ލައިފްސްޓައިލް

އަލަމާރީގައި ހަނޑޫ ބެހެއްޓީމަ ވާ ގޮތް އެނގޭތަ؟

ހަނޑުލަކީ އިންސާނުން ކެއުމަށް އާއްމުކޮށް ބޭނުންކުރާ އެންމެ މުހިންމު އެއް ބާވަތެވެ. ނަމަވެސް ހަނޑުލުން ފުދޭ އެހެން ކަހަލަ ބޭނުންތައް ހުންނަކަން އެނގޭ ހެއްޔެވެ؟ ހަމަ ގައިމުވެސް އެއް ކަމެއް ވަރަށް ގިނަ މީހުންނަށް އެނގިގެން ކުރެ އެވެ. ފޯނަށް ފެންވަދެއްޖެނަމަ ހިއްކަން ހަނޑޫ އެއްޗަކަށް ލުމެވެ. ނަމަވެސް ހެދުން ލާ އަލަމާރިގައި ހަނޑޫ ބެހެއްޓީމާ ވާ ގޮތް އެނގެނީ މަދު ބަޔަކަށެވެ.

ފޯނު ތެރެއަށް ފެން ވަދެއްޖެނަމަ ފޯނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް އަވަހަށް ހަނޑޫ އެއްޗަކަށް ލާ މީހުން ވަރަށް ގިނަ އެވެ. ހަނޑޫ އެއްޗަށް ލީމަ ފޯނު ރަނގަޅުވަނީ ފޯނުގައި ހުންނަ ތެތްކަން ހަނޑޫ ތަކަށް ދަމައިގަންނާތީ އެވެ. އެގޮތުން ބައެއް ފަހަރު ހެދުންލާ އަލަމާރީގައި ވެސް ތެތްކަން ހުރެދާނެ އެވެ. އެއީ ކޮންމެވެސް ގޮތަކުން ވާރޭ ވެހޭއިރު ގެޔަށް ފެންވަންނާތީ އަލަމާރި ފޯވެގެން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނޫނީ އެއްޗެހި ދޮވެފައި ރަނގަޅަށް ނުހިކެނީސް އަލަމާރީއަށް ލީމަ ވެސް އަލަމާރީގައި ތެތްކަން ހުރެދާނެ އެވެ. އަލަމާރީގައި އެއްވެސް ވަރަކަށް ތެތްކަމެއް ހުރެއްޖެނަމަ އަންނައުނުތަކުން ފާޑެއްގެ ތަތްމުޑު ވަހެއް ދުވާނެ އެވެ. އަދި ފަންގަސް ފަދަ އެއްޗެތި ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކޮންމެ ފަދަ ހާލަތެއް ދިމާވެގެން ނަމަވެސް އަލަމާރީގައި ތެތްކަން ހުންނަ ގޮތް ވެއްޖެނަމަ ހަނޑުލުން މި މައްސަލަ ހައްލު ކުރެވޭނެ އެވެ. މިކަމަށް ބޭނުންވާނީ ޖޯޑެއްގެ ހަނޑުލެވެ. އެންމެ ރަނގަޅީ ހުދު ހަނޑުލެވެ. ދެން އެސެންޝަލް އޮއިލް 15 ނުވަތަ 20 ތިއްކެވެ. އެމީހަކަށް މީރުވަސް ދުވާ ވައްތަރެއް ރަނގަޅުވާނެ އެވެ. ދެން ބޭނުންވާނީ ހަނޑޫކޮޅު އަޅާލެވޭ ވަރުގެ ބޯތައްޓަކާއި ތުނި ފޮތިކޮޅެއް އަދި ރަބަރުފަށެކެވެ.

