ލައިފްސްޓައިލް

ނަފުސާ ވާހަކަ ދެއްކުމަކީ ސިކުނޑި ރަނގަޅުވާ ކަމެއް!

އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަކީ ބައެއް މީހުން ވަރަށް ގިނައިން ކުރާ ކަމެކެވެ. މިފަދަ މީހުންނަކީ މޮޔައިން ކަމަށް ބައެއް މީހުން ގަބޫލު ކުރިޔަސް ސައިންސްގެ އަލީގައި ތަޖުރިބާކާރުން ބުނަނީ އަމިއްލަ ނަފްސާ ވާހަކަ ދައްކާ މީހުންގެ ސިކުނޑީގެ ސިއްހަތު ރަނގަޅުވާ ކަމަށެވެ.

ކްއާޓަލީ ޖާނަލް އޮފް އެކްސްޕެރިމެންޓަލް ސައިކޮލޮޖީގައި ޝާއިއު ކޮށްފައިވާ ހޯދުމަކަށް ތަޖުރިބާކާރުން ވަނީ ބަޔަކު މީހުން އޮބްޒާވް ކޮށްފަ އެވެ. އެގޮތުން އެއްޗެއްގެ ނަން ބުނެފައި އެ އެއްޗެއް ހޯދަން އެދުމުން އެ ހޯދަން އުޅޭ އެއްޗެއްގެ ނަން ބާރަށް ބުނެފައި އެ އެއްޗެއް ހޯދަން މަސައްކަތް ކުރި މީހުންނަށް އެ މާ އަވަހަށް ފެނުނެވެ.

މީގެ މާނައަކީ އަހަރެމެންގެ ނަފްސަށް އަމިއްލައަށް ބުނާ އެއްޗެހި ނުވަތަ ދައްކާ ވާހަކަ ސިކުނޑިއަށް މާ ފަސޭހައިން ވަދެ އެ އެއްޗެއް ރަޖިސްޓާ ވާކަމެވެ. އެހެންވީމާ "އަހަރެންނަށް މިކަން ވާނެ"، "އަހަރެން ހާދަ ރީއްޗޭ"، "އަހަރެން މި ޕްރެޒެންޓޭޝަން އެންމެން ހައިރާންވާ ވަރަށް މޮޅަށް ގެންދާނަން"، ފަދަ ޖުމްލަތައް އަމިއްލަ ނަފްސާ މުޚާތަބުކޮށް ބާރަށް ބުނެގެން ތަފާތު އަމިއްލައަށް ވަޒަން ކޮށްލާށެވެ. މިއަށް ވުރެ ސާދާކޮށް ބުނާނަމަ ބުނެވޭނީ އެމީހަކު އެކުރަން ބޭނުންވާ ކަމެއް އަމިއްލަ ނަފްސާ މުޚާތަބުކޮށް ބާރަށް އެއް ފަހަރު ނުވަތަ ގިނަ ފަހަރު ބުނުމުން އިތުބާރާއި ހިތްވަރު އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ.

އަދި މިއީ ކަމެއް ކުރަން ނުކެރި ހިތް ނުތަނަވަސް ވެފައި ހުންނަ ވަގުތުތަކުގައި ވެސް ކުރަން ވަރަށް ރަނގަޅު ކަމެކެވެ.
"އޭނާ ކައިރީގައި އެ ވާޙަކަ ބުނާނީތަ ނުވަތަ ނުބުނާނީތަ؟"، "މިކަން ވޭތޯ ބަލަންވީތަ ނުވަތަ ނޫންތަ؟"، "މީތި ގަންނަންވީތަ؟ ނޫނީ ގަންނަންވީ އޭތިތަ؟" "އޭނާ ހާސިލުކުރަން އަދި އިތުރަށް މަސައްކަތް ކުރަންވީތަ ނޫނީ އޭނާ ދިޔަ ދޭންވީތަ؟" އެ މީހަކަށް ދިމާވެފައިވާ ހާލަތަކީ ސީރިއަސް ނުވަތަ އެހާ ސީރިއަސް ނޫން ހާލަތެއް ނަމަވެސް ހަޔާތުގައި އަބަދުވެސް ވަކި ކަހަލަ ނިންމުންތަކެއް ނިންމަން ކޮންމެ މީހަކަށް ވެސް ޖެހެ އެވެ. އަދި މިއީ ވަރަށް ފަސޭޙައިން ހިތްނުތަނަވަސްކަމާއި ކަންބޮޑުވުމަށް މެދުވެރިވާނެ ކަމެކެވެ. ވަކި ގޮތެއް ކަނޑައަޅަން ނޭނގުމުގެ ސަބަބުންނެވެ.

އެހެންކަމުން ވަކިގޮތެއް ކަނޑަނޭޅި ސިކުނޑީގައި އެނބުރެމުންދާ ސުވާލު އަމިއްލަ ނަފްސާ މުޚާތަބުކޮށް ބާރަށް ތަކުރާރު ކުރާށެވެ. ވަކި ގޮތެއް ނިންމަން ވަރަށް ފަސޭހަ ވާނެ އެވެ. އަދި ވަކި ގޮތެއް ނިންމޭ ހިސާބުން ހިތުގައިވާ ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތައް ފިލައިގެން ދާނެ އެވެ.

އަދި މިއީ އެކަނިވެރިކަން އިހްސާސްވުން ވެސް ކުޑަކޮށްދޭނެ ކަމެކެވެ. ދިރިއުޅުމުގައި ދިމާވާ ބައެއް މައްސަލަތަކުގެ ސަބަބުން ތިމާ މުޅިން އެކަނިވެފައިއޭ ހުރީ ހިވާ ވަގުތު އަންނާނެ އެވެ. މިފަދަ ވަގުތުގައި ވެސް އަމިއްލަ ނަފްސާ ޕޮޒިޓީވްކޮށް ވާޙަކަ ދައްކާނަމަ އެމީހެއްގެ އަމިއްލަ ބުއްދިއާއި ވިސްނުމަކީ ތިމާގެ ބެސްޓް ފްރެންޑަށް ވާނެ އެވެ. އަދި ދިމާވެފައިވާ މައްސަލައިން އަރައިގަންނާނެ މަގު ފެންނާނެ އެވެ.

ޖާނަލް ފްރަންޓީއާޒް ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއެއް ވެސް މިކަމަށް ބާރު އަޅަ އެވެ. އެ ދިރާސާގައި ބުނެފައިވަނީ އެކަނި ތިބޭ މީހުން އަމިއްލަ ނަފްސާ ވާހަކަ ދައްކައިގެން އެކަނިވެރިކަން ދުރުކޮށް ހިތްހަމަޖެހުން ހޯދާކަމަށެވެ.
އެކަނިވެރިކަމަކީ ޑިޕްރެޝަން އާއި އެނޫންވެސް ނަފްސާނީ މައްސަލަތަކަށް މަގުފަހިކުރުވާ ކަމެކެވެ. އެހެންވީމާ ތިމާގެ އަމިއްލަ ނަފްސަކީ ދުވަހަކުވެސް ވަކި ނުވާނެ އެންމެ ގާތް އެކުވެރިޔާއަށް ހަދާށެވެ. ދިމާވާ ހުރިހާ މައްސަލައެއްގައި އަމިއްލަ ނަފްސާ ވާހަކަ ދައްކާށެވެ.