ލައިފްސްޓައިލް

ޓީޗަރުގެ ބޫޓު ވަގަށް ނެގުމުން ދަރިވަރުން ބޫޓެއް ދީފި

އެމެރިކާގެ ސްކޫލެއްގެ ޓީޗަރެއްގެ ވަރަށް ހިތަށް އަސަރުކުރުވާ ވީޑީއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ. އޭނާ ކިޔަވައިދޭ ކުދިންގެ ތެރެއިން ބައެއް ކުދިން ފައިސާ އެއްކޮށްގެން ޓީޗަރަށް ބޫޓެއް ގަނެ ހަދިޔާކުރާ މަންޒަރު މި ވީޑިއޯގައި ފެނެ އެވެ. އަދި ޓީޗަރަށް ކުރި އަސަރުން ރޮވޭ މަންޒަރު ވެސް ފެނެ އެވެ.

ލޯގަން މިޑްލް ސްކޫލްގައި ކިޔަވައިދޭ ޓީޗަރެއް ކަމަށްވާ ޓްރޭ ޕޭން ބާސްކެޓް ކުޅެން އަރާ ބޫޓު ކްލާހުގައި ބަހައްޓާފައި ހުއްޓާ ވަނީ މީގެ ދެ ހަފުތާ ކުރިން ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ވަގަށް ނަގާފަ އެވެ. އެކަމާ އޭނާ ވަރަށް ދެރަވެފައި ހުރިކަން އޭނާ ކިޔަވައިދޭ ދަރިވަރުންނަށް އެނގިގެން އޭނާ އުފާކޮށް ހިތްހަމަޖައްސާލުމުގެ ގޮތުން އޭނާއަށް އާ ބޫޓެއް ހަދިޔާ ކުރަން ގަސްތުކުރި އެވެ. އަދި މިކަން ކުރަން ބޭނުންވި ކުދިން ފައިސާ އެއްކޮށްގެން މުޅިން އާ ބޫޓެއް ޓީޗަރެއް ގަނެދިނެވެ.

މި ބޫޓު ހަދިޔާކުރި ވަގުތާއި ބޫޓު ފެނިފައި ޓީޗަރަށް ލިބުނު ހައިރާން ކަމާއި ކުރި އަސަރުން ރޮވުނު މަންޒަރު މި ކުދިން ވަނީ ވިޑިއޯކޮށްފަ އެވެ. އިންޓަނެޓުގައި ދައުރުވަނީ މި ވީޑިއޯ އެވެ. ކުދިންގެ ހިތުގައި އޭނާއަށް ލޯބި ފެނުމުން ޓީޗަރަށް ބޭ އިޚްތިޔާރުގައި ރޮވުނެވެ.

މި ވީޑިއޯ އިންޓަނެޓުގައި ޝެއާކުރީ އެ ކުލާހުގެ ދަރިވަރެއް ކަމަށްވާ އެމާ މިޗަލް އެވެ. ވީޑިއޯއާއެކު އެމާ ލިޔެފައިވާ މެސެޖުގައި ވެއެވެ. "އަހަރެންގެ އެންމެ މަގްބޫލު ޓީޗަރު މިސްޓަ ޕޭންގެ ބޫޓު ވަގަށް ނެގީމަ އަހަންނާއި ކްލާހު ކުދިންކޮޅެއް ފައިސާ އެއްކޮށްގެން ޓީޗަރަށް އާ ބޫޓެއް ގަނެ ހަދިޔާ ކުރީއެވެ."

ސްކޫލްގެ ފޭސްބުކް ޕޭޖްގައި ވެސް މިކަން ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވެއެވެ. އަދި މިއީ ހަމައެކަނި ބޫޓެއް ގެއްލިގެން އާ ބޫޓެއް ހަދިޔާކުރުން ނޫން ކަމަށާއި މިކަމުން ހުރިހާ ކުދިންނަށް ލިބޭ އިބްރަތްތެރި ފިލާވަޅު މާ މުހިއްމުކަމަށެވެ. އަދި މި ޕޯސްޓް ލިޔުނު ޓީޗަރު ބުނެފައިވާ ގޮތުގައި އޭނާގެ އަމިއްލަ ދަރިންނަށް ވެސް މި ވީޑިއޯ ދައްކާ އޭގެން ފިލާވަޅެއް ލިބޭތޯ އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

މި ވީޑިއޯ މިހާތަނަށް 4.5 މިލިއަން ފަހަރު ބަލާފައިވާއިރު ގިނަ އަދަދެއްގެ މީހުން ތަފާތު ކޮމެންޓްތައް ވެސް ކޮށްފައި ވެއެވެ. އަދި އެ ސްކޫލްގެ ބައެއް ބެލެނިވެރިން ކޮށްފައިވާ ކޮމެންޓްތަކުގައި ޓީޗާ ޕޭން އަކީ ކުދިން ވަރަށް ލޯބިވާ މަގްބޫލު ޓީޗަރެއް ކަން ފާހަގަ ކޮށްފައި ވެއެވެ.