ވާހަކަ

ވީމެ ގޮތް ހުސްވެފާ (ފަހު ބައި)

އަމިއްލައަށް ޓެސްޓް ހަދަންވީއޭ ވެސް ހިތަށް އަރައެވެ. ބޭނުންވަނީ ޔަގީން ކުރާށެވެ. މައްސަލައެއް އުޅެނީ ތޯ ބަލާށެވެ. އަހަރެން ބޭނުން ވެގެން މިއުޅެނީ އަމިއްލަ، އަމިއްލައަށް ކުރެވޭ ކަހަލަ ކަމަކަށް ނުވާތީއެވެ. މިއީ އަމިއްލަ ބާރެއް އޮތް ކަމަކަށް ވެސް ނުވާތީއެވެ. ރާއްޖެއިން ބޭރަށް ދެވޭ ކޮންމެ ފަހަރަކު ވެސް އާމިރު ގާތު މިވާހަކަ ދައްކަމެވެ. ބަދަލުގައި އަހަންނާ ކުރިމަތިލާން ޖެހެނީ އާމިރުގެ ޑުރާމާއާއެވެ. އޭނާގެ މާޔޫސީ މޫނާއެވެ. އޭނާގެ ނިކަމެތިކަމާ މެދު އަހަރެން މަލާމަތް ކުރާ ކަމުގެ ޝަކުވާއާއެވެ.

"ހަގީގަތުގައި އާމިރަކީ ކާކުކަން އަހަންނަށް ދަހެއް ނުކުރެވުނު." އާމިރުގެ މޭގައި ލެނގިލައިގެން އިނދެ އަހަރެން ބުނެލީމެވެ.

އާމިރު ބަހެއް ނުބުނެއެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލީއެވެ. އަހަރެންގެ ކޮނޑުގައި ބާރަށް ހިފައިލީއެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟" އަނެއްކާ ވެސް އަހަރެން ބުނެލީމެވެ.

"އަހަރެން ކީކޭ ބުނަންވީ؟ ފަނަރަ އަހަރު ތެރޭ ވަރަށް ރަނގަޅަށް އަހަންނަށް ނާނާ ދަސްވި. އެކަމަކު ނާނާއަށް އަހަރެން ދަހެއް ނުވި. އެއީ ކާކު ކުށެއް ކަމެއް އަހަންނަކަށް ނުވިސްނޭ. ދޭނެ ޖަވާބެއް ނޭނގޭ." އާމިރު މަޑުމޮޅި ރާގުގައި ބުނެލިއެވެ.

އެރޭގެ ވާހަކަތައް ނިންމާލަން ޖެހުނީ ވެސް އަހަރެން ކުށްވެރި ވެގެންނެވެ. އާމިރު ދަސްނުވުމުގެ ޒިންމާ ނަގަން ޖެހުނީ އަހަރެންނެވެ. އެއީ ތެދުވާހަކައެއް ހެއްޔެވެ؟ އެއީ ކިހައި ވަރެއްގެ ބުރަދަނެއް ހުރި ކަމެއް ހެއްޔެވެ؟ އެނދުގައި އޮވެ އަހަންނަށް ވިސްނެމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން އާމިރުގެ މޫނަށް ބަލައިލެވެއެވެ. އޭނާ އޮތީ އަރާމު ނިންޖަކަށް ގެނބިފައެވެ.

އާމިރުގެ މޫނަށް ފުންކޮށް ބަލައިލެވުނެވެ. އެ މޫނުމަތިން ފެންނަނީ މައުސޫމު ކަމެވެ. އޯގާތެރިކަމެވެ. ހިތް ހެޔޮކަމެވެ. ގޯސް އެއްވެސް ސިފައެއް ނުފެނެއެވެ. ޝައްކުކުރާންވީ އެއްވެސް ކަމެއް ނުފެނެއެވެ. އާމިރާ މެދު ނުނިޔަތެއް ލާން ހަމަ އެއްވެސް ވަގުތެއް، އެއްވެސް ކަމެއް އަހަންނަކަށް ނުވިސްނެއެވެ. އޭނާގެ ކޭޝް ކާޑު އޮންނަނީ އަހަރެންގެ އަތުގައެވެ. ކޭޝް ކާޑުގެ ޕިން އެނގެނީ އަހަންނަށެވެ. ފޯނުގައި ސިއްރު ތަޅެއް ނެތެވެ. ފޯނަށް އަންނަ މެސެޖުތަކުގެ ޖަވާބު ލިޔަން ޖެހެނީ އަހަރެންގެ އިނގިލިންނެވެ. އޭނާގެ ފޯނުގައި ހުންނަ ހުރިހާ ނަންބަރުތަކެއްގައި ސިއްރު ނަމެއް ނޯވެއެވެ. ފޯނުގެ ނަންބަރުތައް މަހަކު އެއްފަހަރު އަދާހަމަ ކުރަނީ އަހަރެންނެވެ.
އޭނާގެ ކޮންމެ ރަހުމަތްތެރިއަކީ އަހަރެންގެ ވެސް ރަހުމަތްތެރިއެކެވެ. އާމިރުގެ އޮފީހުގައި އަހަރެން ނުދަންނަ މީހަކު ނޫޅޭނެއެވެ.

