ދިވެހި ސިނަމާ

އަޅުގަނޑަށް އިންޒާރު ދިނަސް، ޕްރިޔާންކާ އަށް މަރުގެ އިންޒާރު ނުދޭތި: ސުނީތާ

މިއީ މަޝްހޫރު ނެށުންތެރިޔާ އަދި ބޮލީވުޑްގެ ބަތަލާ ޕްރިޔާންކާ ޗޯޕްރާގެ ސުޕަ-ފޭން، ސުނީތާ އަލީގެ އެންމެ ބޮޑު އެދުމެވެ. ގަލޮޅު ރަސްމީ ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޝޯ އަށް ޕްރިޔާންކާ އަންނަ ނަމަ ސުނީތާ ހުރީ އޭނާގެ ދިފާއުގައި ޖާނު ދުއްވާލަން ވެސް ތައްޔާރުވެގެންނެވެ.

މީގައި ސަމާސާ ރާގެއް ހުއްޓަސް ސުނީތާ އަށް ޕްރިޔާންކާ ހާއްސަވަރު އަޅުގަނޑުމެން އެންމެނަށް ވެސް އެނގެއެއް ނޫން ހެއްޔެވެ؟ ޕްރިޔާންކާގެ ދިފާއުގައި އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ އެވެ. މިއީ މުޖައްރިބު ކަމެކެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑަށް މަރުގެ އިންޒާރު ދިނަސް، ނަމަ ނަމަ، ޕްރިޔާންކާ އަށް އެފަދަ އިންޒާރެއް ނުދެއްޗޭ،" ޓޫރިޒަމް ކައުންޓް ޑައުން ޝޯގެ ދެ ވަނަ އެޕިސޯޑަށް ޕްރިޔާންކާ ގެންނަން އުޅޭ ކަމަށް އަޑު އަރާފައިވާތީ މި އުފާވެރި ޚަބަރާ ގުޅޭ ގޮތުން ހިޔާލެއް ހޯދުމަށް ގުޅާލުމުން ސުނީތާ ބުނީ މިހެންނެވެ.

"އަޅުގަނޑު މަރާލިޔަސް ޕްރިޔާންކާ އަށް ކަމެއް ނުކުރާތި."

ސުނީތާ އަށް މަރުގެ އިންޒާރު ދިން ކަމަށް އިޝާރާތް އެ ކުރަނީ މިފަހުން އާންމުވި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިންގެ "ހަޔާތް ގޮވާ އޯޑިއޯތަކަކާ" ގުޅިގެން ސުނީތާ އަށް އެ ދުވަސްކޮޅު މަރުގެ އިންޒާރު ލިބިފައިވާތީ އެވެ.

ޕްރިޔާންކާ އަށް މަރުގެ އިންޒާރު ނުދިނުމަށް ސުނީތާ ގޮވާލާފައިވާއިރު އާ އަހަރާ ދިމާކޮށް ބޭއްވި ޝޯ އަށް ގެންނަން އުޅުނު ރެޕާ، ޝޯން ޕޯލް އޭނާގެ ދަތުރު ކެންސަލްކުރީ ދިވެހިންގެ ބަޔަކު އޭނާ އަށް މަރުގެ އިންޒާރު ދީގެންނެވެ. 

ކޮންމެއަކަސް ޕްރިޔާންކާ ރާއްޖެ ގެންނަ އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެންމެ ބޮޑު އުފާވެރިކަމެއް ލިބިފައިވަނީ ސުނީތާ އަށެވެ. ޕްރިޔާންކާގެ ޑައި-ހާޑް ފޭނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ނެށުންތެރިޔާ މިފަހުން އިންޑިއާގެ މުމްބާއީ އަށް ގޮސް ޓީވީ ޝޯއެއްގެ ހަވާސާގައި ޕްރިޔާންކާއާ ބައްދަލުކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެ ދަތުރަށް ފަހު އެނބުރި އައިސް ސުނީތާ ބުނެފައި ވަނީ ޕްރިޔާންކާ ރާއްޖޭގެ ރައްޔިތުންނާ ހަމަ އަށް ވެސް ގެނެސްދޭނެ ކަމަށެވެ. އެހެންވީމަ، ޕްރިޔާންކާއޭ ކިޔައިގެން ރާއްޖޭގައި މިހާރު ދެކެވޭ ވާހަކަ ހަގީގަތަކަށް ވެއްޖެ ނަމަ ސުނީތާގެ ވައުދު ވެސް ފުއްދުނީ އެވެ.

"އަޅުގަނޑު ބުނިން ދޯ އޭނާ ގެންނާނަމޭ ވެސް. ދެން މިފަހަރު ޕްރިޔާންކާ އަތުވެއްޖެ ނަމަ މިއީ ހަމަ އަޅުގަނޑު އޭނާ ގެނައުން ކަހަލަ ކަމެއް ނޫންތޯ؟،" ސަމާސާ ރާގެއްގައި ސުނީތާ ބުނީ މިހެންނެވެ.

"ދެން ވަރަށް އުފާވޭ. މިއީ އަސްލު ހުވަފެނެއް. އަޅުގަނޑު ބޭނުން ރާއްޖޭގެ އެންމެނަށް އޭނާ މިގޮތަށް ފެންނަން. އަޅުގަނޑު ވަރަށް އުފާވާނެ ޕްރިޔާންކާ އަތުވެއްޖެ ނަމަ."

ސުނީތާ ބުނީ ޕްރިޔާންކާ އަތުވެއްޖެ ނަމަ އޭނާއާ ބައްދަލުކުރަން މަސައްކަތްކުރާނެ ކަމަށާއި އެފަދަ ފުރުސަތެއް ލިބޭނެ ކަމަށް ވެސް އުއްމީދުކުރާ ކަމަށެވެ. އަދި ޓޫރިޒަމް ޕްރޮމޯޓްކުރުމަށް މިފަދަ ކެމްޕޭނެއް ހިންގާތީ އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

"ޓޫރިޒަމް ދާއިރާ އަށް އަޅުގަނޑު ސެލިއުޓް ނަގަން،" ސުނީތާ ބުންޏެވެ.

ޕްރިޔާންކާ ގެންނަން އުޅޭ ކަމަށް އަޑު އަރާފައިވީ ނަމަވެސް ޝޯ އިންތިޒާމްކުރާ ފަރާތުން ސީދާ އެކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ. ނަމަވެސް އިތުބާރު ހުރި ގޮތަށް އެނގިފައިވާ ގޮތުން ޕްރިޔާންކާ ޝޯ އަށް ގެނައުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ޔަގީން ނުވަނީ އޭނާ މި ޝޯ އަށް އަންނަން އެއްބަސްވެފައިވާ ކަމެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ޝޯގައި އެމެރިކާގެ އާރްއެންބީ/ހިޕްހޮޕް ލަވަކިޔުންތެރިޔާ އޭކަން ޕާފޯމްކުރާނެ އެވެ. މި ޝޯ ކުރިއަށް ގެންދާނީ ސަލާމަތީ ފިޔަވަޅުތައް ނިކަން ވަރުގަދަކޮށް އާންމުންނަށް ހިލޭ ސާބަހަށް ހުޅުވާލައިގެންނެވެ.