ކުއްލިއަކަށް އާމިރު އަހަރެންގެ އަތުގައި ހިފިއެވެ. އޭނާ އަހަރެންގެ އަތަށް ބާރުކޮށްލިއެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނަށެވެ. ދެ ލޮލަށެވެ. އާމިރުގެ ދެ ލޯ ވަނީ ރަތްވެފައެވެ. ބަރު ހެލިވެފައިވާ ކަރުނަތައް އާމިރުގެ ކޯތާފަތް މައްޗަށް އޮހެމުން ދިޔައެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. އޭނާއާ މެދު ހަމްދަރުދީ އުފެދެން ފެށިއެވެ. ކުއްލިއަކަށް އަހަރެންގެ ޚިޔާލުތައް ބަދަލުވާން ފެށިއެވެ.
"ދެން އެ ވާހަކައެއް ނުދައްކާނަން."
އަހަރެން ބޭނުންވީ އާމިރު ހިތް ހަމަ ޖައްސައިދޭށެވެ. އޭނާ ހިތުގައި ޖެހުނީ އަހަރެންގެ ސަބަބުންނެވެ. އަހަރެން ދެއްކި ވާހަކައެއްގެ ސަބަބުންނެވެ. އެއީ އާމިރު ދައްކަން ބޭނުން ނުވާ ވާހަކައެއް ކަން އެތައް ފަހަރަކު އޭނާ ބުނެދީފިއެވެ. އެވާހަކަ ދައްކާ ކޮންމެ ދުވަހަކު އާމިރުގެ މޫޑު ހަރާބުވެ މީހާ ނެގިމަޑުވާ ކަން އަހަންނަށް ފާހަގަކުރެވެއެވެ.
"ނޫން. ދައްކާ! އަހަރެންގެ މައްސަލައެއް ނެތް،" އާމިރު ގިސްލަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. "އަހަންނަށް ވެސް އެނގޭ ނާނާ ވެސް އެ އުފާ ބޭނުންވާނެކަން. އެ ހިތްހަމަ ޖެހުމަށް އެދެވޭނެ ކަން."
"ދުނިޔޭގަ އުޅޭ ހުރިހާ އެންމެންނަކަށް ހުރިހާ އުފަލެއް ނުލިބޭނެ. އަހަރެން ކިތައްމެ ބޭނުންވި ނަމަވެސް އަހަންނަށް ވެސް ނުލިބޭނެ އުފާތައް، ނުލިބޭނެ ފުރުޞަތުތައް ހުންނާނެ. އެކަން އަހަރެން ގަބޫލުކުރަން." ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތަކާ ދެކޮޅަށް އަހަރެން ވާހަކަ ބައްޓަން ކުރީމެވެ.
އެ ދުވަސް ވެސް ނިމިގެން ދިޔައީ އެގޮތަށެވެ. އަހަރެންގެ ހިތަށް އުފަލެއް އަރާމެއް ނުލިބިއެވެ. އަހަންނަށް ޖެހުނީ އާމިރު ބޭނުންވާ ގޮތަށް އަހަރެންގެ ވިސްނުން ބަދަލުކުރާށެވެ. އެއީ އަހަންނަށް އާ ކަމެއް ނޫނެވެ. އާމިރަކީ މުޅީން ތަފާތު މީހެކެވެ. އޭނާގެ މިޒާޖާއި އޭނާގެ ވިސްނުމަކީ ތަރާދު ކުރަން ދަތި ކަންކަމެވެ. މިނިކާވަގެއް އޮޅުކުރުމަށް ވުރެ އޭނާގެ އެކަމާ މެދު ވިސްނާ ގޮތް ދެނެގަންނަން އުނދަގޫ ވާނެއެވެ.
"އަހަރެން ހިތަށް އަރާ ނާނާއަށް ކެތްވެޔޭ!" ހަވީރު ގެއަށް ގޮސް މަންމަގެ ގާތު އެ ވާހަކަ ބުނުމުން މަންމަ ޝަކުވާކުރިއެވެ. "އޭނާ ކީއްވެގެންތަ ދެކޮޅު ހަދަނީ؟"
"ނޭނގެ! މީ އަހަންނަށް ހުރި ގޮތް ކަންނޭނގެ،" މަންމަގެ އުނގުގައި ބޯ އަޅައިލައިގެން އޮވެ އަހަރެން ބުނެލީމެވެ. "މަންމައާއި ބައްޕައަށް އަހަރެން ޝުކުރުވެރިވަން. އަހަރެންގެ ލޯ ހުޅުވައިދީ ގޯސް މަގުން ދުރުކޮށްދިނީތީ. މަންމަމެންގެ ނުރުހުމުގަ ފުރަތަމަ ކުރެވުނު ކައިވެނިން ވަރަށް ގިނަ ކަންކަން ދަސްވި."
އަހަރެންގެ އަލަތު ކައިވެނީގެ ތަޖުރިބާގެ އަލީގައި ވާހަކަދެއްކީމެވެ. އެއީ އަހަންނަށް ހެދުނު ގޯހެކެވެ. ނުވެސް ދަންނަ މީހެއްގެ ބަހަށް ހެއްލިގެން މަންމަމެން ދޫކޮށްލައިފައިދިޔުމެވެ. ކައިވެންޏަށް ދެ މަސް ނުވަނީސް އެ ކައިވެނި ރޫޅުނު ގޮތެވެ. މަސްތުވާތަކެއްޗަށް ދެމި ހިފައިފައި ހުރި މީހެއްގެ އަވާގައި ޖެހި ލިބުނު ލަނޑެވެ. އަހަރެން ދެއްކީ އެވާހަކަތަކެވެ. ނަމަވެސް މަންމަ އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
"މަންމައަށް ވެސް ގޯހެއް ހެދިއްޖެ." މަންމަގެ އަޑު ބަދަލުވަމުން ދިޔައެވެ.