މަގުމަތިން ފެނުނަސް އެއިން ކޮންމެ މީހަކު ވެސް އަހަންނާ ވާހަކަދައްކާނެއެވެ. އެއީ އެމީހުންގެ ހިތުގައި އާމިރަށް އޮންނަ ލޯތްބެވެ. އާމިރަށް އޮންނަ މަގާމެވެ. އެމީހުން އެކަން އަހަންނާ ވެސް ހިއްސާކުރަނީއެވެ. އެއީ އާމިރު އަނބިމީހާ ކަމަށް ވާތީއެވެ.
އާމިރަކީ މިނިވަން ފިކުރުގެ މީހެކެވެ. އަނބިމީހާއޭ ކިޔައިފައި މަނާ އެއްވެސް ކަމެއް ނޯވެއެވެ. ހުއްދަ ހޯދަން ޖެހޭ ކަމެއް ނޯވެއެވެ. އޭނާ ބުނާހާ ވެސް ވާހަކައަކީ މީހެއްގެ އަނތްބެއްކަން ހަނދާން ބެހެއްޓުމާއި އިތުބާރު ގެއްލޭ ކަމެއް ނުކުރީމައި ވީކަމުގައެވެ. އެއީ އޭނާ ބުނަން ޖެހޭނެ ވާހަކައެއް ވެސް ނޫނެވެ. އަހަރެން ހަނދާން ކުރާން ވެސް ޖެހޭނެ ކަމެކެވެ. އާމިރަކީ އަތް އިސްކުރާ މީހެއް ނޫނެވެ. އަނިޔާ ކުރުމަކީ އޭނާގެ ހަށީގައި ނެތް ސިފައެކެވެ. އާމިރު ސިފަކުރަން އަހަންނަން ހަމަ ހިތަށް އަންނަނީ އެއްމެ ބަސްކޯޅިއެކެވެ. އެއީ 'ފަސްމީރު ކުރިކުރެއް'އެވެ.

ދެން މި ކުރެވެނީ ކޮން ޚިޔާލުތަކެއް ހެއްޔެވެ؟ މި ވިސްނެނީ ކޮންކަމަކާ ހެއްޔެވެ؟ އާމިރުގެ ބަލިފައިގައި ހިފެނީ ހެއްޔެވެ؟ ނޫނީ އޭނާ ބަލިކޮށްލެވޭނެ ހަމައެކަނި ގޮތަކީ ކޮބައިކަން އަހަންނަށް ވިސްނެނީ ހެއްޔެވެ؟ އަހަރެންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިވާހަކަ ދައްކާނީ ވެސް ވަކި ކާކު ގާތުގައި ހެއްޔެވެ؟ އާމިރު ފިޔަވައި އަހަރެންގެ ހުރިހާ ވެސް މީހަކީ މަންމައެވެ. މަންމައާ ކިތައް ފަހަރު މި ވާހަކަ ދެއްކިއްޖެ ހެއްޔެވެ؟ މަންމަގެ ވިސްނުން އަހަންނަށް އެނގިއްޖެއެވެ. އޭގައި އާ ކުލައެއް އާވަހަކައެއް ނެތެވެ.

"އިރާޝާ." އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

ލޮލުން ނިދި ފިލިއެވެ. ތެދުވަންވީއޭ ހިތަށް އެރިއެވެ. ބަލައިލެވުނީ ފާރަށެވެ. ފާރުގައި ހުރި ގަޑިއަށެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. އިރާޝާއާ ގުޅަން މި ކޮން ގަޑިއެއް ހެއްޔެވެ؟ އޭނާ އޮންނާނީ މިހާރު ނިދައިފައެވެ. އަނެއްކާ އަނެއް ޚިޔާލު ބޮލުގެ ތެރެއަށް ފުންމައިލިއެވެ. އިރާޝާއަކީ އެންމެ މުނާސަބު މީހާ ހެއްޔެވެ؟ އޭނާ ތެދުބަހުން އަހަންނަށް ކިޔައިދީފާނެ ހެއްޔެވެ؟ އަހަންނާ މެދު އޭނާގެ ހިތުގައި ނަފުރަތެއް އޮވެދާނެ ހެއްޔެވެ؟ އޭނާގެ ހައްގަކަށް އަހަންނަށް އަރައި ގަނެވުނު ހެއްޔެވެ؟ ނޫނެކެވެ. އާމިރާ އަހަރެން އިނީ އޭނާއާ ވަރިވެފައި ވެސް ދެ އަހަރު ފަހުންނެވެ. އެމީހުންގެ ކައިވެނީގެ ގޮށު އެޅި ކަތުރުފަންޏަކީ އަހަންނެއް ނޫނެވެ. ވީއިރު އޭނާގެ ހިތުގައި އަހަންނާ މެދު ނަފުރަތު އުފެދިގެން ނުވާނެއެވެ.

