ލައިފްސްޓައިލް

ރަނގަޅު އިސްތަށިގަނޑެއް ބޭނުންނަމަ ގަތަން ފަށާ!

ހުރިހާ ކުދިންނަށް ވެސް ސްކޫލަށް ދާއިރު ބޯ ގަތަން މަޖްބޫރު ވެއެވެ. މިހާރަކަށް އައިސް ބައެއް ސްކޫލްތަކުން އިސްތަށިގަނޑު ނުގަތާ ދިޔަސް މާ ބޮޑު މައްސަލައަކަށް ނަހަދަ އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ހުރިހާ އަންހެން ކުދިން ވެސް ސްކޫލަށް ދާން އިސްތަށިގަނޑު ގަތަން މަޖްބޫރެވެ.

މިއީ ވަރަށް ގިނަ ކުދިން އިންތިހާއަށް ރުޅިގަދަވާ ކަމެކެވެ. ބައެއް ކުދިން ރުޅިއައިސް ރޮއި، އަދި ނުގަތާ ދާން ވަރަށް ބޮޑާވެސް ހާކަ އެވެ. ގަތާފައި ރިބަން ފަށް އައްސާފައި ބޭންދުމަކީ ބައެއް ކުދިންނަށް ބިރުވެރިކަމެއް ފަދަ ކަމެކެވެ. ނަމަވެސް ސްކޫލް ދައުރުގައި އިސްތަށިގަނޑު ގަތަން ފޫހިވިޔަސް އެއީ އިސްތަށީގަނޑަށް ކިހާ ފައިދާ ހުރި ކަމެއް ކަން އެނގޭނަމަ އެހާ ފޫއްސެއް ނުވީހެވެ.

ފުރަތަމަ ކަމަކީ އިސްތަށިގަނޑު ދޫކޮށްލާފައި ބޭއްވުމަށް ވުރެ ގެތުމުން ގެއްލުންވާލެއް ކުޑަވާނެ އެވެ. ސަބަބަކީ ގަތާފައި ހުންނައިރު ހުރިހާ އިސްތަށިތައް ވެސް ހުންނާނީ ވަކި ތަރުތީބަކުން ރަނގަޅަށް އެއްވަރުކޮށް ތަތްވެފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ނިދާއިރުވެސް އިސްތަށިގަނޑު ގަތާލާފައި ބޭއްވުން ރަނގަޅެވެ. ސަބަބަކީ ނުގަތާ ދޫކޮށްލާފައި ނިދާނަމަ އެކި ކޮޅުކޮޅަށް ފުރޮޅި ހެދުމުން އިސްތަށިގަނޑަށް ގެއްލުން ލިބޭނެތީ އެވެ. ފުރަތަމައިނުން މީގެ ފައިދާ ނުފެނުނަސް ދިގު މުއްދަތަކަށް ވިސްނާއިރު ގަތާފައި އޮންނަ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކަން ފާހަގަ ވާނެ އެވެ.

ދެ ވަނަ ކަމަކީ އިސްތަށިގަނޑުގައި ކޮންމެވެސް ވަރެއްގެ މޮއިސްޗާއެއް ހުންނަން ޖެހޭނެ އެވެ. މާބޮޑަށް އިސްތަށިގަނޑު ހިކިފައި އޮންނަނަމަ އިސްތަށިތައް މުރަނަވެ ބިނދި ހަލާކުވާނެ އެވެ. ބުޅި ނުވަތަ ކިސުޅި އިސްތަށިގަނޑު އޮންނަ މީހުންގެ އިސްތަށިގަނޑު މާ އަވަހަށް ޑްރައި ވެއެވެ. ސަބަބަކީ މިގޮތަށް ހުންނަ އިސްތަށިތަކުގައި މޮއިސްޗާ ނުހިފެހެއްޓޭތީ އެވެ. އެހެންވެ ގަތާލާފައި ބޭއްވުމުން ކޮންމެވެސް ވަރަކަށް މޮއިސްޗާ ހިފެހެއްޓޭނެ އެވެ.

އިސްތަށިގަނޑު ގެތުމުގެ ތިން ވަނަ ފައިދާ އަކީ ގޮށް ޖެހޭލެއް މަދުވުމެވެ. ގަވާއިދުން ގަތާނަމަ އިސްތަށިގަނޑުގައި ގޮށް ޖެހިގެން އެ ގޮށްތައް ނުފިލައިގެން ބުރުހުން ނުވަތަ ފުނަލުން އަޅާ ދަމާކަށް ނުޖެހޭނެ އެވެ. އަދި މާ ގިނައިރު ވަންދެން ފުނާ ނާޅާ އިސްތަށިގަނޑު އޮމާން ކޮށްލެވޭނެ އެވެ.

އިސްތަށިގަނޑު ގެތުމަކީ ތަންކޮޅެއް ކުރީ ޒަމާނުގެ ކަޓު ކަމެއް ކަމަށް ބައެއް މީހުން މިހާރު ދެކެ އެވެ. ނަމަވެސް އިސްތަށިގަނޑު ގެތުމަކީ ހުރިހާ ޒަމާނަކާ ވެސް ގުޅޭ ފެޝެނެކެވެ. އަދި އިސްތަށި ބުޅިކޮށްލަން ބޭނުންނަމަވެސް އެކި ފާޑުގެ ހޫނުކުރާ އިކްއިޕްމަންޓުން އިސްތަށިގަނޑަށް ހޫނުކޮށް ގެއްލުން ދިނުމުގެ ބަދަލުގައި ގަތާލާފައި ބޭއްވުމުން ގުދުރަތީ ގޮތުން އިސްތަށިގަނޑަށް ބުޅިކަން އަންނާނެ އެވެ.

އިސްތަށިގަނޑު ގެތުމުގެ ކުރިން ވިސްނާލަންޖެހޭނެ ކަމަކީ އެކި ޑިޒައިންތަކަށް އިސްތަށިގަނޑު ގެތުމަކީ ވަރަށް ވަގުތު ނަގާ ކަމެއް ކަމެވެ. ހެނދުނު ހޭލަން ޖެހޭނަމަ ނިދުމުގެ ކުރިން ރީއްޗަށް އިސްތަށިގަނޑު ގަތާލައިގެން ނިދުމުން ވަގުތު ސަލާމަތް ކުރެވޭނެ އެވެ. އަދި އިސްތަށިގަނޑު ދޮވެފައި ގެތުމުގެ ކުރިން ރަނގަޅަށް ހިކުނުތޯ ޔަގީން ކުރަން ޖެހޭނެ އެވެ. އަދި މާ ބާރަށް ގެތުމުން ބޮލުގައި ރިއްސާ އިސްތަށިތައް ހަލާކުވުންފަދަ މައްސަލަ ދިމާވެ އެވެ.