ހަބަރު

ނިހާދު ދެއްކެވި ވާހަކައަކާ ގުޅިގެން އޭސީސީއަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅިގެން މެންބަރު ނިހާދު އޭސީސީއަށް ހާޒިރު ކުރަން އަންގާފައިވާތީ، އޭނާ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވާފަ އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާ ކޮށްފައިވެ އެވެ.

އޭސީސީއަށް ނިހާދު ހާޒިރުވާން އަންގާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންގެ މައްސަލާގައި އެމަނިކުފާނަށް ހުކުމް ނުކުރަން ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމް ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރެއްވުމުންނެވެ. ޔާމީންގެ އަތުން ދެ މިލިއަން ޑޮލަރު ހައިލަމް ނެންގެވި ކަމަށް ނިހާދު ތަޅުމުގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި އިސްލާމް ދީނާ ހިލާފު ނުވާ ގޮތަށް ދައްކަވާ އެއްވެސް ވާހަކައަކާ ގުޅިގެން އެ މެންބަރަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ އެވެ. އަދި މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެން އެ މައްސަލައެއް ތަހުގީގު ކުރަން މެންބަރު ހާޒިރުކޮށް ސުވާލު ވެސް ނުކުރެވޭނެ ކަމަށް ގަވާއިދުގައި ވެ އެވެ.

މަޖިލީހުގެ ތަޅުމުގައި ހައިލަމަށް ތުހުމަތު ކުރައްވައި މެންބަރު ނިހާދު ދެއްކެވި ވާހަކަ

މި މައްސަލަ ބެލުމުގެ ގޮތުން މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިހާދު ކޮމިޓީއަށް ހާޒިރުކޮށް މައްސަލައިގެ އިތުރު ތަފުސީލު ހޯދުމާ ގުޅޭ ގޮތުން މެންބަރުން ވާހަކަ ދެއްކެވި އެވެ.

އޭގެ އިރުކޮޅެއް ފަހުން އެ ބައްދަލުވުން މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރު ކޮށްގެން ކުރިއަށް ގެންދަން އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ހުށަހެޅުއްވި އެވެ. މެންބަރު އަލީ ހަމީދުގެ ހުށަހެޅުއްވުމަށް ކޮމިޓީގެ މެންބަރުން ތާއީދު ކުރެއްވުމުން ކޮމިޓީ ދެން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.