ދިމްނާގެ ކަމެއްގައި އަހަރެން ގުޅިޔަސް އޭނާ ވާހަކަދައްކާނީ ވަރަށް އޯގާތެރިކަމާއެކުގައެވެ. ލޯތްބާއެކުގައެވެ. ހީވާނީ ގާތް ރަހުމަތްތެރިއަކު ވާހަކަދައްކާ ހެންނެވެ. ދެކިފަރިތަ މީހަކު ވާހަކަދައްކާ ހެންނެވެ. ދިމްނާގެ ވާހަކަތަކުން ވެސް އިރާޝާއަކީ ގޯސް މީހެކޭ ބުނާނެ ޖާގައެއް ނުލިބެއެވެ. ދުވަހަކު ވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ. ދެން ހުރީ އާމިރެވެ. ކޮންމެ ފަހަރަކު ވެސް އިރާޝާގެ ވާހަކަދައްކާ އިރަށް އާމިރު މައުޟޫއު ބަދަލުކޮށްލާނީއެވެ.

"އިރާ،" އަހަރެން އިރާޝާއަށް ގުޅީ އެ ދުވަހުގެ ނުވައެއް ޖަހަން އުޅެނިކޮށްނެވެ. "ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން."

"ކޮން ވާހަކައެއް. ބުނޭ ނާނާ،" އިރާޝާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. "އަނެއްކާ ދިމް ފޮނުވަންވީތަ؟"

"ނޫނޭ." އަހަރެން ލަދުގަންނަ ގޮތް ވިއެވެ.
"ނޭނގޭނެއްނު. ނާނާ އަބަދުވެސް ގުޅަނީ ދިމް ބޭނުންވެގެންވިޔަ. އޭނާއަށް ޗުއްޓީ ލިބޭ އިރެއް ބަލަންވިއްޔަ." އިރާޝާ ހޭންފެށިއެވެ.

"އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން. ދުވަސްކޮޅެއް ވެއްޖެ މިވާހަކަ ދައްކާލަން އުޅޭތާ ވެސް. އެކަމަކު ދީމާވީމަ ދައްކާލާނަމޭ ހިތަށް އަރުވައިގެން މި ހުންނަނީ. އެކަމު މިހާރު ދެން މާލަސްވަނީ."

"އަވަހަށް ބުނެބަލަ. ތީ ދުރު މީހެއް ވެސް ނޫނެއްނު މިހާރު." އިރާޝާ ގާތްގޮތަކަށް ބުނެލިއެވެ.

"އާމިރުގެ ވާހަކައެއް ވީމަ. ހައްތަހާ ވެސް ޖެހިލުން ވެވެނީ." އަހަންނަށް މައުޟޫއު ހުޅުވާލަން އުނދަގޫވަމުން ދިޔައެވެ.

އާމިރުގެ ވާހަކައެއް އެހެން މީހުން ގާތު ދެއްކުމަކީ އަހަންނަށް އެއްވެސް އިރެއްގައި ފަސޭހަ ކަމެއް ނޫނެވެ. މަންމަ ގާތު އާމިރުގެ ވާހަކަ ދެއްކެނީ ވެސް މަންމަ އިސްވެ އެވާހަކަ ފަށާތީއެވެ. އެނޫން މީހެއް ގާތުގައި އަހަރެން ދުވަހަކު ވެސް އާމިރުގެ ވާހަކައެއް ނުދައްކަމެވެ. އަނެއްކާ އިރާޝާ އެއީ އާމިރުގެ ކުރީގެ އަނބިމީހާއެވެ. އޭނާ ގާތުގައި އާމިރުގެ ވާހަކައެއް ދެއްކުމަކީ ރަނގަޅު ކަމަކަށް ވެދާނެ ބާވައެވެ؟ މިކަން އާމިރަށް އެނގިއްޖެ ނަމަ ވާނީ ކިހިނެއް ބާވައެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މިހާރު މި އޮތީ ވާހަކައިގެ ސުރުޚީ އެޅިފައެވެ.

"އާމިރު ކިހިނެއްވީ؟ އޭނާ ނާނާއަށް ކަމެއް ކުރީތަ؟" އިރާޝާގެ ރާގު ބަދަލުވިއެވެ.

"ނޫން. އާމިރު ވަރަށް ރަނގަޅު. އޭނާ ވަރަށް ހެޔޮ." އަހަންނަށް ބުނެވުނީ އެހައި ހިސާބަށެވެ.

"އާނ! އާމިރަކީ ވަރަށް ހެޔޮ މީހެއް. ވަރަށް ރަނގަޅު މީހެއް. މަދުން ނޫނީ އެކަހަލަ މީހަކު ނުލިބޭނެ." އިރާޝާގެ ފަރާތުން އޮހެމުން ދިޔަ ތައުރީފު އިވިފައި އަހަންނަށް ހައިރާންކަން ލިބުނެވެ.

"އަސްލު ތި ދެ މީހުން ވަކިވީ ކީއްވެތަ؟" ގަދަކަމުން ކަހަލަ ގޮތަކަށް އަހަންނަށް ބުނެލެވުނެވެ. "އެ އަހައިލަން މި ގުޅީ ވެސް."
"އަނެއްކާ ނާނާމެން މައްސަލަ ޖެހުނީތަ؟ ކީއްވެ އެހައި ދުވަސްކޮށްފަ ތި ސުވާލު ތި ކުރީ؟" އިރާޝާގެ އަޑުގައި ވަނީ ހައިރާން ކަމެވެ.