"މަންމަ ރޮނީތަ؟" އަހަރެން ތެދުވެ މަންމަގެ މޫނަށް ބަލައިލީމެވެ.
މަންމަގެ ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ދަތްދޮޅިއާ ހަމައަށް ފައިބަމުން ދިޔައެވެ. މަންމަ އިނީ ސީދާ އަހަރެންގެ މޫނަށް ބަލައިގެންނެވެ.
"މަންމާ! ކިހިނެއްތަ ވީ؟" އަހަރެން މަންމަގެ ކޮނޑުގައި ހިފައި ތަޅުވާލީމެވެ.
"މަންމައަށް ވިސްނޭ. މަންމައަށް އިހްސާސްކުރެވޭ. ދަރިފުޅާ މަންމައަށް މަޢާފުކުރޭ." އަހަރެންގެ ގައިގައި އޮޅު ލައިގަނެގެން އޮވެ މަންމަ ރޯންފެށިއެވެ.
"މަންމާ!" އަހަރެން ބޭނުންވީ މަންމައަށް އެ ފުރުސަތު ދޭށެވެ.
"ދަރިފުޅާ! އާމިރަކީ މަންމަ ހީކުރި ކަހަލަ މީހަކަށް ނުވި. މަންމަމެންނަށް ފެނުނު އާމިރަކީ ވަރަށް ހުލްގު ހެޔޮ އުޅުންހުރި މީހެއް. މީހުންނަށް އޯގާތެރި، ރަހުމު ހުރި މާތް މީހެއް. މީހުންގެ އަޑު އަހާ މީހުން އިހުސާސްތަކަށް އިހްތިރާމްކުރާ މީހެއް،" މަންމަ ގިސްލަމުން ގިސްލަމުން ވާހަކަދެއްކިއެވެ. "އެކަމަކު...، އެކަމަކު އެއީ އޭނާ މަންމަމެންގެ ރުހުން ހޯދަށް ކުރި ކަމެއް. މަންމަމެންގެ ހިތް ލަންބުވަން ޖެހި މަޅިއެއް. ދެއްކި ދަޅައެއް."
މަންމަގެ ވާހަކަތައް އަޑުއަހަން އަހަންނަށް ފަސޭހައެއް ނުވިއެވެ. އާމިރާ މެދު ނުރުހޭ ވާހަކަ އަޑުއެހުމަކީ އަހަންނަށް ފަސޭހަކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އަހަރެން އޭނާ ދެކެ ލޯބިވަމެވެ. ހިތާއި ރޫޙުންނެވެ. އަހަރެން، އާމިރާ ކައިވެނި ކުރީ އޭނާއަކީ ކާކުކަން ރަނގަޅަށް ދަސްކޮށްފައެވެ. އޭނާގެ މިޒާޖާއި އޭނާގެ ރަހަ ބެލުމަށް ފަހުގައެވެ. އޭރު އޭނާއަކީ އަހަންނަށް އެންމެ ހެޔޮ ވަރަށް ހުރި މީހެކެވެ. އޭނާގެ ވިސްނުމަކީ އަހަރެންގެ ވިސްނުމެވެ. އޭނާގެ ރަހައަކީ އަހަރެންގެ ވެސް ރަހައެވެ. އަދިވެސް އެކަންކަން ހުރީ އެ މަގުގައެވެ. އެ ކަން ކަމެއް ބަދަލެއް ނުވެއެވެ.
"ނޫން މަންމާ! އާމިރަކީ ރަނގަޅު މީހެއް. އެއީ ގޯސް މީހެއް ނޫން. އޭނާއަކީ މަންމަ ތި ބުނި ކަހަލަ އޯގާތެރިއެއް." މަންމަގެ ކޮނޑުގައި ހިފައިލަމުން ސީދާ މަންމަގެ ލޮލަށް އަހަރެން ބަލައިލީމެވެ.
"މަންމައަކަށް ނުވިސްނޭ،" މަންމަ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލިއެވެ. "އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އެއީ. އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ޝަރަފަކީ ވެސް އެއީ. އަންހެނެއްގެ އަންހެންވަންތަކަން ޔަގީންކޮށްދޭނެ ނިޝާނަކީ ވެސް އެއީ. އާމިރު ކީއްވެތަ އެކަމާ އިންކާރު ކުރަނީ؟ ކީއްވެތަ އޭނާ އެކަމަށް ދެކޮޅު ހަދަނީ؟"
މަންމަ ހިފީ ސީދާ އާމިރުގެ ބަލިފައިގައެވެ. މީހެއްގެ ހުރިހާ ކަމެއް ރަނގަޅު ވެފައި އެންމެ ކަމެއް ގޯސްވިޔަސް އެ މީހާއަކީ އެއީ ނުބައި މީހެއް ކަމަށް ނިންމާ ތައްގަނޑު ޖަހަން ޖެހޭ ސަބަބެއް ހެއްޔެވެ؟ ނޫނީ ތިމާ ބޭނުންވާ ހުރިހާ ކަމެއް ކޮށްދީދީ ހުރި މީހަކަށް ތިމާ ބޭނުންވާ އެއްމެ ކަމެއް ކޮށްނުދެވޭނޭ ބުނުމަކީ އެއީ އެމީހާއާ މެދު ގޯސް މީހެއް ކަމަށް ދެކެން ޖެހޭ ސަބަބެއް ހެއްޔެވެ؟ އެއީ އެމީހާއާ މެދު ދެކޭ ގޮތް ބަދަލުވާން ޖެހޭ ސަބަބެއް ހެއްޔެވެ؟ މިއީ އަހަރެންގެ ހިތުގައި އުދުހެމުންދާ ސުވާލުތަކެކެވެ. ބައެއް ފަހަރު އަހަންނަށް ވިސްނެނީ ވެސް އެ މޭރުމުންނެވެ. މަންމަގެ އެ ވިސްނުމުންނެވެ.
