ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔޫރަޕުގައި އެއް ދުވަހުގެ ތެރޭގައި މަރުވި މީހުން ރެކޯޑް އަދަދަކަށް

Mar 16, 2020

ކޮވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޔޫރަޕުގެ ތިން ގައުމުން، އެއް ދުވަހުގެ ތެރޭގައި މަރުވި މީހުން ރެކޯޑް އަދަދަކަށް އިތުރުވެއްޖެ އެވެ.

އިޓަލީގައި އިއްޔެ އެކަނި 368 މަރާއެކު، ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 1،809 އަށް އަރާފައިވާއިރު، ސްޕެއިންގައި 97 މީހުން މަރުވެ، ޖުމްލަ އަދަދު 288 އަށް ވަނީ އަރައިފަ އެވެ. ފްރާންސްގައި އިއްޔެ އެކަނި 29 މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، އެ ގައުމުގެ ޖުމްލަ އަދަދު މިހާރު ވަނީ 120 އަށް އަރައިފަ އެވެ.

އެ ތިން ގައުމުގެ އިތުރުން، އިނގިރޭސި ވިލާތުގައި އިއްޔެ އިތުރު 14 މީހުން ވަނީ މަރުވެފަ އެވެ. ޔޫކޭގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 35 އަށް އިތުރުވީ އެވެ.

ކޮވިޑް-19 ފެތުރޭ އެޕިސެންޓަރަކީ ޔޫރަޕުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާއިރު، ވައިރަސް ފެތުރު ހުއްޓުވުމަށް ޔޫރަޕުގެ ގިނަ ގައުމުތަކުން ދަނީ ފިޔަވަޅުތައް ހަރުކަށިކޮށް، ބޯޑަރުތައް ބަންދުކުރަމުންނެވެ.

އެގޮތުން، ޖަރުމަނުން މިއަދުން ފެށިގެން ޔޫރަޕުގެ އިތުރު ފަސް ގައުމަކުން މީހުން އެތެރެވުން މަނާކޮށްފައިވާއިރު، ޕޯޗުގަލްގެ ބޯޑަރު މިހާރު ވަނީ ސްޕައިން މީހުނަށް ބަންދުކުރަން ނިންމައިފަ އެވެ.

ޗެކް ރިޕަބްލިކްގައި، ވަޒީފާއަށް ދިޔުމާއި، ކާބޯތަކެއްޗާއި ބޭސް ގަތުމަށް މެނުވީ، ގެއިން ބޭރަށް ނުކުތުމަށް ރައްޔިތުންނަށް އަންގާފައިވާއިރު، ފަސް މީހުނަށް ވުރެ ގިނައިން މީހުން އެއްތަނަކަށް ޖަމާވުން އޮސްޓްރިއާ އިން ވަނީ މަނާކޮށްފަ އެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުގައި މިހާރުވެސް ވަނީ ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، ސިނަމާތަކުގެ އިތުރުން ކްލަބުތައް ވެސް ބަންދުކޮށްފަ އެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 162،687 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން 6،065 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.