ބޯތައްޓަށް ހަނޑޫކޮޅު އަޅާލާފައި އެސެންޝަލް އޮއިލް 15 ނުވަތަ 20 ތިކި ޖަހާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓީ-ޝާޓް ފޮތި ކަހަލަ ފޮތިކޮޅެއް މަތީގައި އަޅާފައި ރަބަރު ފަށް އައްސާލާށެވެ. ހެދުން އަލަމާރީގެ ކޮންމެވެސް ތަނެއްގައި ކުދިންނަށް އަތް ނުފޯރާ ހިސާބެއްގައި ބަހައްޓާށެވެ. ދެ ތިން މަސް ވީމަ ހަނޑޫކޮޅު ބަދަލުކުރަން ޖެހޭނެ އެވެ. ހުދު ހަނޑުލުގެ ބަދަލުގައި ބްރައުން ރައިސް ބޭނުންކުރާނަމަ މިއަށް ވުރެ އަވަހަށް ހަނޑޫކޮޅު ބަދަލުކުރަން ޖެހޭނެ އެވެ. ސަބަބަކީ ހުދު ހަނޑުލަށް ވުރެ ރަތް ހަނޑޫ ހަލާކުވާލެއް އަވަސްވާނެތީ އެވެ.

ހަނޑުލަކީ ހަމަ އެކަނި އެއާފްރެޝްނާ އެއްގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެއް ނޫނެވެ. ފޯނު ފެނަށް ވެއްޓުނީމަ ވެސް ހަނޑޫ އެއްޗަކަށް ލައިގެން ފޯނު ހިއްކާލީމަ ރަނގަޅު ވެއެވެ. އެންމެ ފުރަތަމަ ސިމް ކާޑު ނަގާށެވެ. ބެޓެރީ ވެސް ނެގޭ ނަމަ ނަގާފައި ހަނޑޫ އެއްޗަށް ލާފައި މަދުވެގެން 48 ގަޑިއިރު ބާއްވާށެވެ. ބައެއް މީހުން ބްލޯ ޑްރަޔާ އިން ފޯނު ހިއްކަ އެވެ. ނަމަވެސް ބްލޯ ޑްރަޔާ އިން ނުކުންނަ ހޫނު ވައިން ފޯނަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ދޮންކޭލުގެ ތޮށިގަނޑަށް ކަޅުކުލަ އެރީމަ އަލުން ދޮންކުލަ އަރުވަން ހަނޑޫ ބޭނުން ކުރެވޭކަން އެނގޭ ހެއްޔެވެ؟ ދޮންކެޔޮ ތޮށިގަނޑު ކަޅުވީމަ އެއްގޮތަކަށް ވެސް ކާހިތެއް ނުވާނެ އެވެ. އަދި ރަހަ ވެސް ނުބައިވާނެ އެވެ. އެހެންވީމަ ގިނަ މީހުން މި ފަދަ ދޮންކެޔޮ އުކާލަނީ އެވެ. ނަމަވެސް ކަޅުވެފައިވާ ތޮށިގަނޑަށް އަލުން ދޮންކުލަ އަރާނެ އުކުޅެއް ވެއެވެ. ޒިޕްލޮކް ބޭގަކަށް ހަނޑޫކޮޅެއް އަޅާށެވެ. ދެން އެޔަށް ދޮންކެޔޮވައް ލާށެވެ. ކޮތަޅު ރަނގަޅަށް ބަންދުކުރާށެވެ. ދޮންކެޔޮ ރީތިކޮށް ފޮރުވޭވަރަށް ހަނޑޫ އަޅަން ޖެހޭނެ އެވެ. ގަޑިއެއްހާއިރު ކޮތަޅުގައި ދޮންކެޔޮވައް ބާއްވާށެވެ. ގަޑިއެއްގެ އިރުވީމަ ނަގާފަ ބްލޯ ޑްރަޔާ އަކުން ރަނގަޅަށް ވައި ފޮނުވާލާށެވެ. ޖާދޫއެއް ފަދަ ގޮތަކަށް ކަޅު ތޮށިގަނޑަށް އަލުން ދޮންކުލަ އަރާނެ އެވެ.