"މަންމާ! އަހަރުމެންނަށް މާ އަމިއްލަ އެދުން އިސްކުރެވެނީ ކަން ނޭނގެ!" އަހަރެން މަޑުމަޑުން ބުނެލީމެވެ.
"އަހަރުމެންނެއް ނޫން. އޭނާގެ އަމިއްލަ އެދުން އޮތީ." މަންމަ ހިތްހަމަ ނުޖެހުނެވެ.
"މަންމާ!" ޝަކުވާގެ ރާގުގައި އަހަރެން ބުނެލީމެވެ.
"ދަރިފުޅާ! ދަރިފުޅުގެ އުމުރު މިހާރު ތި ހުސްވަނީ. މުސްކުޅިވެ ގައިބާރު ދެރަވެ، މީހާގެ ޒުވާންކަން ގެއްލުނީމަ ކިތައްމެ ބޭނުންވިޔަސް އެއީ ވާނެ ކަމެއް ނޫން. ކޮންމެވެސް ކަމެއް ވީމަ ވަކި އުމުރެއްގެ ކުރީން އެކަންކަން ނިންމަން އިރުޝާދު ދީފަ އެ އޮންނަނީ،" މަންމަ އަހަރެންގެ އަތްތިލައިގައި ހިފައިލިއެވެ. "ފުލެޓެއް ލިބުނީމަ، ނޫނީ ދެމީހުން ނޫނީ އެކަކަށް ޕީއެޗްޑީ ލިބުނީމަ، ނޫނީ ބޭނުންވާ މަގާމަށް އާދެވުނީމަ ނޫނީ އެކަން ކުރަން ތިއްބާ ތިމާމެންގެ އުމުރު ހުސްވާނީ. ދަރިފުޅަކީ އަންހެނެއް. އަންހެނުންނާއި ފިރިހެނުން ތަފާތުވާނެ."
މަންމަ އެ ދައްކަނީ ވެސް ގޯސް ވާހަކައެއް ނޫނެވެ. އެއީ ވެސް ވިސްނަން ޖެހޭ ވާހަކަތަކެކެވެ. ފިކުރު ހިންގަން ޖެހޭ ކަންކަމެވެ. އަހަރެން އާމިރުގެ ގާތުގައި ދައްކަނީ ވެސް އެވާހަކަތަކެވެ. އޭނާއަށް ވިސްނައި ދެނީ ވެސް އެ މޭރުމުންނެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ހަތިޔާރު ބަހައްޓަން ޖެހެނީ އަހަންނަށެވެ. އޭނާ ދައްކާ ކޮޅުތައް ގިނަވީމައެވެ. އޭނާގެ ވާހަކަތައް މޮޅުވީމައެވެ. އޭނާގެ ހުނަރުވެރިކަމުންނެވެ. އަހަންނަށް އެނޫން ގޮތެއް ނޯންނަނީއެވެ.
އަހަންނާއި އާމިރު ތިބީ ރެސްޓޯރެންޓެއްގައެވެ. އޯޑަރު ދިނުމުން އަހަރެން ބަލައިލީ އާމިރުގެ މޫނަށެވެ. އޭނާ ފެންނަނީ ވަރަށް ތާޒާކޮށްނެވެ. މޫނުމަތިން ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ.
"މިއަދު ތުއްތައާއެކު ލާލާ ވެސް އައި. ލާލާ ވަރަށް ލޯބި. ތުއްތަ ބުނީ މިހާރު ހަމަ އެއްވެސް ވަގުތެއް ނުވެޔޭ. މުޅީން އުޅެން ޖެހެނީ ލާލާގެ ކަންކަމުގައޭ."
އާމިރުގެ މޫނުމަތީގެ ކުލަވަރަށް ބެލުމަށްފަހު އަހަރެން ބުނެލީމެވެ. އެއީ އެކަހަލަ ވާހަކައެއް ދައްކަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް އަހަންނަށް ގަބޫލުކުރެވުނެވެ. އާމިރު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އޭނާ ފާޑަކަށް ހިނިތުންވެލިއެވެ.
"ކޮބާ ދޮންތަގެ އެ ސޮރަށް ގެނައި ގަމީސް ހެޔޮވަރުތަ؟" އާމިރު ފެށީ އެހެން ވާހަކައެކެވެ. "އަދި މި އުޅެނީ ގުޅައި ވެސް ނުލެވިގެން. ވަރަށް ވާހަކަ ހުންނާނެ އެ ސޮރަށް ގުޅައިލީމަ."
"އިއްޔެ އުޅުނު އެ ސޮރު ގުޅައިގެން. އެ ގަމީސް ލައިގެން ވީޑިއޯ ކޯލެއް ކުރި. އާމިރު ކޮބައިހޭ ވަރަށް އެހި. ވަރަށް އުފަލުން ހުރީ. ވާހަކަފަށެއް ދެއްކި." އާމިރުގެ ވާހަކައިގެ ތެރެއަށް އަހަންނަށް ބައިވެރިވެވުނެވެ.
"އެބައޮތޭ ސަޕްރައިޒެއް. އަދި އެ ވާހަކަ ވެސް ނުބުނެ މި އުޅެވެނީ." އާމިރު އަހަރެންގެ އަތުގައި ހިފައިލިއެވެ. "ލޯ މަރައިލަ ބަލަ."
