ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާވައިރަސް: ހޭލުންތެރި ކުރުން މުޅި ރާއްޖޭގައި ހިނގައިފި

ކޮރޯނާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފި އެވެ.

ކަމާބެހޭ އިދާރާތަކުން ބުނީ މިހާތަނަށް 67 ހެލްތް ފެސިޓީ އިން 2،591 މީހަކަށް މިބައްޔާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ރަށްރަށުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ދޮރުން ދޮރަށް ހިނގާ މައުލޫމާތު ދިނުމާއި ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ކުދިންނަށާއި އޮފީސްތަކާއި އެކި މުއައްސަސާތަކުގައި ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެ ސެޝަންތަކުގައި ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހާއި ގުޅޭ މައުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީ ގޮތުންނާއި މުޖުތަމައު ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ދީފައެވެ.

ކޮރޯނާއަށް ހޭލުންތެރި ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައިވެސް ވަނީ އާންމު މައުލޫމާތު ދިނުމާއި ޕޯޓް ތަކުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ތަކެތި ރަނގަޅު ގޮތުގައި ބޭނުންކުރާ ގޮތް ކިޔައި ދީފައެވެ. އެ ސެޝަންތަކުގައި 603 މުވައްޒިފުންނަށް މި މައުލޫމާތުތައް ފޯރުކޮށްދެވުނެވެ.

އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އެއާޕޯރޓް ކޮމްޕެނީ، އެއާޕޯރޓް ރެޕްސް ، އެމްއެންޑީއެފް، އެމްޕީއެލް އަދި ޓްއަރިސްޓް ރިސޯޓްތަކެވެ.

އަދި ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެންވެސް އޮރިއެންޓޭޝަން ސެޝަން ވަނީ ހިންގިފައެވެ.

އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާ އަދި އަމިއްލަ ކްލިނިކްތަކުން 402 މީހަކު ވަނީ އެ ސެޝަންތަކުގައި ބައިވެރިވެފައެވެ.

ނ. ހުރިހާ އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލުގެ ބަޕްލިކް ހެލްތް ވޯކަރުން، ޑޮކްޓަރުން، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުންނަށްވެސް ވަނީ ޓެލެކޮންފަރަންސެއް ބާއްވާފައެވެ. މި ޓެލެކޮންފަރަންސްގައި 306 މީހަކު ބައިވެރިވެފައެވެ.

އަދި ރ އަތޮޅުގައިވެސް އެއާޕޯޓްގައި ހަރަކާތްތެރިވާ ތަފާތު މުއަައްސަސާތައް ބައިވެރިވެގެން ފަރިތަ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިހަރަކާތުގައި އިންޓާނޭޝަނަލް ބޯޑާ ހެލްތް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އެއާޕޯރޓް ކޮމްޕެނީ، އެމްއެންޑީއެފް، އެވްސެކޮމް، ޕޮލިސް، ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތް އަދި އެޗްޕީއޭ އިން 75 މީހަކު ބައިވެރިވެފައިވެއެވެ.