"އެ ވަރަށް އެހެން ކަހަލަ ވާހަކައެއް. އަހަރެން މީހުން ގާތު ދައްކަން ބޭނުން ނުވާ ވާހަކައެއް. އެކަމަކު ނާނާ އެހީމަ ކިޔައިދޭނަން." އިރާޝާ ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ.

ހަމަޖެހިލައިގެން އިނދެ އިރާޝާގެ ވާހަކަތައް އަހަރެން އަޑުއަހަމުން ދިޔައީމެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން އަހަރެންގެ ބޮލަށް އުނދަގޫވަމުން ދިޔައެވެ. ބައެއް ފަހަރު މޫނުމަތިން ކުދިކުދި ކޮކާ ދުވާހެން ވެސް ހީވަމުން ދިޔައެވެ. އަނެއް ބައި ފަހަރު ބޮލުގެ ދެ ފަރާތުގައި އެއްޗެއް ވިއްދާފައި އެތެރެއަށް ފިއްތާހެން ވެސް ހީވަމުން ދިޔައެވެ. އިރާޝާގެ ކޮންމެ ވާހަކައެއް ތީރެއްހެން އައިސް ހެރެމުން ދިޔައީ ސީދާ އަހަރެންގެ ހިތަށެވެ. އެއިން ކޮންމެ ތީރަކުން ހިތުގައި ކުދިކުދި ލޯވަޅުތައް އެޅެމުން ދިޔައެވެ. އެ ލޯވަޅުތަކުން ދުނި ޖަހައިލައިފައި ލޭތައް އޮހެމުންދާހެން ހީވަމުން ދިޔައެވެ.

"އެންމެ ފަހުން ދެމީހުންގެ ޚިޔާލުތައް އެއްގޮތް ނުވީ. އަހަންނަށް ނޭނގި އޭނާ އެކަން ކޮށް ނިންމައިގެން އައީ. އެކަން ވެސް އޮތީ އަހަންނަށް ސިއްރުކޮށްފަ. އެއް ދުވަހަކު އޭނާގެ ލެޕްޓޮޕް ދަބަހުގައި އޮތް ފައިލެއްގެ ތެރެއިން އަހަންނަށް ފެނުނީ އޭނާ އެ ކަންކޮށްފައި އޮތްކަމުގެ ލިޔުން،" އިރާޝާ އޮޅުން ފިލުވައިދިނެވެ. "އެ ދުވަހު ވަރަށް ހިތްހަމަ ނުޖެހެވުނު. އެހައި ހިސާބުން މައްސަލަ އިތުރަށް ހޫނުވީ. ދެމީހުންގެ މެދުގައި ހުރި މިކަހަލަ ކަންކަން ބޮޑުވަމުން ގޮސް އެންމެ ފަހުން ވަރިވީ. އެނޫން ކަމެއް ނެތް. އާމިރަކީ އަނެއްހެން ހަމަ ސަޅި މީހެއް."

"އެހެންވީމަ ތި ބުނަނީ ދެން އާމިރަށް ކުދިން ނުލިބޭނޭތަ؟" އަހަންނަށް އަހައިލެވުނެވެ.

"އާން ލިބިގެން ނުވާނެ ދޯ. އެ ލިޔުންތަކަކީ ސައްހަ އެއްޗެއް ނަމަ ލިބިގެން ނުވާނެ،" އިރާޝާ މަޑުމަޑުން ބުނެލިއެވެ. "ނާނާއަށް އެކަމެއް ނޭނގޭތަ؟ އަހަރެން ހީކުރީ ހުރިހާ ކަމެއް އެނގި ހުރެކަމަށް އިނދެގެން ތި އުޅެނީ ވެސް."

އަހަންނަށް ކެތެއް ނުކުރެވުނެވެ. ބަޑިފަޅައިގެން ދިޔައީއެވެ. އަހަރެން ފޯނު ކަނޑައިލީމެވެ. އިރާޝާ ދެތިން ފަހަރަށް ގުޅިއެވެ. އަހަރެން ފޯނު ނެގީ ހަތަރުވަނަ ފަހަރަށް ގުޅީމައެވެ.

"ނާނާ! ދުނިޔެއަކީ ވަރަށް ފާޑެއްގެ ތަނެއް. ކެތްތެރިވާންވާނެ. ﷲވޮޑިގެން ވަނީ ކެތްތެރިންނާއެކު،" އޯގާތެރިކަމާއެކު އިރާޝާ ބުނެލިއެވެ. "ނާނާ ހީކޮށްފާނެ އަހަރެން ތި ދެމީހުންގެ ދެމެދުގައި މައްސަލަ ޖައްސަން ދެއްކިވާހަކައެކޭ މީ. ޔަގީން ކުރަން ބޭނުންވަންޏާ އާމިރު ގާތު ރީތިކޮށް މި އަހައިބަލަ. އާމިރު ވެސް ޖެހޭނެ ނާނާއަށް ހުރިހާ ކަމެއް ކިޔައިދޭން. ލައިފެއް ކާމިޔާބު ކުރެވޭނީ ދެމީހުންގެ އިހްސާސްތައް އެއްގަލަކަށް އަރުވައިގެން. އެކައްޗެއް ކިޔައިގެން ހަޔާތުގެ އަޑިގުޑަންތަކާ ކުރިމަތިލީމަ."

