އިދިކޮޅު ފަރާތްތައް

އިދިކޮޅަށް ގޯސްވީ ރައީސް

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގެ ތެރޭގައި ހިނގާފައިވާ ކަމުގެ ޝަކުވާއާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން އެންގެވި ނަމަވެސް ކަންކަން ގޯސްވެ ހައްދުން ނެއްޓިގެން ދިޔައީ ފިޔަވަޅު އެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފަސްޖެހި ވަޑައިގަތުމުން ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ބަދުނާމްވެ ނިމިއްޖެ ކަމަށެވެ. މިހިސާބަށް ކަންކަން ދިޔައީ ރައީސް ސޯލިހް އަޅުއްވަންޖެހޭ ފިޔަވަޅުތައް ދުރާލާ ނޭޅުވުމުން ކަމަށާ ފިޔަވަޅު ނޭޅުއްވުމުގެ މާނައަކީ އެކަމެއް ކުރަން ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒިންމާ ނަގަންޖެހޭނީ ރައީސް ސޯލިހް. ގައުމުގެ އިޖުތިމާއީ ފޭރާން މިވަނީ މުޅިން ވީރާނާވެފައި،" އަލީ ވަހީދަށް އިސްތިއުފާ ދެއްވަން އެންގެވި އެންގެވުމަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުގެ އިސްވެރިންނަށް ކޮވިޑް-19 ގެ ލޮކްޑައުން ވެގެންދިޔައީ އިސްރާފު ބޮޑު އީދަކަށް ކަމަށެވެ. ދީނަށް ފުރައްސާތަ ކުރުމާއި ރޭޕް އަދި ބަނގުރަލުގެ މައްސަލަތައް ބެލުމުގެ ޝައުގުވެރިކަން މި ސަރުކާރުގައި ހުރި ނަމަ ނިންމުންތައް އަވަސްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އިސްތިއުފާއާ ގުޅޭ ގޮތުން ވެސް އަދި ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ވެސް އެއްޗެއް ވިދާޅު ނުވެ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ "މިދުވަސްވެސް ހިނގައިދާނެ" ކަމަށެވެ. އަދި އެ ޓްވީޓްގައި އިހުލާސްތެރި ކަމާއެކު ގައުމަށް ހިދުމަތްކޮށް ދެވުނީތީ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި ވަގުތު ޖެހުމުން ހުރިހާ ކަމެއް ސާފުވާނެ ކަމަށާއި ހައްގަށް ނަސްރު ލިބޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.