އަހަރެން ލޯ މަރައިލީމެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. ސިކުނޑީގައި ކުރެހެމުން ދިޔައީ އުފާވެރި މަންޒަރުތަކެކެވެ. ހިތުގައި ޖަހަމުންދިޔަ ވިންދާ އެކުވަމުން ދިޔައީ މަޑުމަޑު ހިމޭން މިޔުޒިކީ އަޑުތަކެކެވެ. އެތައް ހަނދާންތަކެއް އެކުގައި ސިކުނޑި ތެރެއަށް ފޭދިގެން ދިޔައެވެ. އުފާވެރި މަންޒަރުތަކެވެ. އެއީ އާމިރުގެ ސަޅިކަމެވެ. އަހަރެން ދެކެ އޭނާ ލޯބިވާކަމުގެ ނިޝާންތަކެވެ. ލޯބި އޭނާ މާނަކުރާ ގޮތްތަކެވެ. އަހަންނަށް ލޯބި ދަސްވީ އެގޮތަށެވެ. އޭނާ ލޯބި ދަސްކޮށްދިން ގޮތަށެވެ. ލޯބީގެ މެހެފިލްތަކުން ހިތް އުފާކުރާށެވެ. ލޯބީގެ ވާހަކަތަކުން ހިތްހަމަ ޖައްސުވާށެވެ. އެކި މަންސަތަކުގައި އެވާހަކަތައް ހިއްސާކުރާށެވެ. އެވާހަކަ އާއްމުކުރާށެވެ.
އާމިރަކީ އެހެން މީހުންގެ ޝައުގުވެރިކަން ހޯދުމަށް ބޭނުންވާ މީހެކެވެ. އެހެން މީހުންގެ ތައުރީފު ބޭނުންވާ މީހެކެވެ. އޭނާގެ ހަރަކާތްތަކަށް އެހެން މީހުންގެ ރުހުން ހޯދަން އުޅޭ މީހެކެވެ. އާއްމު ވިސްނުންތަކާ އާމިރުގެ ވިސްނުމާ ތަފާތުވާނެއެވެ. އޭނާ ގަބޫލުކުރަނީ އެއީ ތަހުޒީބު ކަމުގައެވެ. އޭނާ ގުޅުން އޮންނާނީ މަތީފަންތީގެ މީހުންނާއެވެ. އިހުތިޔާރު ކުރާނީ މަތީ ފަންތީގެ ގޮތްތަކެވެ. ވަދެ އުޅޭނީ މަތީ ފަންތީގެ ތަންތަނަށެވެ. ދަތުރުކޮށް އުޅޭނީ ވެސް އެ ފަންތީގެ މަންޒިލް ތަކަށެވެ. އަހަންނަކީ އޭނާގެ ހިޔަނިކަމުގައި އަބަދުމެ ހަދައެވެ. ކޮންމެ ތަނަކަށް ދިޔަޔަސް، ކޮންމެ ކަމެއް ކުރިޔަސް އޭނާގެ އެއްމެ ގާތުގައި އަހަރެން ބަހައްޓައެވެ. އާމިރާ މެދު ޝައްކުގެ ނަޒަރުން ބަލާނެ ފުރުޞަތެއް އޭނާ އަހަންނަކަށް ނުދެއެވެ.
"ނާނާ! ދެން ލޯ ހުޅުވާލަ." އާމިރުގެ ވައި އަޑުން ބުނެލިއެވެ.
ސިހިފައި އަހަންނަށް ލޯ ހުޅުވާލެވުނެވެ. އޭރު އާމިރު އޮތީ އަހަންނާ ދިމާއަށް ގުދުވެގެންނެވެ. އަހަރެންގެ ކޯތާފަތުގައި އޭނާގެ ކޯތާފަތް ޖައްސައިގެންނެވެ. އޭނާގެ ދެ އަތް އޮތީ އަހަރެން ކޮނޑާ ދިމާގައެވެ. އަހަރެން މަޑުމަޑުން ބޯ ހަރަކާތް ކޮށްލީމެވެ. އަހަރެންގެ ބޮލުގެ ހަރަކާތާއެކު އާމިރުގެ ބޮލުގެ ހަރަކާތުގެ ވަޒަން ހަމަކޮށްލިއެވެ. އާމިރުގެ އަތުގައި އެއްޗެއް އޮތް ކަން އެނގުނީ ވެސް އަހަރެންގެ އަތަށް އެ ލުމުންނެވެ.
އެއީ ސިޓީ އުރައެކެވެ. އާމިރު އޭރު ވެސް އޮތީ އަހަރެންގެ މޫނުގައި އޭނާގެ މޫނު ޖައްސައިގެންނެވެ. މަޑުމަޑުން އެ ސިޓީ އުރަ ކަނޑައިލީމެވެ. ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަހަންނަށް މޫނު އަރިކޮށްލެވުނެވެ. ބޭނުންވީ އާމިރުގެ މޫނަށް ބަލައިލާށެވެ. އޭނާ މާހުޝިޔާރެވެ. އަހަންނަށް ވުރެ ކުރިން އޭނާ އިސްނެގިއެވެ.
