ލައިފްސްޓައިލް

އޮރެންޖް ވިއްކާ މީހަކަށް ޕަދްމާ ޝްރީ

އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަހު އިއުލާން ކުރި ޕަދްމާ ޝްރީ އެވޯޑު ލިބޭ ފަރާތްތަކުގެ ތެރޭގައި 71 އަހަރުގެ އޮރެންޖް ވިއްކާ މީހެއް ހިމެނެ އެވެ. މި ޝަރަފުވެރި އިނާމު ލިބެނީ ހަރޭކާލާ ހަޖައްބާ ކިޔާ ކަރްނާޓަކާ މީހަކަށެވެ.

އެއްވެސް ކަހަލަ ރަސްމީ ތައުލީމެއް ނެތް މި މީހާ އަށް ޕަދްމާ ޝްރީ އެވޯޑު ލިބިފައިވާއިރު ޕަދްމާ ޝްރީ އަކީ އިންޑިޔާ ސަރުކާރުން ދޭ އެވޯޑު ތަކުގެ ތެރެއިން ހަތަރު ވަނަޔަށް އެންމެ ފަޚުރުވެރި އެވޯޑެވެ. ހަޖައްބާއަށް މި އެވޯޑު ލިބުނީ ކިޔަވާނެ ތަނަވަސްކަން ނެތް ކުދިންނަށް ސްކޫލެއް އުފައްދައި އެ ސްކޫލުން އެތައް ހާސް ކުދިންނަކަށް ތައުލީމު ފޯރުކޮށްދީފައި ވާތީ އެވެ.

ހަޖައްބާ ނިސްބަތްވަނީ މެންގަލޯ ކައިރީގައި އޮންނަ ނިއުޕަޑާޕޫ ކިޔާ އަވަށަކަށެވެ. ކުޑަކުދިންނަށް ކިޔަވާ ދޭން ބޭނުންވެގެން އޭނާ އެކިއެކި އޮތޯރިޓީ ތަކުގައި އެހީތެރިކަމަށް އެދުނެވެ. ނަމަވެސް އެއްވެސް ފަރާތަކުން އޭނާ އަކަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދިނެވެ. އެހެންވެ އޭނާއަށް އޮރެންޖް ވިއްކައިގެން ދުވާލަކު ލިބޭ 150 ރުޕީސް އާއި ރައްކާ ކޮށްފައި ހުރި ފައިސާކޮޅުން 2000 ވަނަ އަހަރު އޭނާ މަދުރަސާއެއް ހުޅުވީ އަމިއްލައަށެވެ.

އިންޑިޔާގެ އެ ސަރަހައްދުގެ އައިއެފްއެސް އޮފިސަރު ޕަރްވީން ކަސްވަން ވަނީ ހަޖައްބާގެ މަސައްކަތަށް ތައުރީފުކޮށް ޓުވީޓްކޮށްފަ އެވެ. އޭނާގެ ޓުވީޓްގައިވާ ގޮތުން ޕަދްމާ ޝްރީ އެވޯޑު ލިބޭކަން އަންގަން ސަރުކާރުގެކަމާ ބެހޭ އިދާރާގެ އޮފިޝަލުން ހަޖައްބާ ހޯދައިގެން ދިޔައިރު އޭނާ ހުރީ ހަނޑޫ، ހަކުރު ފުށް ފަދަ ކާޑުގެ ބާވަތްތައް ގަންނަން ވެގެން ގޮސް ފިހާރައެއްގެ ދޮށުގައި ކިއު ޖެހިގެންނެވެ.

ހަޖައްބާގެ އަވަށުގެ ފަގީރު ކުދިންނަށް އޭނާ ތައުލީމު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ އެ އަވަށުގައި ހުންނަ މިސްކިތެއްގެ ތެރޭގައި ބައިތިއްބައިގެންނެވެ. އޭނާއަށް ލިބޭ ހުރިހާ ފައިސާއެއް މިހާރުވެސް ޚަރަދުކުރަނީ ކުދިންގެ ތައުލީމަށެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފަގީރު ކުރިންނަށް ތައުލީމު ހޯދައިދޭން މަސައްކަތްކުރަން ހަޖައްބާގެ ޚިޔާލަށް އައީ އޭނާއަށް އެއްވެސް ތައުލީމެއް ލިބިފައި ނެތުމުން ނުކުޅެދޭ މީހެއްގެ އިހްސާސްތައް ކުރެވޭތީ އެވެ.
"ތައުލީމެއް ނެތީމަ އަހަރެންނަކީ ނުކުޅެދޭ މީހެއްކަމުގެ އިހްސާސް ފުރަތަމަ ކުރެވުނީ އެހެން ގައުމެއްގެ މީހަކާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަން ޖެހުނު ދުވަހު. އެ މީހާ އިނގިރޭސި ބަހުން ކިހާ ވަރަކަށް ހޭ އޮރެންޖެއް އެހީމަ އަހަރެންނަކަށް އޭނަ ބުނި އެއްޗެއް ނޭނގުނު. އެހިސާބުން އަހަރެންގެ ހިތަށް އެރީ އަހަރެންނަށް ޖެހިފައި މިވާ ހާލު އަހަރެންގެ އަވަށުގެ ފަގީރު ކުދިންނަކަށް ޖެހުނަ ނުދޭނަމޭ. އެހެން ހިތާ ޕްރައިމަރީ ސްކޫލެއް ފައްޓަން ނިންމީ،" މީޑިއާ އިންޓަވިއު އެއްގައި ހަޖައްބާ ބުނެފައި ވެއެވެ.

ޕަދްމާ ޝްރީ އެވޯޑު ދެނީ އިންޑިއާގެ ރައްޔިތުންގެ ތެރެއިން މުޖުތަމައަށް ފައިދާހުރި ޚިދުމަތް ތަކުގެ ތެރޭގައި ހިމެނޭ ތައުލީމީ، ސައިންސް، ލިޓްރެޗާ، މެޑިސިން އަދި ސޯޝަލް ސާވިސް ފަދަ ރޮނގަކުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތެއް ކޮށްފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ނުކިޔަވާ ހުއްޓަސް ހަޖައްބާއަށް ތައުލީމުގެ މުހިއްމުކަން ވިސްނި ފަގީރު ކުދިންނަށް ކިޔަވައިދޭން ކުރަމުންދާ މަސައްކަތަކީ އެހެން މީހުންނަށް ވެސް މިސާލެއް ފަދަ މަސައްކަތެކެވެ.