ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔޫރަޕުގެ ލޮކްޑައުން އިތުރަށް ފުޅާކޮށްފި

Mar 17, 2020

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޔޫރަޕުގެ ގިނަ ގައުމުތަކަކުން ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި ޖަރުމަނުގެ އިތުރުން ފްރާންސްއިން ވެސް ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

ފްރާންސްގައި ވެސް މިހާރު ވަނީ މީހުން ނުނުކުމެވޭ ގޮތަށް އިޓަލީ އަދި ސްޕެއިން އިން އެޅި ފަދަ ފިޔަވަޅެއް އަޅައިފަ އެވެ. އެ ގައުމުގެ ރައީސް އިމެނުއެލް މެކްރަން ވިދާޅުވީ، ސްކޫލުތަކާއި ކެފޭތައް ބަންދުކޮށް އެޅި ފިޔަވަޅުން ވައިރަސް ފެތުރުން ހުއްޓުވުމަށް ނާކާމިޔާބުވެފައިވާ ކަމަށެވެ.

އެހެން ކަމުން، ޒަރޫރީ ބޭނުންތަކަށް މެނުވީ، ރައްޔިތުން ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް މުޅި ގައުމު ލޮކްޑައުންކުރަން މަޖުބޫރުވެފައިވާ ކަމަށް މެކްރަން އިތުރަށް ވިދާޅުވި އެވެ.

ފްރާންސްގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 6،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން 148 މީހުން ވަނީ މަރުވެފަ އެވެ.

ޖަރުމަނުގައި ވެސް ކްލަބްތަކާއި، ޒޫތަކާއި، ސިނެމާތަކުގެ އިތުރުން ކުޑަކުދިން ކުޅޭ މައިދާންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ރެސްޓޯރަންޓްތަކާއި ކެފޭތައް ހުޅުވިފައި ހުންނަ ގަޑިތައް ލިމިޓުކޮށް، ދެ މޭޒު ދޭތެރޭގައި ހުންނަ ޖާގަ އިތުރުކުރަން ވަނީ އަންގައިފަ އެވެ.

ޖަރުމަނުގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 7،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން 14 މީހުން ވަނީ މަރުވެފަ އެވެ. ޖަރުމަނުގައި ވެސް މީގެ ކުރިން ވަނީ އެއްވުންތައް ބޭއްވުން ވެސް މަނާކޮށްފަ އެވެ.

ޔޫރަޕުގެ އެހެން ގައުމުތައް

  • ސްޕެއިން: އެހެން ގައުމުތަކުގެ މީހުން އެތެރެވުން ހޯމަ ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން ވަނީ މަނާ
  • ގްރީސް: ފިހާރަތަކާއި، ޕެޓްރޯލް ޝެޑުތައް ބަންދުކޮށް، އެ ގައުމަށް އެތެރެވާ ހުރިހާ މީހުން 14 ދުވަހަށް ކަރަންޓީނުކުރާނެ
  • ޗެކް ރިޕަބްލިކް: އެ ގައުމުގެ އިރުމަތީގެ ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފައި
  • ޖޯޖިއާ: އެހެން ގައުމުތަކުގެ މީހުން އެތެރެވުން ވަނީ މަނާކޮށްފައި
  • ޕޮލަންޑު: ބޭރާއި އެތެރޭގެ އުދުހުންތަކުގެ އިތުރުން ރޭލު ދަތުރުތައްވެސް ވަނީ ހުއްޓާލާފައި
  • ސާބިއާ: ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައި
  • ޔޫކްރެއިން: ވެރިރަށުގެ ކެފޭތަކާއި ރެސްޓޯރަންޓުތައް ބަންދުކޮށް، އެހެން ސިޓީތަކަށް މީހުން ދިޔުން ވަނީ ލިމިޓުކޮށްފައި

ބަލި ފެތުރޭ އާ އެޕިސެންޓަރަކީ ޔޫރަޕުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.

އަދި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވޭނީ، ބައްޔަށް ޝައްކު ކުރެވޭ ކޮންމެ މީހަކު އެ ވައިރަހަށް ޓެސްޓު ކޮށްގެން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ. އެ ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވީ މި ބަލިމަޑުކަމަކީ މި ޖީލަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ ބަލާއާފާތް ކަމަށެވެ.

"މި ޖަމިއްޔާގެ ފަރާތުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ދޭން އޮތީ އެންމެ މެސެޖެއް. ހުރިހާ ގައުމުތަކަކުން ވެސް ބައްޔަށް ޝައްކު ކުރެވޭ ހުރިހާ ރައްޔިތުން ޓެސްޓް ކުރެވެންޖެހޭ. ކަނުބަނދެވި ތިބެގެން މި ބަލާއާފާތާ ދެކޮޅަށް މަސައްކަތެއް ނުކުރެވޭނެ،" ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ފެނުނު ކޮވިޑް-19 މިހާރު 100 އަށް ވުރެ ގިނަ ގައުމަށް ވަނީ ފެތުރިފަ އެވެ.

އެ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 168،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިހާތަނަށް އެ ބަލީގައި 6،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.