އެއީ އާމިރުގެ އާއްމު ހަރަކާތެކެވެ. އާއްމުކަމެކެވެ. އާމިރު ތެދުވިއެވެ. އަހަރެންގެ އަމިއްލަ ތުންފަތުގައި އަތް ޖައްސައިލެވުނެވެ. އާމިރުގެ މޫނަށް ބަލައިލެވުނެވެ. އާމިރަށް ޓިޝޫއެއް ދިއްކޮށްލީމެވެ. އާމިރު ހިފީ އަހަރެންގެ އަތުގައެވެ. ހީވަނީ ލޯބީގެ ރަން ޒަމާންތައް ކުލަވަމުން ދިޔަހެންނެވެ. ކުރެވެމުން ދިޔައީ އެ އިހުސާސްތަކެވެ. އަހަރެން އަތް ދަމައިގަތީމެވެ. އަހަރުމެން ތިބި ބައިގައި ޓަކި ޖަހައިލިހެން ހީވުމުންނެވެ. އަހަންނަށް ބަލައިލެވުނީ ފަހަތަށެވެ. އޭރު ވެއިޓަރ އަންނަނީއެވެ. އާމިރު އަވަސް އަވަހަށް ޓިޝޫއިން އޭނާގެ ތުންފަތް ފޮހެލިއެވެ. އަހަރެން ދެވަނަ ޓިޝޫއެއް ދިއްކޮށްލީމެވެ.
މޭޒުމަތީގައި އޮތް ސިޓީ އުރައަށް ބަލައިލެވުނެވެ. ސިޓީއުރައިގެ މަތީން ހަނދާންވީ ވެސް އެވަގުތުއެވެ. ސިޓީ އުރަ ކަނޑައިލުމަށްފަހު ކުރެވުނީ އެހެންކަމެއްކަން ހަނދާންވީ ވެސް އެވަގުތުއެވެ. މަޑުމަޑުން ސިޓީ އުރައަށް ބަލައިލީމެވެ. ހައިރާން ކަމާއެކު އާމިރުގެ މޫނަށް ބަލައިލީމެވެ.
"އަސްލު ވެސް." އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"އާނ!" އާމިރު ހިނިތުންވެލިއެވެ. "ސަޕްރައިޒް ސަޅިތަ؟"
"ވަރަށް ވަރަށް. ހީވެސް ނުކުރަން،" އަހަރެން ސިޓީ އުރައިގައި ހުރި ހުރިހާ ކަރުދާސްތަކެއް ބަލަމުން ވާހަކަދައްކަމުން ދިޔައީމެވެ. "މި މަހު ފަހުކޮޅު ދޯ ފުރުން މި އޮތީ؟"
އެއީ އަހަރެން އުއްމީދު ކުރި ދުވަހެއް ވެސް ނޫނެވެ. އުއްމީދު ކުރި ކަމެއް ވެސް ނޫނެވެ. އާމިރު އެ ދިނީ ކިހައި ބޮޑު އުފަލެއް ހެއްޔެވެ؟ ކިހައި ބޮޑު ހިތްހަމަ ޖެހުމެއް ހެއްޔެވެ؟
"އަހަރެން އަދިވެސް ހަނދާން އެބަހުރި ނާނާ އެންމެ ފުރަތަމަ ދުވަހު ބުނި ވާހަކަ. ކިޔަވައިގެން މޮޅު މީހަކަށް ވާން ބޭނުންވާ ވާހަކަ،" އާމިރު ހިނިތުންވެލިއެވެ. "އަހަރެން ހުރިހާ ދުވަހު މިކުރި ކަމަކީ މިއީ. އަހަރެން ޕީއެޗްޑީ ހަދަންދާއިރު ނާނާ ގޮވައިގެން ދިޔުން. އަހަރެން ބެލީ ސްކޮލަރޝިޕެއް ލިބޭއިރު ނާނާއަށް ރަނގަޅު ގޮތެއް ވާނެ ގޮތެއް ހޯދޭތޯ."
"ތިން އަހަރު؟" އަހަންނަށް ސުވާލުގެ ނަޒަރުން ބަލައިލެވުނީ އާމިރުގެ މޫނަށެވެ.
"އާނ! ކިހިނެއްވީ؟" އާމިރު ހީލިއެވެ. "މަދީ ތަ؟"
"ގިނައީ؟" އަހަންނަށް ބުނެވުނެވެ.
"ނިއުޒިލެންޑުގަ ތިން އަހަރު ހޭދަކޮށްލުމަކީ ކިހައިބޮޑު ޝަރަފެއް. މި އަހަރުމެންގެ ދެވަނަ ހަނީމޫނު ކަމަށް ބަލަމާ." އާމިރު ހޭންފެށިއެވެ.
"ދެވަނަ؟" ސުވާލުގެ މައްޗަށް ސުވާލު އިތުރުވާން ފެށީ އެހައި ހިސާބުންނެވެ.
"އާން! އަހަރުމެން ދެމީހުންގެ ކުރީން ކައިވެންޏެއް ކުރީމެއްނު. އެހެންވީމަ މީ އަހަރުމެން ދެމީހުންގެ ވެސް ދެވަނަ ކައިވެންޏެއްނު،" އާމިރު އޮޅުން ފިލުވައިދިނެވެ. "ނާނާއަށް މިހާރަކަށް އައިސް ހާދަ ލަހުންނޭ ކަމެއް ގެޓްވަނީ ވެސް."
"ތިން އަހަރު ފަހުން އަންނަ އިރު އަހަރުމެންގެ ދުވަސް އޮންނާނީ ގޮސް. އާމިރަށް ސާޅީސް އަހަރު ވާނެ، އަހަރެން ހުންނާނީ ތިރީސް އަށް އަހަރުވާން ވެފަ." އަހަރެންގެ ހިތުގައި ޖެހެމުން ދިޔައީ އެހެން ރާގެކެވެ.
"މުސްކުޅިވާތީ ކަންބޮޑުވަނީ ތަ؟ ނުވާނެ އެތަނުގެ މާހައުލާ ރާއްޖެއާ ވަރަށް ތަފާތުވާނެ. ހޫނު ގަދައެއް ނުވާނެ. އެހެންވީމަ ނާނާ ކަންބޮޑުވާކަށް ނުޖެހޭނެ." އާމިރު ކެއުމަށް އިންސާފުކުރާން ފެށިއެވެ.
