ރިޔާސީ ބަޔާން

ރައީސް އިއްވެވީ "ތާފަނާ" ރިޕޯޓެއް: އިދިކޮޅު

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަކީ "ތާފަނާ" ރިޕޯޓެއް ކަމަށް ބުނެ، އިދިކޮޅުން ރިޔާސީ ބަޔާނަށް ފާޑު ކިޔައިފި އެވެ.

ރިޔާސީ ބަޔާނަށް ފާޑު ވިދާޅުވަމުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ރިޔާސީ ބަޔާނަކީ އުންމީދެއް ނެތް ބަޔާނެއް ކަމަށެވެ. އަދި މުޅި ރިޔާސީ ބަޔާނުން ބުނެދެނީ ދައުލަތް އޮތީ ވަރަށް ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ކަމަށެވެ.

ރާއްޖޭ ވަނީ އިޖްތިމާއީ އިންސާފުން އެކަހެރިވެފައި ކަމަށާ ގައުމުގެ އިގްތިސޯދީ ހާލަތު ރަނގަޅު ނޫންކަން ރައީސްގެ ރިޔާސީ ބަޔާނުން ހާމަވާ ކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ގާބިލްކަން މި ސަރުކާރުގައި ނެތްކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުންބޮޅުމުގެ ތެރޭގައި ކަން. އިޖްތިމާއީ އިންސާފުން އެކަހެރިވެ މުޅި ގައުމުގެ އިގްތިސޯދު ދަށައް ގޮސްފިކަން. އަދި އެކަން ހަމަމަގަށް އެޅުވޭނެ ގާބިލްކަން މި ސަރުކާރުގައި ނެތްކަން." ސައީދު ވިދާޅުވި އެެވެ.

ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ޝަރީފް ވިދާޅުވީ މިއަދު މަޖިލީހަށް އިއްވީ ރިޔާސީ ބަޔާނެއް ނޫން ކަމަށާއި ރައީސް އިއްވެވީ "ތާފަނާ" ރިޕޯޓެއް ކަމަށެވެ.

"މިއަދު މަޖިލީސްގައި އިއްވީ ވަރަށް 'ތާފަނާ' ރިޕޯޓެއް." ރިޔާސީ ބަޔާނަށް ފާޑުވިދާޅުވަމުން ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވާގޮތުން، ރިޔާސީ ބަޔާނަށް މަޖިލީހުގެ މެންބަރުން ޖަވާބުދާރީވާން ޖެހެ އެވެ. އެގޮތުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ނުވަތަ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދޭން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެކަން ކޮށްފައެއް ނުވެއެވެ. އެ އަހަރު ރައީސް ވަހީދު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަށް އެމްޑީޕީން ދެކޮޅު ހެދިފަހުން މިދިޔަ އަހަރުތަކުގައި މަޖިލީސް ހުޅުވުމަށް ރައީސް އިއްވަވާ ރިޔާސީ ބަޔާނަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދުގައި ރިޔާސީ ބަޔާނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ނުކުރެވިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ބަޔާން ކޮށްފައެއް ވެސް ނުވެއެވެ.

ރިޔާސީ ބަޔާނަށްފަހު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް ޖަވާބު ދިނުމުގެ މަސްއޫލިއްޔަތު އާންމު އުސޫލުގެ ދަށުން އޮންނަނީ މަޖިލީހުގެ އިދިކޮޅު ލީޑަރަށް ކަމަށެވެ. ރައިސް ސޯލިހު ނިސްބަތްވާ އެމްޑީޕީ ފިޔަވައި، ޕީޕީއެމްގެ ފަސް މެންބަރުންނާއި ޖޭޕީގެ ފަސް މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުން އަދި އެމްޑީއޭގެ ދެ މެންބަރުން މަޖިލިސް ތަމްސީލު ކުރައްވާ ކަމަށެވެ.

ނަމަވެސް، މަޖިލީހުގައި މިހާރު ސިޔާސީ ޕާޓީތައް ތަމްސީލުވާ ގޮތުން، މައިނޯރިޓީ ލީޑަރަކީ ކޮން ބޭފުޅެއްކަން އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.

"ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެންނަށް ސާފުކުރެވުނީމާ، ޖަވާބު ދިނުމުގެ މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.