އިރާޝާގެ ވާހަކަތައް އަޑުއަހަން އަހަންނަށް އިނދެވުނީއެވެ. އޭރު ވެސް ލޮލުން ކަރުނަތައް އޮހެމުން ދެއެވެ. އަހަރެންގެ އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ދިޔައީމެވެ.

"އަހަރެން މި ހުރިހާ ވާހަކައެއް ކިޔައި މި ދިނީ ނާނާ ސުވާލު ކުރީމަ. ނާނާއަކީ އަހަރެން ވަރަށް ގާތްކޮށް ދެކޭ މީހެއްވީމަ، ތިޔައީ ވަރަށް ހިތްހެޔޮ، އޯގާތެރި ވަރަށް ތަހުޒީބު ވިސްނުމެއް ގެންގުޅޭ މީހެއްވީމަ. ދިމް ވެސް ނާނާއަށް ވަރަށް ތައުރީފުކުރޭ. އަހަންނަށް ވެސް އެކަން އިހްސާސްވޭ. ދުވަހަކު ދިމާ ނުވިޔަސް އަހަންނަށް ފެނުނު ފޮޓޯ ތަކުން ވެސް ނާނާގެ އޯގާތެރިކަން ވަޒަންކުރެވުނު،" އަރީޝާގެ ބަސްތައް އިވިފައި ހިތުގައި ޖަހަމުން ދިޔަ ވިންދުތައް ބަދަލުވަމުން ދިޔައެވެ. "ދެން މާ ބޮޑަށް ހާސްނުވޭ. ކެތްތެރިކަން އިސްކޮށްފަ ދިރިއުޅުމައިގެން ކުރިއަށްދޭ."

ކޮޓަރިއަށްވަދެ އަހަންނަށް އެނދު މައްޗަށް ފޯނު އެއްލައިލެވުނެވެ. އެހުރި ގޮތަށް ގޮދަޑި މައްޗަށް ވެއްޓިގަނެވުނެވެ. އަޑުން އަޑު ނަގާ ރޮމުން ގިސްލެވެން ފެށުނެވެ. އެތައް ދުވަހެއް ވަންދެން ކުރަމުން އައި ފޮނި އުއްމީދަށް ދިރުމެއް ނުލިބޭނެ ކަން އެނގުމުންނެވެ. ކައިވެންޏަށްފަހު ހޭދަކުރި ކޮންމެ ދުވަހަކު އަހަރެން ކުރަމުން އައީ ފޮނި އިންތިޒާރެކެވެ. ދަރިއަކު ލިބުމަށް އެދި ކުރެވުނު އިންތިޒާރެވެ. ފަނަރަ އަހަރު އެގޮތުގައި ފާއިތުވެ ދިޔައީއެވެ. އެއީ މަދު ވަގުތެއް ނޫނެވެ. ކުޑަ ދުވަސްކޮޅެއް ނޫނެވެ. ފޮނި އިންތިޒާރުގެ ނިމުމަކީ މިހާ ހިތި އެއްޗެއް ހެއްޔެވެ؟ މީގައި އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަންނަށް ހެދުނު ގޯހަކީ ކޮބައި ހެއްޔެވެ؟

އާމިރާ މެދު ހިތުގައި އުފެދެމުން ދިޔައީ ނަފުރަތެވެ. އޭނާ އަހަންނަށް އޮޅުވާލީމައެވެ. އަހަންނަށް މަކަރު ހެދީމައެވެ. އެއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އަންހެނެއްގެ އިހްސާސްތައް އޭނާއަށް ނުވިސްނުނީ ހެއްޔެވެ؟ އަންހެނަކަށް ލިބޭނެ މަތިވެރި ޝަރަފު އޭނާއަށް ނުވިސްނުނީ ހެއްޔެވެ؟

ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އަހަރެން އެ އޮތް ގޮތަށް އޮތީއެވެ. ކޮޓަރިއަށް ވަންނާނީ އާމިރުކަން އެނގޭތީއެވެ. އޭނާއާ ހަތަރު ކަޅި ހަމަކުރާން އަހަރެން ބޭނުން ނުވީއެވެ. އޭނާއާ ވާހަކަދައްކާން އަހަރެން ބޭނުން ނުވީއެވެ.

"ނާނާ! ނާނާ." އާމިރު އަހަރެންގެ ކޮނޑުގައި ކޮށްޓައިލިއެވެ.

"ޚަބަރުދާރު އަހަރެންގެ ގައިގައި އަތްލައިގެން ނުވާނެ." އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ. "ދުރަށްދޭ. ދުރަށްދޭ. އަހަންނާ ގާތްނުވޭ. ކަލޭ ތީ މަކަރުވެރިއެއް. ދޮގުވެރިއެއް. ބޮޑު މަކަރުވެރިއެއް."

އަހަންނަށް ރުޅިއާދެވުނެވެ. އެނދުމަތީގައި އިށީނދެލެވުނެވެ. މަޑުމަޑުން އެނދުގެ ފަހަތަށް ޖެހިލެވުނެވެ. އާމިރު ހައިރާން ކަމާއެކު އަހަންނާ ދިމާއަށް ގުދުވެލިއެވެ.