އަހަރެން ވާހަކަދެއްކުން ހުއްޓައިލީމެވެ. ސިކުނޑީގައި އެނބުރެން ފެށި ޚިޔާލުތަކުގެ ސަބަބުންނެވެ. އަހަރެން ޝަކުވާ ކުރާން ބޭނުންވިއެވެ. ހިތުގައި ހުރި ހުރިހާ ވާހަކައެއް ނެރެ ހާމަކުރާން ބޭނުންވިއެވެ. ހުއްޓާ ނުލައި އާމިރު ގާތު އެވާހަކަތައް ދައްކަން ބޭނުންވިއެވެ. އަހަރެންގެ އިހުސާސްތައް އާމިރަށް އިއްވާ ނުދެވެނީ ހެއްޔެވެ؟ ނޫނީ އާމިރު އަހަރެންގެ އިހުސާސްތައް އަޑު ނާހަނީ ހެއްޔެވެ؟ ނޫނެކެވެ. އެތައް ފަހަރަކު މިހާރު އަހަރެންގެ ބޭނުން ބުނެދެވިއްޖެއެވެ. އަހަރެންގެ އިހުސާސްތައް ކިޔައި ދެވިއްޖެއެވެ. ކޮންމެ ފަހަރަކު ވެސް އޭނާ ދައްކަނީ އެއް ވާހަކައެކެވެ. އޭނާގެ ބޭނުންތަކުގެ ވާހަކައެވެ. އޭނާގެ ހުވަފެންތަކުގެ ވާހަކައެވެ. ކުރިމަގުގެ ވާހަކައެވެ. އުޅެން ޖެހޭ ގޮތުގެ ވާހަކައެވެ. ތަނަވަސް ކަމުގެ ވާހަކައެވެ. ގެދޮރު ނެތް ވާހަކައެވެ.
"އަހަރެން ބޭނުންވަނީ ކުއްޖެއް." އަހަރެން ބޭނުންވީ ކޮޅެއްގައި ޖައްސާށެވެ.
"ނާނާ؟" ގަމީހުގެ ގޮށްތައް ނައްޓަމުން އާމިރު އެނދުގައި އިށީނެވެ. "އަނެއްކާ ވެސް އެއްކަލަ މައުޟޫއަށް ވާހަކަދައްކަން ފެށީ."
"އަހަންނަށް މިކަން ކޮށްދީ! ޕްލީޒް، ޕްލީޒް! އާދެސްކޮށްފަ. އަހަރެން ކޮންމެ ހާލެއްގައި... ކޮންމެ ހާލެއްގައި ވެސް އުޅެފާނަށް. އާމިރަށް އުނދަގުލެއް ނުޖައްސާ ވެސް، އަހަރެން އުޅެފާނަން. އަހަންނަށް ދުވަހަކު ވެސް. ދުވަހަކު ވެސް ކަމެއް ކޮށްދެންޏާ މިކަން ކޮށްދީ ޕްލީޒް!" އަހަންނަށް ރޮވެން ފެށުނެވެ.
"ނާނާ!" އާމިރު ފުން ނޭވާއެއް ދޫކޮށްލިއެވެ. "މިހާރު މާލަސްވެއްޖެ. ފުރަން ހުރިހާ ކަމެއް އެ އޮތީ ހަމަޖެހިފަ. ބާކީ މިއޮތީ ހަފުތާއެއް."
"އަހަންނަށް ވާނެ. ކުރެވޭނެ. އަންހެނަކަށް ވަންޏާ އަހަންނަށް ވެސް ވާނެ. އެ ކޮޅުގަ އުޅުނަސް އަހަންނަށް ވާނެ." ގިސްލަމުން ގިސްލަމުން އަހަންނަށް ބުނެވުނެވެ.
"ކިޔަވަމުން ކިހިނެއް ހުރިހާ ކަމެއް؟" އާމިރުގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ.
"ކީއްވެ ނުވަންވީ؟" ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލީމެވެ.
"ނާނާ!" އާމިރު އަހަރެންގެ ގާތަށް ޖެހިލިއެވެ. "ކިޔެވުމަކީ ވަރަށް ބުރަކަމެއް. މި ދަނީ އަހަރެން އެކަނި ކިޔަވާކަށް ނޫން. ނާނާ ވެސް ކިޔަވަން. އަހަރެން މިދަނީ ޕީއެޗްޑީއަށް ކިޔަވަން. އެއީ ވަރަށް... ވަރަށް ވަގުތު ބޭނުންވާނެ ކަމެއް. އަނެއްކާ މި ދަނީ ސްކޮލަރޝިޕެއްގަ، ކަނޑައަޅާފައިވާ މުއްދަތަކަށް ކޯސް ފުރިހަމަ ނުކޮށްފި ނަމަ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނެ. ބަދަލު ދޭން ޖެހޭނެ. ކުއްޖަކު ހޯދައިގެން ކިހިނެއް ދެމީހުން މިކަން ކުރާނީ."
