ހަބަރު

ފެތުރުނު އަޑާއެކު ރައްޔިތުން ދިނީ ހިތްވަރު: ރިޔާޒު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ކުރީގެ ފުލުސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާ ދެ ބޭފުޅުން ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ދެކެވުނު ވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ ރައްޔިތުން ހިތްވަރު ދެއްވާފައިވާ ކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ނާޒިމާއި ރިޔާޒް ގުޅިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ވަނީ އެކަން ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކޮށް އެކަން ނާކާމިޔާބު ވުމުން މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށް އެ ދެ ބޭފުޅުން ވެސް އޭރު ވިދާޅުވިއެވެ.

ނަމަވެސް ރޭ ރިޔާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ނާޒިމާ ދެ ބޭފުޅުން ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ބުނެ މިދިޔަ ހަފްތާގައި ނޫސްތަކުގައި ލިޔުނު ހަބަރާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގުޅުއްވާ އަދި މެސެޖް މެދުވެރިކޮށް ހިތްވަރު ދެއްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑާ ނާޒިމްއާ ދެ މީހުން ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ބުނެ ނޫސްތަކުގައި މިދިޔަ ހަފުތާގައި ލިޔުނު ހަބަރުތަކާއި ގުޅިގެން ރައްޔިތުންގެ ގިނަ ބަޔަކު އަޅުގަނޑުމެންނަށް ގުޅުއްވާ އަދި ޓެކްސް މެސެޖް ފޮނުއްވާ ދެއްވަމުް ގެންދަވާ ހިތްވަރަށް ޝުކުރު ދަންނަވަން،" ރިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރިޔާޒް މި ޓްވީޓާއެކު މިއީ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރާ ކަމުގެ އިޝާރާތެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެެވެ. އަދި ގިނަ ބަޔަކު ހިތްވަރު ދެއްވަނީ ޕާޓީއެއް އުފައްދަންތޯ ވެސް ދަނީ ސުވާލު ކުރަމުންނެވެ.

ނަމަވެސް މި ސުވާލުތަކަށް އަދި ރިޔާޒް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އޭރު ފެތުރުނު ވާހަކަތަކާއި ގުޅިގެން ސިޔާސީ ޕާޓީއެއް އުފައްދަން ގަސްތު ކޮށްފިނަމަ އެކަމަށް ރައްޔިތުންގެ ތާއީދު އޮންނާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމާ ގުޅޭގޮތުން މިހާތަނަށް މަޝްވަރާއެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

އަދި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކޮށް އެކަން ނާކާމިޔާބު ވުމުން މަސައްލަކަތް އޭނާ ހުއްޓާލާފައިވާ ކަމަށް ބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތް ކަމަަށެވެ.

"އަޅުގަނޑަކީ ރައްޔިތުންގެ ގާތަށް ގޮސް ބޮޑު ތާއީދަކާއެކު މިހާރު ވެސް އިންތިހާބީ މަގާމެއް ފުރަމުންދާ މީހެއް. ސިޔާސީ ޕާޓީއެއް އުފައްދަން ގަސްތު ކޮށްފިނަމަ އެކަމަށް ވެސް ރައްޔިތުން ތާއީދު ކުރާނެ، އިންޝާﷲ." ނާޒިމް ވިދާޅުވި އެވެ.