ސާކު ސަރަހައްދުގެ ފުޓްބޯޅައިގައި ވާދަކުރަން ރާއްޖެ ބޭނުންވާނަމަ އެކަމަށް ރަނގަޅު ޕްލޭނެއް ހަދައިގެން މަސައްކަތް ކުރަން ވެއްޖެކަމަށް ގައުމީ ކީޕަރު އިމްރާނު މުހައްމަދު ގޮވާލައިފި އެވެ.
ލިބިފައިވާ އަނިޔާއަކަށް މިވަގުތު ފަރުވާ ހޯދަމުން އަންނަ މާޒިޔާގެ ތަޖުރިބާކާރު އިމްރާނު މިފަދަ ގޮތަކަށް އޭނާގެ ބަސްމަގު ބައްޓަންމިކުރީ ސާފް ޗެމްޕިއަންޝިޕުގެ އުމުރުފުރާތަކުގެ ދެ މުބާރާތަކުން ރާއްޖެ މިދިޔަ މަހު ފޭލްވުމުންނެވެ.
"އަހަރެން ދެކޭގޮތުގައި މިހާރު އެންމެ މުހިންމު ކަމަކީ ދިގު މުއްދަތުގެ ރަނގަޅު ޕްލޭނެއް ހަދައިގެން އެއަށް މަސައްކަތް ކުރުން. ގައުމީ ޓީމުތަކާއެކު މި ސަހަރައްދުގައި ވާދަކުރަން ބޭނުންނަމަ،" އިމްރާނު އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައި އެވެ.
ސާކުގެ އަށް ގައުމުގެ ތެރެއިން ހަ ގައުމުން ވާދަކުރި ސާފް ޗެމްޕިއަންޝިޕުގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ މުބާރާތުން ވެސް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުގެ ފުލަށް ގޮސްގެންނެވެ. ސޯޅަ އަހަރުން ދަށުގެ މުބާރާތުގައި ނޭޕާލް އަތުން 5-0އިން ބަލިވެ، ރާއްޖެ ކެޓީ އަފްގާނިސްތާން އަތުން 4-2އިން ބަލިވުމުންނެވެ. ނަވާރަ އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 3-1އިން އަދި ފަހު މެޗުގައި އިންޑިޔާ އަތުން ރާއްޖެ ބަލިވީ 3-0އިންނެވެ.
ފާއިތުވެދިޔަ 15 އަހަރު ގައުމީ ކީޕަރުކަން ކުރި ވިކްޓަރީ އާއި ނިއު ރޭޑިއަންޓްގެ ކުރީގެ ކީޕަރު އިމްރާނު ފަދަ ކުޅުންތެރިއަކު މިގޮތަށް ހިޔާލު ފާޅުކުރުމަކީ އެއާމެދު އެފްއޭއެމާއި ފުޓްބޯޅަ އާއިލާ ވިސްނާލުން މުހިންމު ކަމެކެވެ.