ވިޔަފާރި

އުރިދޫ އިން "ސްްމާޓް ސިޓީ" ތާރަފްކޮށް، މާލެގެ އެކި ހިސާބަށް ހިލޭ ވައިފައި

Aug 31, 2015
1

އޫރިދޫ އިން މާލެ އާއި ހުޅުމާލޭގައި ސްމާޓް ސިޓީގެ ހިދުމަތްތަށް ތައާރަފްކޮށް ހިލޭ އިންޓަނެޓް ހިދުމަތް ލިބޭނެ ސަރަހައްދުތަކެއް ގާއިމް ކުރަން ނިންމައިފި އެވެ. އެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް އަހުމަދު އަދީބެވެ. 

އޫރިދޫ މޯލްޑިވްސް އިން މިއަދު އިފްތިތާހް ކުރި ސްމާޓް ސިޓީގެ ދަށުން "ފްރީ ވައިފައި ސާވިސް" ގެ ހިދުމަތް މާލޭގެ އެކި ހިސާބުތަކުގައި ދޭނެ އެވެ. އޫރިދޫއިން ދޭ އެހިދުމަތުގެ ދަށުން ވަޓްސްއެޕް، ފޭސްބުކް އަދި ވައިބާ ފަދަ ސޯޝަލް ނެޓްވޯކްތައް ބޭނުން ކުރަން ކޮންމެ ދުވަހަކު 50 އެމްބީ ޑޭޓާ ހިލޭ ލިބެ އެވެ.

މީގެ އިތުރުން ހޮސްޕިޓަލްތަކާއި ފެރީޓާމިނަލްތައް އަދި މަޝްހޫރު ކެފޭތަކުގައި "އޫރިދޫ ވައިފައި ހޭންގް އައުޓު" ގެ ހިދުމަތް ވެސް ލިބޭނެއެވެ. އަދި އޫރިދޫގެ ހާއްސަ ޕްރޮމޯޝަންގެ ދަށުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ހިސާބުތަކަށް މުޅިން ހިލޭ ވައިފައި ލިބޭނެ އެވެ. ރާއްޖެ އަކީ އޫރިދޫ ސްމާޓް ސިޓީ ގާއިމް ކުރި ދެނަވަ ގައުމެވެ. އެ ހިދުމަތް ފުރަތަމަ ގާއިމް ކުރީ ގަތަރުގައެވެ.

ސްމާޓް ސިޓީ މަޝްރޫއުގެ ދަށުން އޮފީސްތަކުގައި އާއި ގޭގޭ ގައި އަދި ސްކޫލު ތަކުގެ ހިދުމަތްތައް ފަސޭހަ ކޮށް ލިބިގަތުމަށް އޫރިދޫއިން ސްމާޓް ސްކޫލް، ސްމާޓް ހޯމްސް، ސްމާޓް އޮފީސް އަދި ސްމާޓް ސަވައިލަންސް ސިސްޓަމްސް ތަކެއްވެސް ވަނީ މިއަދު ތާރަފު ކޮށްފަ އެވެ. އެގޮތުން އެކުންފުނިން ވަނީ އިސްކަންދަރު ސްކޫލުގައި ޓެލެސެންޓަރެއް ގާއިމްކޮށް ކިޔެވުމަށް ބޭނުން ކުރާ ވެބްސައިޓް ތަަކަށް ހިލޭ ވަދެވޭނެ ގޮތް ހަދައިފަ އެވެ. އެކުންފުނިން ބުނީ ސްމާޓް ސްކޫލްގެ ހިދުމަތް ތަށް މާލެ އާއި ހުޅުމާލެގެ އެކި ސްކޫލު ތަކުގައި ތާރަފު ކުރާނެ ކަމަށެވެ.

އެ ރަސްމީއާތުގައި އޫރިދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ރާއްޖޭގެ 60 ޕަސަންޓު މީހުންނަކީ ސްމާޓް ފޯނު ގެންގުޅޭ މީހުން ކަމަށާއި އަދި ސްމާޓް ސިޓީ ބޭނުންކޮށްގެން ރާއްޖެ ޓެކްނޮލޮޖީ ގޮތުން ކުރިއަރާގެން ދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިދާއިރާގައި އޫރިދޫއަށް ލިބިފައިވާ ގާބިލުކަން ބޭނުންކޮށްގެން ސަރުކާރާއި ގުޅިގެން ދިވެހި މުޖުތަމައު އަށް ފައިދާ ކުރާނެ ސްމާޓް ސޮލިއުޝަން ތަކެއް ގެނައުން،" އޫރިދޫ ސީއީއޯ ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ސްމާޓް ސިޓީއަކަށް މާލެ ހެދުމަށް އުރީދޫ އިން އިސްނެގީތީ އުފާ ކުރާ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި މިއީ މާލެ ކަހަލަ ތަރައްގީ ވަމުން އަންނަ ތަނަކަށް މުހިންމު ހިދުމަތްތަކަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.