މަޑުމައިތިރި ރާގެއްގައި އާމިރު އަހަންނަށް ވިސްނައިދެވޭތޯ ބަލަމުން ދިޔައެވެ. އޭނާ އެ ދައްކަނީ ވެސް ދޮގުވާހަކަތަކެއް ނޫނެވެ. އެއީ ކަން އޮތް ގޮތެވެ. މައްސަލައަކީ އާމިރު މިއަދު މާލަސްވެއްޖޭ ބުނުމެވެ. ވަގުތު އޮއްވާ އަހަރެން މިވާހަކަ އާމިރު ގާތު ދެއްކީމެވެ. އެތައް ފަހަރަކު ދެއްކީމެވެ. އެކަމާ އޭނާ އަޅައި ނުލަނީ ކަމެއް ސީދާ ބޭނުން ނުވަނީ ކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ އަހަރެން ބޭނުން ކޮންމެ ކަމެއް ވަގުތުން ވަގުތަކަށް ކޮށްދޭއިރު ވެސް އޭނާ އެކަމަށް އިންކާރު ކުރާކަމެވެ. ދެކޮޅު ހަދާކަމެވެ. ކޮންމެވެސް ބަހަނާއެއް ދައްކާކަމެވެ.
"އަނެއްކާ އަހަރުމެން އެ ގައުމަށް މިދަނީ ވެސް އަލަށް. އެތަނުގައި ވެސް ހުންނާނެ އުޞޫލުތަކެއް، ގަވާއިދުތަކެއް. އެކަން ކަމަށް ރަނގަޅަށް ހޭނެން ވަގުތު ވެސް ބޭނުންވާނެ. ކިޔަވަން ފަށާއިރަށް ބޮލުގަ ރިހުންތައް އިތުރު ވެއްޖެ ނަމަ އޮންނާނީ ކުރަން ދިޔަ ކަންތައް ވެސް ނުވެފަ." އާމިރުގެ މޭގައި އަހަރެން ލައްކޮށްލިއެވެ.
އަހަރެން އިތުރު ވާހަކައެއް ނުދައްކަމެވެ. ވާހަކައެއް ދައްކާނެހާ ހިތްވަރު ވެސް ނެތީއެވެ. އާމިރު ވެސް ވާހަކައެއް ނުދައްކައެވެ. އިރުކޮޅެއް ވަންދެން އޭނާ ވެސް އިނީއެވެ. އާމިރުގެ ދެ އަތުން އަހަރެން ކޮނޑުގައި ފިރުމަމުން ދިޔައެވެ.
"ނާނާއަށް ރަނގަޅަށް އެނގޭނެ މީ ވަރަށް ދުރާލާ އަހަރެން ރާވަމުން އައި ކަމެއްކަން. ވަރަށް ކުރީއްސުރެ ދެކެމުން އައި ހުވަފެނެއްކަން. އަހަރުމެންގެ ކައިވެންޏަށް ފަނަރަ އަހަރު މިވީ މިކަމާ އުޅޭތާ. ހުރިހާ ކަމެއް މަގުފަހި ވީމަ ދެން މިކަމަށް ހުރަސް އެޅޭ އެހެން ކަންކަން ކުރަން އުޅުނީމަ ވާނެ ގޮތް ނާނާ ވެސް ވިސްނައިލަ." އާމިރު އަހަރެން ބޮލުގައި ފިރުމައިލިއެވެ.
އަހަރެންގެ ހިތުގައި ޝަކުވާތައް އުތުރި އަރަމުން ދިޔައެވެ. ކައިވެންޏަށް އެއް އަހަރު ވެސް ނުވަނީސް އާމިރު ގާތު މި ވާހަކަ ނުދައްކަނީ ހެއްޔެވެ؟ އޭރު އޭނާ ކިޔަމުން އައީ އެހެން ލަވައެކެވެ. ދެތިން އަހަރު ވީމަ އެކަމާ އުޅޭނެ ވާހަކައެވެ. ދެމީހުން ރަނގަޅަށް ދަސްކުރާން ޖެހޭނެ ވާހަކައެވެ. ދަރީން ލިބުމުން ކައިވެނި ރޫޅެން ޖެހުމުން އެކަމުގެ ވޭން ދަރީން އުފުލަން ޖެހޭނެ ވާހަކައެވެ. ހެކި ދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ދިރިއުޅުމުންނެވެ.
އާއެކެވެ. އާމިރަކީ ކުރިން އެހެން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. އެ ކައިވެންޏަށް އަހަރެން ނުވަނީސް އޭނާއަށް އަންހެން ކުއްޖަކު ލިބުނެވެ. އެއީ ދިމްނާއެވެ. ދިމްނާއަށް އަހަރެއް ނުވަނީސް އެމީހުންގެ ކައިވެނި ރޫޅުނެވެ. އާމިރުގެ ބުނަނީ އެކައިވެނި ރޫޅެން ޖެހުނީ އިރާޝާގެ ސަބަބުން ކަމަށެވެ. އިރާޝާއަކީ ދިމްނާގެ މަންމައެވެ. އިތުރު ތަފްސީލެއް އާމިރު ނުދެއެވެ. އަހަރެން އެ ކަން ބަލާކަށް ވެސް ނޫޅެމެވެ.
އަހަންނަށް ދުވަހަކު ވެސް އިރާޝާއާ ބައްދަލެއް ނުވެއެވެ. ނަމަވެސް ފޯނުން ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވެއެވެ. ދެކެވޭނީ ދިމްނާ އާ ގުޅުން ހުންނަ ވާހަކައެކެވެ. އެވެސް ދިމްނާ މާލޭގައި އުޅޭ ނަމައެވެ. ދިމްނާ އުޅެނީ އިރާޝާއާއެކު ހުވަދޫގައެވެ. ދިމްނާ މާލެ އަންނަނީ ވަރަށް މަދުންނެވެ. އަހަރެން ބޭނުވުމުންނެވެ. ދިމްނާ މާލެއައިސް ހުންނާނީ އަހަރެން ގާތުގައެވެ. ނިދާނީ އަހަރެން އެނދުގައެވެ. އަހަންނާ އެކުގައެވެ. އަހަރެން އޭނާއާއެކު ޕާކަށް ދަމެވެ. ރިސޯޓަށް ދަމެވެ. އެއީ އުފާވެރި އިހްސާސެކެވެ. އުފާވެރި ހަނދާނެކެވެ.
