ފީފާ

2030 ގެ ވޯލްޑްކަޕް ދެ ބައްރުގައި ބާއްވަން ތާއީދު

ވޯލްޑް ކަޕް 2030 ދެ ބައްރުގައި އެއްފަހަރާ ކުރިއަށް ގެންދަން ތާއީދު ކުރައްވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯ ވިދާޅުވެއްޖެ އެވެ.

ވޯލްޑް ކަޕް 2030 އަކީ، އެ މުބާރާތް ބާއްވަން ފެށިތާ 100 އަހަރު ފުރޭ އަހަރެވެ. އެމެރިކާ އާއި މެކްސިކޯގައި 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ވުރެ ފުޅާކޮށް ވޯލްޑް ކަޕް ބާއްވަން ހިޔާލު ގެންގުޅެންތޯ ސުވާލު ކުރުމުން، އިންފެންޓިނޯ ވިދާޅުވީ ދުނިޔޭގެ ބޮޑު ސަރަހައްދު ތަކަށް ވޯލްޑްކަޕްގެ ފޯރި މިހާރަށް ވުރެ ބޮޑަށް ފަތުރާލަން އޭނާ ތާއީދު ކުރައްވާ ކަމަށެވެ.

"އާންމުންގެ ނިންމުތަކަށް އަހަރެން އިހްތިރާމް ކުރަން، މިހާރަށް ވުރެ ބޮޑަށް ހުޅުވިގެންދާ ގޮތަށް ވޯލްޑް ކަޕް ބާއްވަން މީހުންގެ ވިސްނުން ބަދަލު ވެއްޖެނަމަ އަދި ހުރިހާ ވަސީލަތްތަކަކާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެއްފަހަރާ މިކަން ކުރެވޭނަމަ ފަހަރެއްގައި އަހަރެމެން އެކަން ކޮށްފާނަން، އެކަން ނިންމަން އަދިވެސް ވަރަށް ވަގުތު އެބައޮތް،" އިންޓަނޭޝަނަލް ސްޕޯޓްސް ޕްރެސް އެސޯސިއޭޝަންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހެންގޭރީގައި ހުންނަވާ އިންފެންޓިނޯ ވިދާޅުވި އެވެ.

ވޯލްޑް ކަޕް 2030 ބާއްވާނެ ގައުމެއް ކަނޑައަޅާނީ 2024 ވަނަ އަހަރު އެވެ. ދެ ބައްރުގައި އެއްފަހަރާ ބާއްވަން ނިންމައިފިނަމަ އެއީ މިހާރުވެސް ބިޑް ހުށަހަޅަން ތައްޔާރުވެފައިވާ ބައެއް ގައުމުތަކަށް ކުރިމަތިވާނެ ނުތަނަވަސް ކަމެކެވެ. އެ އަހަރު ވޯލްޑް ކަޕް ބާއްވަން ބިޑް ހުށަހަޅަން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ތިން ފަރާތަކުންނެވެ. އެއީ އިންގްލެންޑާއި، މޮރޮކޯގެ އިތުރުން އާޖެންޓީނާ އާއި އުރުގުއޭ ގުޅިގެންނެވެ.