"ކީކޭތަ ތި ކިޔަނީ؟" އާމިރު މަޑުމަޑުން ބުނެލިއެވެ.

"ކަލޭ ތީ ދޮގުވެރިއެކޭ. ކަލޭ އަހަންނަށް އޮޅުވާލީ. މަކަރު ހެދީ. ކަލޭއަށް ދުވަހަކު ވެސް ދުވަހަކު ވެސް އަހަރެން މާފެއް ނުކުރާނަން." ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

"ވެގެން އުޅޭ ގޮތެއް ބުނެދީބަލަ." އާމިރު ވެސް ބާރަށް ބުނެލިއެވެ.

އަހަންނަށް ހަމަ ހޭވަރިކަންވީ އެހައި ހިސާބުންނެވެ. އާމިރު އަހަރެންގެ ފައިގައި އަތް ޖައްސައިލިއެވެ. އަހަރެން ގަދަ ހަދައިލުމުން އޭނާ ރުޅި އަޔެވެ. އެއާއެކު ސަލާމަތްވާން އަހަރެން މަސައްކަތް ކުރީމެވެ. ފަޔަށް ބާރުކޮށް ލަތްކެއް ޖަހައިލުމާއެކު އާމިރުގެ މޭގައި ފައިން ޖެހުނެވެ. އޭނާ އިދިފުށަށް ވެއްޓުނެވެ. އަހަންނަށް ބަލައިލެވުނީ މުށިގަނޑު މައްޗަށެވެ. އާމިރު އޮތީ މުށިގަނޑުމަތީގައެވެ. އޭނާ ވެއްޓި ޖެހުނުގޮތުން ނިތްމަތި ފަޅައިގެން ދިޔައީއެވެ. ދުވެފައި ކަހަލަ ގޮތަކަށް އަހަންނަށް ތެދުވެވުނެވެ. އާމިރު ނަގައިގަނެގެން ގެނެސް އެނދުގައި ބޭއްވީމެވެ. ފަސްޓުއެއިޑް ފޮށި ހިފައިގެން އައިސް އަވަސް އަވަހަށް އާމިރުގެ ނިތްމަތި ސާފުކޮށްލީމެވެ. އަދި ފަޅައިގެން ދިޔަ ތަނުގައި ބޭސް އަޅައި ދިނީމެވެ. މި ހުރިހާ ކަމެއް ނިމުއިރު ވެސް އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އާމިރު އޮތީ ފާޑަށްކަށް ބަލާށެވެ.

"ނާނާއަށް ކޮން ބަދަލެއްތަ މިއަދު ތި އައީ؟" އާމިރު އަހައިލިއެވެ.

"ވާހަކަދެއްކުމުގެ ބޭނުމެއް ނެތް. އާމިރު އަހަންނަށް އޮޅުވާލީ. ދޮގުހެދީ. ސިއްރުކުރީ." އަހަރެން ހިތްހަމަ ނުޖެހިފައި އިނދެ ބުނެލީމެވެ.
"އަހަރެން ކީއްތަ ކުރީ؟" އާމިރު އަހައިލިއެވެ.

"އޮޕަރޭޝަންކޮށްފަ އެކަން ސިއްރުކުރީ."

"ކޮން؟" އާމިރު ހައިރާންކަމާއެކު އަހައިލިއެވެ.

"ކުދިން ނުލިބޭ. އާމިރު ބޭނުން ނޫނަސް އަހަރެން ކުއްޖަކު އުފަން ކުރަން ބޭނުންވެޔޭ." އަހަރެން ހިތްހަމަ ނުޖެހުނެވެ.

"ކާކު ބުނީ؟"

"އިރާޝާ. އަހަރެން އެހީމަ ކިޔައިދިނީ. އާމިރު ގާތު ބުނެބުނެ ތެދަށް ސާފުކޮށް ނުބުނީމަ އަހަރެން ގުޅީ. ގުޅީމަ ކިޔައިދިނީ،" އަހަރެން ހިތްހަމަ ނުޖެހިފައި އިނދެ ވާހަކަދެއްކީމެވެ. "އަހަރެންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލައިފަ ތިމާގެ އުއްމީދުތަކުގަ ކުލަޖެހުނީމަ އާމިރަށްވީ. ފަނަރަ އަހަރު ވަންދެން އަހަރެން ގޮތް ހުސްވެފަ މި ހުރީ. ހަނދާނެ ގޮތެއް ކުރާނެ ކަމެއް ނޭނގިފަ. ކައިވެނީގެ މޭވާ ނާޅާނަމަ އެއީ މާނައެއް ނެތް ކައިވެންޏެއް."

