ވިޔަފާރި

ފަހު ކްއާޓަރުގައި ދިރާގަށް 289 މިލިއަން ރުފިޔާގެ ސާފު ފައިދާ

Feb 3, 2020
2

މުއާސަލާތީ ކުންފުނި، ދިރާގަށް މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ސާފު ފައިދާގެ ގޮތު 289 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ހަތަރު ވަނަ ކްއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 289 މިލިއަން ރުފިޔާ ލިބުނުއިރު، ތިންވަނަ ކްއާޓަރުގައި ލިބިފައިވަނީ 203 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހަތަރު ވަނަ ކްއާޓަރުގައި ލިބުނު އާމްދަނީ 69 މިލިއަން ރުފިޔާ އިތުރު ވެފައި ވާއިރު، ކޭޝް ފްލޯ ބޮޑުތަން އިތުރުވެފައިވެ އެވެ. އަދި މޮބައިލް ސީޒަނަލް ރޯމިން އިން ލިބުނު އާމްދަނީ ވެސް އިތުރުވެފައި ވެއެވެ.

ދިރާގުގެ މާލީ ރިޕޯޓުގައިވާ ގޮތުން ހަތަރު ވަނަ ކްއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 754 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. ނަމަވެސް ތިންވަނަ ކްއާޓަރުގައި ލިބުނީ 685 މިލިއަން ރުފިޔާ އެވެ. އަދި ޓެކްހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ހަތަރުވަނަ ކްއާޓަރުގައި 340 މިލިއަން ރުފިޔާ ލިބުނު އިރު ތިން ވަނަ ކްއާޓަރުގައި ލިބިފައި ވަނީ 238 މިލިއަން ރުފިޔާ އެވެ.

ދިރާގުން މި ކްއާޓަރުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް 51 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި ހިއްސާއަކަށް ޖެހިފައިވަނީ 15.24ރ. އެވެ.