ވިޔަފާރި

"ވިޒިޓް މޯލްޑިވްސް އިޔާ" ކެމްޕޭންތައް ބީބީސީގައި ފަށައިފި

Sep 1, 2015

އަންނަ އަހަރު ރާއްޖޭގައި ފާހަގަކުރާ "ވިޒިޓް މޯލްޑިވްސް އިޔާ 2016" ގެ ކެމްޕޭން އިޝްތިހާރުތައް ބީބީސީގައި ފަށާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އިނގިރޭސިވިލާތުގެ ބީބީސީގައި އިޝްތިހާރު ކުރަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށާއި، މި ކެމްޕޭން އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭނުގެ ދަށުން ބީބީސީގައި 30 ސިކުންތުގެ އިޝްތިހާރުތަކެއް ފެނިގެންދާނެ ކަމަށެވެ.

ރާއްޖޭން މީގެ ކުރިންވެސް ބީބީސީގައި އިޝްތިހާރުކޮށްފައިވެ އެވެ. ބީބީސީއަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާ އެއް ޓީވީ ޗެނަލެވެ.

އިނގިރޭސި ވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ގައުމެވެ. އެ ގައުމުން ޖުލައި މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 9.2 ޕަސެންޓް އިތުރުވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 1.7 ޕަސެންޓް އިތުރުވެފަ އެވެ.