އަހަންނަށް ފާހަގަވާ ކަމެއް އޮވެއެވެ. އާމިރު ދުވަހަކު ވެސް ދިމްނާއާ ދިމާއަށް ދަރިފުޅާއޭ ކިޔާ ނުގޮވާކަމެވެ. އޭނާ ދިމްނާއާ ވާހަކަދައްކަނީ ވާހަކަދައްކާ ހިތުން ނޫންކަމެވެ. ދިމްނާ މާލެ އަޔަސް އާމިރު ހިތްހަމަ ނުޖެހޭ ކަމެވެ. ދިމްނާއާ ގުޅުން ހުރި ކޮންމެ ކަމެއްގައި އިސްނަގަން ޖެހެނީ އަހަން ނަށެވެ. އާމިރު ލައްވާ ކަމެއް ކުރާނަމަ އެކަން ކުރަން ޖެހޭނީ ގަދަކަމުންނެވެ. ދިމްނާއަށް ބޭނުންވާ އެއްޗެއް ހޯދަން، އިރާޝާ ބުންޏަސް އެކަން ކުރާން ޖެހެނީ ވެސް ގަދަ ކަމުންނެވެ.
ދަރިއަކު ހުރުމަކީ ކިހައި ބޮޑު އުފަލެއް ހެއްޔެވެ؟ އެއީ ކިހައި ބޮޑު ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ ދަރިއަކު ނެތް މީހަކީ ކިހައި އެކަނި ވެރިއެއް ހެއްޔެވެ؟ އެއީ ކިހައި ނިކަމެތި ކަމެއް ހެއްޔެވެ؟ ކައިވެނީގެ މޭވާއަކީ ދަރީންނޭ ކިޔާތީ އަހަމެވެ. ދިރިއުޅުމުގެ ކުންނަކީ ޞާލިހު ދަރިންތަކެއް ބިނާކުރުމެވެ. އެހެންނޫނީ ކައިވެނީގެ އަގެއް އޮންނާނެ ހެއްޔެވެ؟ ކައިވެނީގެ މަޤްޞަދެއް އޮންނާނެ ހެއްޔެވެ؟ އާމިރާއި ދިމްނާގެ މެދުގައި އެހައި ބޯ ފާރެއް ރޭނީ ކާކު ހެއްޔެވެ؟ އިރާޝާ ހެއްޔެވެ؟ ނޫނީ އާމިރު ހެއްޔެވެ؟ ނުނީ އަހަރެން ހެއްޔެވެ؟ ޔަގީން ވާ ކަމަކީ އަހަރެން ފާރެއް ނުރާނާކަމެވެ. އަހަރެން މި ބަލަނީ އެ ހުރަސްތައް ނައްތައިލެވޭތޯއެވެ.
ދިމްނާއަކީ އާމިރު ދަރިއެއް ކަމަށް އޭނާ ގަބޫލު ނުކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ނަމަ ދިމްނާގެ ނަމުގެ ފަހަތަށް އާމިރުގެ ނަމެއް ނުލެވުނީހެވެ. އާމިރު ދުވަހަކު ވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ.
ދަރިންނަކީ އެންމެނަށް ލިބޭ ނިއުމަތެއް ވެސް ނޫނެވެ. ދަރީންނަކީ މާތްﷲ ދެއްވާ އަމާނާތެކެވެ. ނިއުމަތެކެވެ. އެކަލާނގެ އިރާދަކުރެއްވި މިންވަރަކަށް، އިރާދަކުރެއްވި އަޅަކަށް އެ ނިއުމަތް ދެއްވައެވެ. ދަރީއަކު ހޯދުމަށް މީހުން އެވަނީ ކޮންކަހަލަ މަތިވެރި ގުރުބާނެއް ހެއްޔެވެ؟ ދަރީން ނުލިބިގެން އެ ބަރުދާސް ކުރަނީ ކޮންކަހަލަ ހިތްދަތި އިހުސާސްތަކެއް ހެއްޔެވެ؟ ލިބޭހާ ފައިސާއެއް ޚަރަދުކޮށް މީހުން ފަރުވާ ހޯދަން އެ އުޅެނީ އެކަމުގެ މުހިއްމު ކަން ބޮޑުވީމައެވެ. ޑޮކުޓަރުންގެ ގާތަށް ގޮސް ތަހުލީލުތައް ހަދަނީ އެކަމަށް ފެންބޮވައިގެންފައި ތިބޭ ވަރުންނެވެ.
އަހަރެން ހައިރާންވަނީ އާމިރު މިއިން ކަމަކާ ނުވިސްނާތީއެވެ. ޑޮކުޓަރެއް ގާތަށް ދާން ބުނެފިނަމަ ހީވާނީ ދުނިޔެ ގިޔާމާތްވާން އުޅޭ ހެންނެވެ. އާމިރާ މެދު ޝައްކުގެ ނަޒަރުން އެއްޗެއް ބުނަން ހިތަށް އަރާ ކޮންމެ ފަހަރަކު ހަނދާނަށް އަންނަނީ ދިމްނާއެވެ. އެހެންވެ ޝައްކު ކުރެވޭކަށް ވެސް ނޯވެއެވެ. އެހައި ހިސާބުން ޚިޔާލު ބަދަލުކުރާން މަޖުބޫރުވަނީއެވެ. އަމިއްލަ ނިކަމެތިކަން އިހުސާސް ކުރެވޭން ފަށަނީއެވެ. މައްސަލައަކީ އާމިރު ނޫން ކަމަށް ވިސްނެނީއެވެ. (ނުނިމޭ)