ރާއްޖެ ކުޅިވަރު

ރާއްޖޭގެ ޗެރިޓީ އިވެންޓެއްގައި ބައިވެރިވުމުގެ ދައުވަތު ބެކަމް އަށް ދީފި

ރާއްޖޭގައި އިންތިޒާމްކުރާ ޗެރިޓީ އިވެންޓެއްގައި ބައިވެރިވުމަށް އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އަށް ރާއްޖޭގެ ގައުމީ ޓީމުގެ މެނޭޖަރު އަހުމަދު މަހުލޫފް (މަހޭ) މިއަދު ދައުވަތު ދީފި އެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރު ނިންމާލުމަށް ފަހު، މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑާއި އޭސީ މިލާން އަދި ޕީއެސްޖީ އަށް ކުރިން ކުޅުނު ބެކަމް މިއަދު ފުރުމުގެ ކުރިން މަހުލޫފް ވަނީ ބެކަމްއާ ބައްދަލުކޮށް، ރާއްޖޭގެ ގައުމީ ޓީމުގެ ޖޯޒީއެއް ބެކަމް ،39، އަށް ހަދިޔާކޮށްފަ އެވެ. އަދި ބެކަމްއާ ދެއްކި ވާހަކަތަކުގެ ތެރެއިން، ރާއްޖޭގައި ބާއްވާ ޗެރިޓީ އިވެންޓެއްގައި ބައިވެރިވުމުގެ ދައުވަތު ބެކަމް އަށް ދީފައިވާނެ ކަމަށް މަހޭ މިއަދު "އަވަސް"އާ ވާހަކަދައްކަމުން ބުންޏެވެ.

"ރާއްޖޭގައި ބާއްވާ ޗެރިޓީ އިވެންޓެއްގައި ބައިވެރިވުމަށް ދައުވަތު ދިނިން. އަޅުގަނޑުގެ ކާޑު ނަގައި، ބެކަމް ބުނި އޭނާގެ އޭޖެންޓް އަޅުގަނޑް ކޮންޓެކްޓްކުރާނޭ،" މަހޭ ބުންޏެވެ. "ބެކަމް ދައުވަތު ގަބޫލްކޮށްފި ނަމަ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެންނަށް މި ކަހަލަ އިވެންޓެއް ރޭވޭނެ. ބެކަމް މި ކަހަލަ ކަމެއްގައި ބައިވެރުމަކީ ވަރަށް ގިނަ ދިވެހިން އެދޭނެ ކަމެއް."

މަހޭ ބުނީ އަމިއްލަ އަށް އިސްނަގައިގެން، ބެކަމް އަށް ގައުމީ ޓީމުގެ ޖޯޒީއެއް ހަދިޔާކުރި އެއް ސަބަބަކީ ބެކަމް އަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލު ކުޅުންތެރިއަކަށް ވާތީ ކަމަށެވެ.

"ބެކަމް އަކީ ވަރަށް ގިނަ ދިވެހިން ސަޕޯޓްކުރާ ކުޅުންތެރިއެއް. އަދި ބެކަމް ވެސް ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން ގަވައިދުން އާދޭ. އެހެންވެ ހަމަ އަޅުގަނޑު އޭނާ އަށް ޖޯޒީއެއް ހަވާލުކުރީ. ބެކަމް ހުރީ ވަރަށް އުފަލުން ރާއްޖޭގެ ޖޯޒީއެއް އޭނާ އަށް ހަދިޔާކުރީމަ،" މަހޭ ބުންޏެވެ.

އާ އަހަރު ފާހަގަކުރަން ބެކަމް ރާއްޖެ އަށް ޒިޔާރަތްކުރީ އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް އާއި ހަތަރު ދަރިންނާއެކު އެވެ. މިދިޔަ އަހަރު ވެސް ބެކަމް ވަނީ އޭނާގެ އާއިލާއެކު ރާއްޖޭގައި އާ އަހަރު ފާހަގަކޮށްފަ އެވެ. ބެކަމް މި އަހަރު ވެސް ޗުއްޓީ ހޭދަކުރީ މިދިޔަ އަހަރު ވެސް އާއިލާއާއެކު ޒިޔާރަތްކުރި ވަން އެންޑް އޮންލީ ރީތިރަށުގަ އެވެ.