ވިޔަފާރި

ބީއެމްއެލް އިން އެކައުންޓް ހުޅުުވުމާއި ލޯނަށް ހާއްސަ ސެންޓަރެއް

ބޭންކް އޮފް މޯލްޑިވްސް އިން އެކައުންޓް ހުޅުުވުމާއި ލޯނުގެ ހިދުމަތް ތަކަށް ހާއްސަ ސެންޓަރެއް ހުޅުވައިފި އެވެ.

އަމީނީމަގު މާލެ ސްކޮއާގައި ހުޅުވި މި ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި، ޕާސަނަލް ލޯނާއި ހައުސިން ލޯނަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

ބީއެމްއެލްގެ އެކައުންޓް ހުޅުވުމާއި ލޯނު ސެންޓަރު ހުޅުއްވައި ދެއްވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތް ރަނގަޅު ކުރުމަށް ކަމަށެވެ.

"މި ވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން މިވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ގުނަ އިންވެސްޓްމަންޓް ތަކެއް ކޮށްފަ. އަލަށް މި ހުޅުވިގެން ދިޔަ ޒަމާނީ ސެންޓަރުގައި ކަސްޓަމަރުން ނަށް އެހީތެރިވުމަށް ހާއްސަ ޓީމެއް މަސައްކަތް ކުރަމުން ދާނެ. އަދި މި ސެންޓަރުން ކަސްޓަމަރުން ބޭނުންވާނެ ފަދަ ފުރިހަމަ ހިދުމަތެއް ލިބިގެންދާނެ،" ސޯޔާ ވިދާޅުވި އެވެ.

މި ސެންޓަރުން އެކައުންޓް ހުޅުވަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ނަމްބަރު 3330200 އަށް ގުޅައި އެޕޮއިންޓްމަންޓް ހައްދަން ޖެހެ އެވެ. އަދި ދިވެއްސެއްނަމަ އައިޑީ ކާޑު ބޭނުން ވާނެ އެވެ. އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓާއި ވިސާ އަދި އެމްޕްލޯއިމަންޓް ސިޓީއެއް ބޭނުން ވާނެ އެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް އަށް އެސްއެމްއެސް އެއް ލިބޭނެ އެވެ. އެސްއެމްއެސްގައި ބޭނުން ވާނެ މައުލޫމާތު ހިމެނޭނެ އެވެ.

ލުއި ލޯން / ވެހިކަލް ލޯނަށް އެދި ހުށަހަޅަންވީ ގޮތް

  • އެންމެ ފަސޭހަގޮތަކީ އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ލުއިލޯނަށް އެދި ހުށަހެޅުން
  • އެއްވެސް އެޕޮއިންޓްމަންޓަކާ ނުލައި މިސެންޓަރަށް ލުއި ލޯނާއި ވެހިކަލް ލޯނުތަކަށް އެދި ހުށަހެޅޭނެ
  • ލޯނަށް އެދި ހުށަހަޅާ ފޯމާއެކު ބޭނުންވާ ލިޔެކިޔުން ހުށަހަޅުއްވާ

ހައުސިން ލޯން/ ލައިފް ސްޓައިލް ލޯން/ ކިޔަވާ ލޯނަށް އެދި ހުށަހަޅަންވީ ގޮތް

  • ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރ ގެ ފޯނު ނަންބަރު 3330200 އަށް ގުޅުއްވާ ފަސޭހަގަޑިއަކަށް އެޕޮއިންޓްމަންޓް ހައްދަވާ
  • ލޯނަށް އެދި ހުށަހަޅާ ފޯމާއެކު ބޭނުންވާ ލިޔެކިޔުން ހުށަހަޅަން ވާނެ
  • އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑިއަށް ވަޑައިގެންނެވުމަކީ ވަރަށް މުހިންމު ކަމެއް
  • ލޯނުގެ އެކި މަރުހަލާތަކުގައި އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރަށް ލޯނާ ގުޅޭ މައުލޫމާތު ލިބޭނެގޮތްވެސް މިވަނީ ހަމަޖެހިފަ

މި ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އަލަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅޭނެ އެވެ. ކާޑަށް އެދި ހުށަހެޅުމާއި އިންޓަނެޓް ބޭންކިން އާއި އިންޓަނޭޝަނަލް ޓްރާންސްފާ ހިދުމަތާއި ފައިސާގެ މުޢާމަލާތް ހިމެނޭ ހުރިހާ ހިދުމަތެެއް ލިބެމުންދާނީ މެއިން ބްރާންޗް އިންނެވެ. ސްޓޭޓްމަންޓް އަށް އެދި ހުށަހެޅުމާއި ޗެކް ފޮތާއި ކާޑު ދޫކުރުމުގެ ހިދުމަތް ލިބެގެންދާނީ ކަސްޓަމާ ސާވިސް ސެންޓަރު އިންނެވެ. ފައިސާގެ މުއާމަލާތްތައް ފިޔަވައި ވިޔަފާރި ތަކުން ބޭނުންވާ އެހެން ހުރިހާ ހިދުމަތެއް ދެމުން ދާނީ ބީއެމްއެލް ބިޒްނަސް ސެންޓަރު އިންނެވެ.