ލައިފްސްޓައިލް

ބޮލަށް ބާލީސް އުރައެއް ފައްތައިގެން ބެންކެއް ލޫޓުވަން އުޅެފި

ޑަންފާމްލީންގައި ހުންނަ ބޭންކް އޮފް ސްކޮޓްލޭންޑްގެ ބްރާންޗަށް ފައިސާ ފޭރެން ވަން މީހަކު ވަރަށް މަޖާ ގޮތަކަށް ބެދިއްޖެ އެވެ.

ވައްކަން ކުރުމުގައި އަރާހުރި ޖީނިއަސް ކަމަށް ބެލެވޭ މި މީހާ ބޭންކަށް ފައިސާ ފޭރެން ވަނީ މޫނު ނުދައްކަން ވެގެން ބޮލަށް ބާލީސް އުރައެއް މަހައިގެންނެވެ. އެންމެ މަޖާ ކަމަކީ ދެލޮލާ ދިމާލުން ބާލީސްއުރައިގައި ލޯވަޅު އަޅަން މި މީހާ އަށް ނުވިސްނުނީމަ އެވެ.

ބީބީސީގައިވާ މި ރިޕޯޓުގައިވާ ގޮތުން މެތިއު ޑޭވީސް، 47، ބޭންކަށް ވަދެގަތީ ބާލީހު އުރައެއް ތެރެއަށް މަސްކޮށާ ބޮޑު ވަޅިއެއް ލައިގެންނެވެ. ބޭންކަށް ވަނުމަށްފަހު ބާލީސްއުރަ ތެރެއިން ވަޅި ނަގާފައި ބާލީސްއުރަ އޭނާ ފެއްތީ ބޮލަށެވެ. ބާލީސްއުރައިން ލޮލާ ދިމާލުން ލޯވަޅެއް ކަނޑާފައި ނެތީމަ އެއްވެސް ތަނެއް ނުފެންނަކަން އޭނާއަށް އެނގުނީ އުރަ ބޮލަށް ފެއްތީމަ އެވެ. އެހެންވެ ބާލީސްއުރަ ނެގުމާއެކު ބެންކްގައި ހުރި ސީސީޓީވީ ކެމެރާއަށް އޭނާގެ މޫނު އަރާ ގޮތް ވިއެވެ.

އެވަރުން ވެސް ދޫނުކޮށް ބެންކް މުވައްޒަފުންނަށް ވަޅިން ބިރުދައްކައިގެން އެމީހާ ވަނީ ކޮންމެވެސް ވަރަކަށް ފައިސާ ފޭރިފަ އެވެ.

އަދި ލިބުނު ފައިސާކޮޅު މަދުކަމުން އިތުރަށް ފައިސާ ދިނުމަށާއި ނޫނީ އެ ތާނގައި އެވަގުތު ހުރި އަންހެން ކަސްޓަމަރަކަށް ހަމަލަ ދޭނެ ކަމަށް އެމީހާ ބުނި ކަމަށް ވެއެވެ. އެންމެ ފަހުން 2،000 ޕައުންޑު ފޭރިގެން އެމީހާ ބޭންކުން ނިކުމެގެން ދުވެ ފިލީ އެވެ.

ނަމަވެސް އޭނާގެ ފަހަތުން ބަޔަކު އަންނަ ކަމަކަށް މެތިއު ހިއެއް ނުކުރެ އެވެ. ނަމަވެސް އިސާހިތަކު އޭނާ އަތުލައިގަނެ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ބޭންކެއް ލޫޓުވުމުގެ އިތުރުން ހަތިޔާރު ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ.