނަމަ، ޔޫރަޕުގެ އިއްތިހާދު ރޫޅިދާނެ ކަމަށެވެ.
އެކަމާއެކު، ވަރުގަދަ އިގުތިސޯދީ ޕެކޭޖެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އީޔޫ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އެގޮތުން، ޓެލެކޮންފަރެންސް މެދުވެރިކޮށް ޔޫރޯޒޯންގެ ފިނޭންސް މިނިސްޓަރުން މިއަދު ބޭއްވި ބައްދަލުވުމެއްވެސް ބޭއްވި އެވެ. ނަމަވެސް، އިޓަލީ ދޫނުދިނުމުން، ހަތް ގަޑިއިރަށް ދިގު ދެމިގެން ދިޔަ ބައްދަލުވުން ނިންމާލީ، މާބޮޑު އަލިމަގެއް ނުފެނި އެވެ.
މީގެ ދެ ހަފްތާ ކުރިން ބޭއްވި ބައްދަލުވުން ވެސް ނިންމާލީ އެއްވެސް ގޮތެއް ނުނިމި އެވެ. އިޓަލީ އާއި ސްޕެއިންގެ އިތުރުން ފްރާންސް ފަދަ ގައުމުތަކުން ޑިމާންޑް ކުރަމުން ދަނީ "ކޮރޯނާ ބޮންޑު" ތަކެއްގެ ތެރެއިން އެ ބައްޔާ ގުޅިގެން އިތުރުވަމުންދާ ދަރަނިތައް ހަމަޖެއްސުމެވެ. އެގޮތުން، އެފަދަ ބޮންޑުތަކެއްގެ ތެރެއިން އެ ދަރަނި އަނބުރާ ދައްކާނީ އީޔޫގެ ހުރިހާ ގައުމުތަކެއް ގުޅިގެންކަމަށް އެ ގައުމުތަކުން ދަނީ ބުނަމުންނެވެ.
ނަމަވެސް، ޖަރުމަނު ފަދަ މުއްސަނދި ގައުމުތަކުން، އެހެން ގައުމުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އަޅާ ނުލާކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.
އިޓަލީގެ ނިކަމެތި ހާލު
އިޓަލީއަކީ މުޅި ޔޫރަޕުގައި ވެސް، ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމެވެ. އެގޮތުން، އެ ބަލި ޖެހިގެން އިޓަލީން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 17،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. ޔޫރަޕުގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ސްޕެއިންގަ އެވެ. އެ ގައުމުގައި އެ ބަލި ޖެހިގެން މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮރޯނާވައިރަހުގެ ކުރީން ވެސް، އިޓަލީގެ ދަރަނި ހުރީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 133 ޕަސަންޓުގަ އެވެ. އެގޮތުން، އިޓަލީގެ ދައުލަތުގެ ދަރަނި 2.3 ޓްރިލިއަން އެމެރިކާ ޑޮލަރަށް އޭރު ވެސް ވަނީ އަރައިފަ އެވެ. އެފަދަ ބޮޑު ދަރަންޏެއް ހިއްސާ ނުކުރަން ޖަރުމަނުން ދެކޮޅު ހަދަމުންދާތީ، އިޓަލީގެ ބައެއް ސިޔާސީ ބޭފުޅުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.
އެގޮތުން، ދެވަނަ ބޮޑުހަނގުރާމައަށްފަހު، ޖަރުމަނުގެ ދަރަނިތައް ދެއްކުމަށް އެހެން ގައުމުތަކުން އެހީވެދިންކަމަށް ވިދާޅުވެ، އެކަން ދަނީ ޖަރުމަނަށް ހަނދާން ކޮށްދެމުންނެވެ.
އެފަދަ ގޮވާލުންތަކާއި، ޖަރުމަނުގެ އާއްމުންނާއި ސިޔާސީ ބޭފުޅުންގެ އިތުރުން މާލީ މާހިރުންގެ ހިޔާލު ވެސް ވަނީ ބަދަލުވެފަ އެވެ. ފައިނޭންޝަލް ކްރައިސިސްއަށްފަހު، ގްރީސް ބެއިލްއައުޓް ކުރުމާ ދެކޮޅަށް ވަކާލާތު ކުރި ގިނަ މީހުން ދަނީ، ކޮރޯނާބޮންޑް ތައާރަފް ކުރުމަށް ގޮވާލަމުންނެވެ.
އެ މީހުންގެ ނަޒަރުގައި، މިހާރު ޔޫރަޕަށް ވެސް ދިމާ ވެގެން މިއުޅެނީ، ގައުމުތަކުގެ ހިންގުމުގެ ދޯދިޔާކަމުގެ ބަދަލުގައި، ގުދުރަތީ ކާރިސާ އެކެވެ. އަދި އެކަމުން އަރައި ގަނެވޭނީ، އެންމެން ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން ކަމަށް ބުނާ އަޑުތައް ޖަރުމަނުގައި ވެސް ވަނީ ގަދަވާން ފަށައިފަ އެވެ.
އެއްބަސްވުމެއްގެ މަލަމަތި
މިހާރު އޮތް އަރައިރުމުގެ ތެރެއިން، އީޔޫ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުންގެ މެދުގައި މައިގަނޑު ތިން ކަމެއްގެ މައްޗަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ.
އެގޮތުން، އީޔޫގެ އިގުތިސޯދު ކޮޅަށް ޖެހުމަށް، 443 ބިލިއަން އެމެރިކާ ޑޮލަރުގެ ނަމުގައި އުފައްދާފައިވާ ޔޫރަޕިއަން ސްޓެބިލިޓީ މެކޭނިޒަމް (އީއެސްއެމް) ބެއިލްއައުޓު ފަންޑުގެ އިތުރުން، ޔޫރަޕިއަން އިންވެސްޓްމަންޓް ފަންޑާއި އަދި ވިޔަފާރިތަކާއި މަސައްކަތްތެރިންނަށް އެހީވާން 100 ބިލިއަން އެމެރިކާ ޑޮލަރުގެ ޔޫރަޕިއަން ކޮމިޝަންގެ ސްކީމެއް ތައާރަފު ކުރުން ހިމެނެ އެވެ.
ނަމަވެސް، ފްރާންސުން ބުނަމުން ދަނީ އެ ވަރުން ނުފުދޭ ކަމަށެވެ. އަދި އީޔޫގެ ގައުމުތައް ގުޅިގެން ލޯނު ނެގޭ ފަދަ އެތައް ބިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް އުފައްދަން ޖެހޭ ކަމަށް ފްރާންސުން ދަނީ ބުނަމުންނެވެ. ނަމަވެސް އޮސްޓްރިއާ، ޑެންމާކް، ނެދާލެންޑްސް އަދި ފިންލެންޑުން ދަނީ އެކަމާ ދެކޮޅު ހަދަ އެވެ. އެ ގައުމުތަކުން ބުނަނީ، އެފަދަ ފަންޑެއްގެ ތެރެއިން ދެކުނުގެ ގައުމުތަކުން ނަގާ ދަރަންޏަކަށް ޒިންމާ އުފުލަން ބޭނުން ނުވާ ކަމަށެވެ.