"ނާނާ ބޭނުންވަނީ އަހަރެން ދޫކޮށްލަންތަ؟" އާމިރު ހިންދިރުވައިލިއެވެ. "ނޫނީ ފަޟީހަތްކޮށްލަންތަ؟"

"އަހަރެން ބޭނުމެއް ނޫން އާމިރު ދޫކޮށްލާކަށް ވެސް. އަހަރެން އެދެނީ ކުއްޖަކަށް. އެކަމަކު އެކަން ދެން އާމިރަށް ކޮށްދެވޭނެތަ؟ ދިރިއުޅުމުގައި ގޮތެއް ނިންމާއިރު ވިސްނަންޖެހޭ ހުރިހާ ކަމަކަށް ނުވިސްނާ އާމިރު އަމިއްލަ އަމިއްލައަށް ގޮތް ނިންމީމަ އެކަމުގެ ހިތްދަތިކަން މި އިހްސާސް ކުރަން ޖެހުނީ ކުށެއް ނެތް އަހަންނަށް،" އަހަރެންގެ ލޮލުން ކަރުނަތައް އޮހެން ފެށިއެވެ. "އާމިރު ބުނެބަލަ އަހަރެންގެ ކޮން ކުށެއް އޮވެގެން އަހަންނަށް ތިހެން ތިހެދީ. އާމިރަށް އެނގޭތަ! އަހަރެންގެ ކޮއްކޮމެން އެމީހުންގެ އަމިއްލަ ދަރީން ގޮވައިގެން އުޅޭ މަންޒަރު ފެނުނީމަ ހިތަށް ލިބޭ ވޭން. އާމިރަށް އިހްސާސް ވޭތަ އަހަރެންނާ ދިމާއަށް ކުއްޖަކު ހޯދަން ނުވޭހޭ މީހުން ބުނާ ކޮންމެ ފަހަރަކު ހިތްފަޅިފަޅިވެ އެ ލިބޭ ވޭން. އާމިރަށް މިކަން އިހްސާސް ވޭތަ؟ އެންމެ ވެސް ހީކުރަނީ ކުދިން ނުލިބެނީ އަހަންނަށޭ. އެމީހުން ގަބޫލު ކުރަނީ އެހެން. މިހުރިހާ ދުވަހު އަހަރެން ވެސް ވިސްނައިގެން މި ހުރީ އެހެން. އާމިރަށް އެނގޭތަ މި ވޭތުވެ ދިޔަ ފަނަރަ އަހަރު، ހަމަ ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު އަހަރެން މިކަމާ ވިސްނާވަރު. މިކަމާ ފިކުރުކުރާ ވަރު."

"ނާނާ! އަހަންނަށް މައާފުކުރޭ. އަހަންނަކަށް ނޭނގެ ދެން ހަނދާނެ ގޮތެއް. މިއީ އަހަރެން އަމިއްލައަށް އެޅި ފިޔަވަޅެއް. އަހަންނަށް ކުއްޖަކު ލިބުމުން އިތުރު ކުއްޖަކު ބޭނުން ނުވާތީ، އިރާޝާ ގާތު އެކަން ކުރަން ބުނީމަ އެއްބަސް ނުވީމަ އިރާޝާއާ ސިއްރުން އަމިއްލައަށް ކުދިން ނުލިބޭ ގޮތް ހެދީ. ފަހަރެއްގައި ވެސް ހިޔެއް ނުކުރަން މި ދުވަސް އަތުވެދާނެ ކަމަކަށް. އަހަރެން ފުރަތަމަ ކައިވެނި ފުނޑުފުނޑުވީ ވެސް މިކަމަކާ ހެދި،" އާމިރު އެނދުގައި އިށީނދެ އިނދެ ވާހަކަފެށިއެވެ. "އަހަރެން ބެލީ ނާނާއަށް އެހެން ހުރިހާ އުފާތަކެއް ހޯދައިދީގެން ވެސް އެ ހުސްކަން ފޫބެއްދޭތޯ. އެކަމަކު އަހަންނަށް އެކަމެއް ނުކުރެވުނު. ނާނާ އަހަރެން ގާތު އެވާހަކަ ދައްކާ ކޮންމެ ރެޔަކު، ކޮންމެ ދުވަހަކު އަހަރެން ހަދާނެ ގޮތް ނޭނގި އެތައް އިރަކު އެކަމާ ވިސްނަން އިންނަން. އެތައް ފަހަރަކު އެކަމާ ފިކުރު ކުރަން އިންނަން. ޑޮކުޓަރަށް ދާންވެސް ހިތަށް އަރާ. އެކަމަކު ހަމަ ޖެހިލުން ވެވެނީ. އަހަންނަށް ގޮތް ހުސްވުމުން އެކަމާ މާޔޫސްވެވެނީ. ނާނާއަށް އެނގިދާނެތީ. ނާނާ ގެއްލިދާނެތީ."

"ދެން ކީއްވެ ނުބުނީ؟" އަހަންނަށް ރޮވެން ފެށުނެވެ.

"އަހަންނަށް ހިތްވަރު ނުލިބުނީ. ނާނާ ގެއްލިދާނެތީ. ޖެހިލުން ވެވުނީ. އަހަރެން މިއަދު ވަރަށް ލަދުގަނޭ. ޖެހިލުން ވެސް ވޭ. މީހުންނަށް މިކަން އެނގިދާނެތީ ކަންބޮޑުވޭ. އޭރުން އަހަންނަކީ މުޅި ދުނިޔެއަށް ގިނަވެފައިވާ މީހަކަށްވާނެ. މީހުންގެ ނަފުރަތު ލިބޭ މީހަކަށް ވެސް ވާނެ،" އާމިރު އަހަންނާ ދިމާއަށް ބަލައިލިއެވެ. "ނާނާ ޕްލީޒް އަހަންނަށް މައާފުކުރޭ. އަހަންނަށް މައާފުކުރޭ. އެނގޭ ނާނާއަށް ވަރަށް ހިތްދަތިކަން ދެވިއްޖެކަން. ނާނާ ވަރަށް ކެތްކޮށްފިކަން ވެސް. ނާނާ ބޭނުމިއްޔާ އަހަރެން ނާނާ މިނިވަން ވެސް ކޮށްފާނަން. އެކަމަކު އަހަންނަށް މައާފުކުރާތި."

އަހަންނަށް އިނދެވުނީއެވެ. ހަނދާނެ ގޮތެއް ނުވިސްނިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއްކޮޅުން އާމިރެވެ. އަހަރެން އެމީހަކު ދެކެ އެންމެ ލޯބިވާ މީހާއެވެ. އެތައް ދުވަހަކުން ބިނާކުރި ލޯބީގެ ގަނޑުވަރުގެ އަމީރަކީ އާމިރެވެ. އަނެއް ކޮޅުން އަހަރެން ދުނިޔޭގައި އުޅުނުކަމުގެ ނިޝާނެއް ހުންނާން ބޭނުންވަނީއެވެ. ދެ ކަންތައް އެއްފަހަރާ ވާކަށް ނެތެވެ.

އަހަންނަށް ގޮތް ހުސްވިއެވެ. ކުއްލިއަކަށް ބޮލަށް އުނދަގޫވާން ފެށިއެވެ. މީހާގެ ސިކުނޑި ހީވަނީ ފަޅައިގެން ނުކުންނަށް އުޅޭ ހެންނެވެ. ބޮލުގެ ދެފަރާތުން އެތެރެއަށް ފިއްތަމުން ފިއްތަމުން އައިސް ހީވަނީ ދެފަރާތް ފިތި ބާރުވާހެންނެވެ. މީހާ ކުޑަވާހެންނެވެ. ދެ ލޯ މަރައިލުމުން ނޭނގޭ ކަޅު ދުންތަކެއް އުދުހެމުންދާ ހެން ހީވަމުން ދިޔައެވެ. ލޯ ހުޅުވާލިޔަސް އެ މަންޒަރު ފެންނަމުން ދިޔައެވެ. އެންމެފަހުން ދެ ލޯ މެރުނީއެވެ. މުޅިތަން އަނދިރިވީއެވެ. ކަޅުވީއެވެ.

އަހަންނަށް ލޯ ހުޅުވާލެވުނު އިރު އޮތީ ހޮސްޕިޓަލުގައެވެ. ގާތުގައި އިނީ މަންމައެވެ. ހަމައަކަށް އެޅުމުން މަންމަ ދިއްކޮށްލީ ކަރުދާސްކޮޅެކެވެ. އޭގައި އޮތީ އަހަރެން މިނިވަން ކުރި ވާހަކައެވެ.

އަހަންނަށް ވިސްނައިދިނީ މަންމައެވެ. މަންމަގެ ހިތްވަރުން އަހަރެން ހަމައަކަށް އެޅެމުން ދިޔައެވެ. އަހަރެންގެ ތިންވަނަ ކައިވެނީގެ ކަންކަން ނިމިގެން ދިޔައީ ވެސް ހީވެސް ނުކުރާހާ އޮމާންކޮށް އެހައި އަވަހަށެވެ. ހުރިހާ ކަމެއްގެ މުގުލުގައި ހުރީ މަންމައެވެ.
އޭގެފަހުން މިއަދަށް ތިން އަހަރު ވަނީއެވެ. އަހަރެން މި އޮތީ އަހަރެންގެ ދެވަނަ ދަރިފުޅު ވިހައިގެން ހޮސްޕިޓަލުގައެވެ. މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެވެ. އަހަރެން ބޭނުންވީ ކުދީންނެވެ. ވަކި ޖިންސެއްގެ ކުއްޖެއް ނޫނެވެ. އަހަރެން ދުނިޔޭގައި އުޅުނު ކަމުގެ ހަނދާނެކެވެ. ނިޝާނެކެވެ. އެކަން މިއަދު ވެއްޖެއެވެ. އޯގާތެރި ފިރިޔަކު ލިބި ލޯބިލޯބި ދެ ކުދިން ވެސް ލިބިއްޖެއެވެ. މިއީ އިއްޔެ ގޮތްހުސްވެ ހަނދާނެ ގޮތެއް ނެތިގެން ކަންބޮޑުވި މީހާއެވެ. އެކަމަކު މިއަދު އެ ހުރިހާ ކަމެއް ބަދަލުވީއެވެ. މީހުން ބުނަނީ ތެދެކެވެ. އެމީހަކަށް ދިމާވާކަމެއްގައި ކެރިގެން ކުރިމަތި ލައިފި ނަމަ ހުރިހާ ހުރަސްތަކެއް ކެހިގެން ގޮސް މީހާ ބޭނުންވާ މަންޒިލަށް ދެވޭނެއެވެ. ބޭނުން ވާނީ ކުޑަ ހިތްވަރެކެވެ. ގޮތް ހުސްވުމަކީ އަދި ކަންކަމުގެ ހައްލެއް ނޫނެވެ.