ބާވީސް އަހަރުގެ އަންހެނަކު އުފަންވީއިރު ވެސް އޭނާއަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލައެއްގެ ސަބަބުން އެއްވެސް ވަހެއް އޭނާއަކަށް ނުދުވަ އެވެ. އަދި ކާ އެއްޗެތީގައި އެއްވެސް ރަހައެއް ނުލަ އެވެ. ސްކޫލްގެ ޕްރޮޖެކްޓެއްގައި ބައިވެރިވެ މަސައްކަތް ކުރުމުގެ ކުރިން ގެބްރިއެލް ސެންޑާސް އަށް އޭނާގެ މިފަދަ ބައްޔެއް ހުންނަ ކަމެއް މާ ބޮޑަކަށް ނުވެސް އެނގެ އެވެ.
މި ޕްރޮޖެކްޓް ބިނާ ކޮށްފައި އޮތީ އިންސާނާގެ ހިއްސުތަކުގެ މައްޗަށެވެ. އަދި އެކި ހިއްސުގެ ނަމާއި އޭގެ ބޭނުން އެ ކުދިންނަށް ފާހަގަ ކުރަން ޖެހުނެވެ. ނަމަވެސް ސެންޑާސް އަށް އެ ދުވަހު އެއްވެސް އެއްޗެއްގެ ވަހެއް އަދި ރަހައެއް ނޭނގުނެވެ. އޭނާ ބުނި ގޮތުގައި އޭނާއަކަށް ރަހައަކީ ކޯޗެއް ކަމެއް ވެސް ނޭނގެ އެވެ. ކޮފީއެއް ސަޔެއް ހޫނު ބުއިމެއް ފޮނި އެއްޗެއް ކުޅި އެއްޗެއް ވަކިކުރާކަށް އޭނާއަކަށް ނޭނގެ އެވެ.
ސެންޑާސް ބުނި ގޮތުގައި އެއްވެސް އެއްޗަކުން އޭނާއަކަށް އެއްވެސް ވަހެއް ނުދުވަ އެވެ. އޭނާ އާއި އޭނާގެ ކޮއްކޮ ފިޔަވައި އާއިލާގެ އެހެން މީހަކަށް ވެސް މިފަދަ ސިއްހީ މައްސަލައެއް ދިމާވެފައެއް ނެތެވެ. ކޮއްކޮގެ ވެސް މި މައްސަލަ ހުރުމުން މިއީ ޖެނެޓިކް މައްސަލައެއް ކަމަށް ޑޮކްޓަރުން ބުނާ ކަމަށް ސެންޑާސް ބުންޏެވެ.
އެއްވެސް އެއްޗަކުން ވަސް ނުދުވާތީ އެ އެއްޗެތިން ވަސް ދުވާތޯ ސެންޑާސް ވަރަށް މަސައްކަތް ކުރެ އެވެ. އަދި އޭނާގެ މި ބަލީގެ ސަބަބުން އިތުރު މައްސަލައެއް ވެސް ސެންޑާސް އަށް މިހާރު ދިމާވެ އެވެ. އަލިފާން ދެކެ މާ ބޮޑަށް ބިރުގަތުމެވެ.
ސެންޓާއި މަލަކީ ސެންޑާސް އެއްވެސް ވަރަކަށް ޝައުގުވެރިވާ އެއްޗެއް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކު ނަށާ ކުލާހަށް ދާތީ ޑިއޮޑްރަންޓް ބޭނުން ކުރެ އެވެ. އަދި އޭނާގެ ގައިން އެއްވެސް ވަހެއް ދުވާނަމަ ބުނަން ސެންޑާސް އަބަދުވެސް އޭނާގެ އެކުވެރިން ކައިރީގައި އެދެ އެވެ.
"އަހަރެން އަބަދުވެސް އަހަރެން ކައިރީގައި ތިބޭ މީހުން ކައިރީގައި ބުނަން އަހަންނަކަށް އެއްވެސް ވަހެއް ނުދުވައޭ. އެހެންވީމާ އަހަރެންގެ ގައިން ނުބައި ވަހެއް ދުވަންޏާ ބުނައްޗޭ. އަހަރެން އެއްވެސް ބުރަ ހިތެއް ނުބާއްވާނަމޭ،" ސެންޑާސް ބުންޏެވެ.
ކޮންޖެނިޓަލް އެނޮސްމިއާ ކިޔާ މި ބަލި ހުންނަ މީހުންނަށް ހަޔާތުގެ ހުރިހާ ދުވަހެއް ވެސް ހޭދަކުރަން ޖެހެނީ އެއްވެސް އެއްޗެއްގެ ރަހައެއް ނުލާ އަދި ވަހެއް ވެސް ނުދުވާ ހާލުގަ އެވެ.