ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އީޔޫ ގައުމުތަކަށް އެހީވާން 545 ބިލިއަން ޑޮލަރު ހުށަހަޅައިފި

May 19, 2020

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއް ފަދައިން ޔޫރަޕުގެ އިގުތިސޯދަށް އަންނަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ފްރާންސާއި ޖަރުމަނު ގުޅިގެން 545 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ޕެކޭޖެއް ހުށަހަޅައިފި އެވެ.

އިއްޔެ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކަލް އަދި ފްރާންސްގެ ރައީސް އިމެނުއެލް މެކްރަން ބޭއްވި ބައްދަލުވުމެއްގައި ނިންމާފައި ވަނީ އެ ޕެކޭޖުގެ ދަށުން ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކަށް ފައިސާ ދޭނީ ގްރާންޓް އެހީގެ ގޮތުގައި ކަމަށެވެ.

އެފަދަ އެހީގެ ޕެކޭޖެއްގެ ދަށުން ދަރަނީގެ ޒިންމާ އީޔޫގެ ހުރިހާ ގައުމަކުން އުފުލަން މީގެ ކުރިން މާކަލް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް، އިއްޔެގެ ބައްދަލުވުމުގައި އެކަމަނާ ވިދާޅުވީ، ޔޫރަޕިއަން ކޮމިޝަން މެދުވެރިކޮށް ނެގޭ ދަރަނި އަނބުރާ ދައްކާނީ އީޔޫގެ ބަޖެޓުގެ ތެރެއިން ކަމަށެވެ.

އެ ހުށަހެޅުމާ ގުޅިގެން ފްރާންސްގެ ރައީސް ވިދާޅުވީ އިއްތިހާދެއްގެ ގޮތުގައި ދެމި އޮންނަން މިއީ ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.

ކޮވިޑް-19 އާއެކު މިހާރު ވެސް ދައުލަތުގެ ދަރަނި ބޮޑު ގައުމުތަކަށް އީޔޫގެ ގައުމުތައް ގުޅިގެން، ވަރުގަދަ ޕްލޭނެއް އުކުލަވާލަން ނުކުޅެދިއްޖެނަމަ، ޔޫރަޕުގެ އިއްތިހާދު ރޫޅިދާނެ ކަމުގެ އިންޒާރު ސްޕެއިނުން މީގެ ކުރިން ވަނީ ދީފަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވި، ޔޫރަޕުގެ ގިނަ ގައުމުތަކުން މިހާރު އަންނަނީ ލޮކްޑައުންގެ ފިޔަވަޅުތައް ލުއި ކުރަމުންނެވެ. އެގޮތުން، ސްޕެއިން އަދި އިޓަލީގައި އިއްޔެ އިން ފެށިގެން ފިހާރަތަކާއި ކެފޭތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ.