ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މަރު އިތުރުވާތީ އިޓަލީގައި ފިޔަވަޅުތައް ހަރުކަށިކޮށްފި

Mar 22, 2020

މިލާން (މާޗް 22) - އިޓަލީގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވަމުން ދާތީ، އެ ގައުމުގައި ވައިރަސް ފެތުރުން ހުއްޓުވަން މިހާރުވެސް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފި އެވެ.

އެގޮތުން، ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައި ވަނީ އިޓަލީގައި އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ލޮމްބާޑީ ސަރަހައްދަށެވެ.

ލޮމްބާޑީ ސަރަހައްދުގައި އިއްޔެ އިން ފެށިގެން އެކަނިވިއަސް، ބޭރު ތެރޭގައި ކުޅިވަރު ކުޅުމާއި ކަސްރަތުގެ ކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ. އަދި ވެންޑިންގް މެޝިނުތައް ކައިރިއަށް ދިއުން ވެސް ވަނީ ހުއްޓުވައިފަ އެވެ.

ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައި ވަނީ، އިއްޔެ އެކަނި އެ ގައުމުގައި މަރުވި މީހުންގެ އަދަދު 800 އަށް ވުރެ މައްޗަށް އަރާފައި ވަނިކޮށެވެ. އެ ބަލި ޖެހިގެން މަރުވި ޖުމްލަ މީހުންގެ އަދަދު 4،825 އަށް އަރާފައިވާއިރު، އެއީ މުޅި ދުނިޔޭގައި ވެސް އެ ވައިރަސް ޖެހިގެން އެއް ގައުމަކުން އެންމެ ގިނަ މީހުން މަރުވި އަދަދެވެ.

އޭގެ ތެރެއިން، ލޮމްބާޑީ ސަރަހައްދުން އެކަނި މިހާތަނަށް 3،095 މީހުން ވަނީ މަރުވެފަ އެވެ. އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުން ވެސް ހުއްޓުވާފައިވާއިރު، ހަމައެކަނި އޮޕަރޭޓް ކުރުމުގެ ހުއްދަ ލިބިފައިވަނީ ޒަރޫރީ ތަކެތި ސަޕްލައިކުރާ ފަރާތްތަކެއް އެކަންޏެވެ.

އެހެން ގައުމުތަކުގެ ހާލަތު

އިޓަލީގެ އިތުރުން ސްޕެއިންގައި މަރުވި މީހުންގެ އަދަދު ވަނީ 32 ޕަސަންޓް އިތުރުވެފަ އެވެ. އެގޮތުން، 1،326 މަރާއެކު، ސްޕެއިނައކީ ޔޫރަޕުގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ.

އެ ގައުމުގައި ދިރިއުޅޭ 46 މިލިއަން މީހުންގެ އާބާދީ ލޮކްޑައުންކޮށްފައިވާއިރު، ރައްޔިތުންނަށް ބޭރަށް ނުކުމެވެނީ ކާބޯތަކެއްޗާއި ބޭސް ގަތުމަށް އެކަންޏެވެ.

މިހާރު އެބަލި ފެތުރޭ އާ އެޕިސެންޓަރަކީ ޔޫރަޕު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާއިރު، ސިއްހީ އިދާރާތަކުގެ އެންގުންތަކަށް ބޯލެނބުމަށް ދުނިޔޭގެ ލީޑަރުން ދަނީ ރައްޔިތުންނަށް ގޮވާލަމުންނެވެ.

އަދި ގުޅިގެން އެންމެން އެކުގައި އެ ވައިރަސް ފެތުރުން ހުއްޓުވަން މަސައްކަތްނުކޮށްފިނަމަ، ގިނަ ގައުމުތަކުގެ ސިއްހީ ނިޒާމް ހުއްޓުމަކަށް އަންނާނެކަމުގެ އިންޒާރުވެސް ދަނީ ދެމުންނެވެ.

މުޅި ދުނިޔެއަށް ބަލާއިރު، މި ބަލާއަފާތުގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 304،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 13،000 މީހުން މަރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.