ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ޝައްކުވާ އިތުރު މީހަކު ނެތް، ދެ މީހަކު ޓެސްޓް ކުރަނީ

ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ޝައްކު ކުރެވޭ އިތުރު ކޭހެއް ފެނިފައިނުވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ހާލަތު ސާފުކޮށް ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައެވެ. އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ޝައްކު ކުރެވޭ އިތުރު ކޭހެއް ފެނިފައިނުވާ ކަމަށެވެ.

ނަމަވެސް ޗައިނާއިން އައި އިތުރު ދެ ދިވެއްސަކު އެކަހެރިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެމީހުން އެކަހެރިކޮށްފައިވަނީ ވައިރަސްގެ އަސަރު ނުކުރާކަން ޔަގީން ކުރުމަށެވެ. އެ ދެ މީހުންގެ ސާމްޕަލްތައް ނެގުމަށްފަހު ޓެސްޓް ކުރަން ފޮނުވާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އެ ދެ މީހުން ކަރަންޓީން ކޮށްފައިވަނީ ބަލީގެ ކްރައިޓީރިއާއަށް ފެތިގެން ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހަށް މިހާތަނަށް ޝައްކު ކުރެވިފައިވަނީ ދިވެހި ފިރިހެނެކެވެ. އުމުރުން 20 އަހަރުގެ އެ ޒުވާނާއަކީ ޗައިނާގެ ޒިއާބިން ސިޓީގައި ބޭއްވި ފެއާއެއްގައި ބައިވެރިވުމަށް ބުދަ ދުވަހުގެރޭ މާލެ އައި މީހެކެވެ.

އޭނާގެ ހާލަތު ޔަގީން ކުރެވެންދެން މިހާރު ވަނީ ފުނަދޫގައި ހުރި އައިސޮލޭޝަން ސެންޓަރުގައި ކަރަންޓީން ކޮށްފައެވެ. މިއީ ކޮރޯނާއާއި ގުޅިގެން ރާއްޖޭގައި ކަރަންޓީން ކުރި ފުރަތަމަ މީހާއެވެ.

މިނިސްޓަރު ވިދާޅުވީ އޭނާގެ ސާމްޕަލްތައް ނެގުމަށްފަހު ޓެސްޓް ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ނަތީޖާތައް ލިބޭނީ އާދިއްތަ ދުވަހުއެވެ. އަމީން ވިދާޅުވީ ޒުވާނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ އެކަހެރި ކުރުމާއި ހަމައަށް އެހެން މީހުންތަކަކާ ކޮންޓެކްޓްވި ކަމަށް މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.