ކުޅިވަރު

ބަލިނުވެ 42 މެޗު، 42 އަހަރުވީ ރެކޯޑަކާ އެއްވަރު

ސައުތުހެމްޓަންގެ މައްޗަށް، 4-0 ގެ ނަތީޖާ އަކުން މޮޅުވެ. އިނގިރޭސި ފުޓްބޯޅައިގައި 42 އަހަރުވީ ބޮޑު ރެކޯޑެއް މުގުރާލުމާ ދާދި ކައިރިއަށް ލިވަޕޫލް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑު އެންފީލްޑްގައި ކުޅުނު މެޗުގައި، ލިވަޕޫލުން ވަނީ އިތުރު ރެކޯޑަކާވެސް ހަމަ ކޮށްފަ އެވެ. އެއީ އަމިއްލަ ދަނޑުގައި، ޕްރިމިއާ ލީގްގެ 20 މެޗުން ބަލި ނުވެ މެންޗެސްޓާ ސިޓީން 2018 ވަނަ އަހަރު ހެދި ރެކޯޑެވެ. އެންމެ ހާއްސަ ކަމަކީ 42 އަހަރުވަންދެން އޮތް ރެކޯޑަކާ ލިވަޕޫލުން އަރާ ހަމަ ކުރުމެވެ. އިނގިރޭސި އެންމެ މަތީ ލެވަލްގައި ބަލި ނުވެ، ނޮޓިންހަމް ފޮރެސްޓުން 1978 ވަނަ އަހަރު ފުރިހަމަ 42 މެޗުގެ ރެކޯޑާ ލިވަޕޫލުން ވަނީ ހަމަހަމަ ކޮށްފަ އެވެ. އިތުރު އެއް މެޗު ކާމިޔާބު ކޮށް ނޮޓިންހަމްއިން ހަދާފައިވާ އެ ރެކޯޑް ލިވަޕޫލަށް މުގުރާލެވޭނެ އެވެ.

މެޗުން މޮޅުވެ، ލިވަޕޫލް ވަނީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް 22 ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ލީގްގެ ކުރިއަށް ހަތް މެޗު ކާމިޔާބު ކޮށް ލިވަޕޫލަށް 30 އަހަރު ތެރޭ އިނގިރޭސި އެންމެ ޓޮޕް ލީގް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެވޭނެ އެވެ. އޭނާގެ ޓީމުން ހިފަހައްޓާ މޮޅުވުމުގެ ޓްރެކާ މެދު ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ މީގެ ކުރިން އެވަރުގެ ކަމެއް އޭނާ ނުދެކޭ ކަމަށެވެ.

"މި ޓީމަކީ އެންމެ ޕާފެކްޓް ޓީމެއް ނޫން، އެއާ ކައިރިވެސް ނުކުރޭ، އަހަރެމެން އެކަމަކާ މެދު ނުވެސް ވިސްނަން،" ކްލޮޕް ބުންޏެވެ. "އަހަރެމެން މަސައްކަތް ކުރަނީ އަހަރެމެންގެ ހުރި ހުނަރެއް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރަން."

މެޗުގައި ލިވަޕޫލްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ސަލާހް އެވެ. ލިވަޕޫލުން ލަނޑެއް ޖެހިޔަ ނުދީ ސައުތުހެމްޓަން އިން ވަނީ ފުރަތަމަ ހާފު ނިންމާލާފަ އެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި އެލެކްސް އޮކްސްލޭޑް ޗެމްބަލިން އެވެ. ދެ ވަނަ ލަނޑު 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖޯޑަން ހެންޑަސަން އެވެ. ސަލާހް ލަނޑުތައް ކާމިޔަބު ކުރީ 71 ވަނަ މިނެޓާއި 90 ވަނަ މިނެޓްގަ އެވެ. ލިވަޕޫލްގެ ތިން ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދިނީ ރޮބާޓޯ ފިރުމީނޯ އެވެ.