ހަބަރު

"އާންމު ރައްޔިތުންގެ ޕާޓީ" އުފެއްދުމުގެ ހުއްދަ ދީފި

"އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ "އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ސ. ހިތަދޫ ކަނަދޫގެ އަހުމަދު ސައީދަށް މިއަދު ދީފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމާއި ގުޅިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި 3000 މެންބަރުންގެ ސޮއި ހޯދުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭނެ އެވެ. އަދި ސައްހަ 3000 ފޯމް ހުށައެޅުމުން ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ކޮމިޝަނުން ދޭނެއެވެ.

އެ ޖަލްސާގެ ކަންކަން ގާނޫނުގައި ބުނާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނެ އެވެ.

މިވަގުުތު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދާލަތު ޕާޓީ، ޕީއެންސީ، އެމްޓީޑީ، ޑީއާރުޕީ، އެމްއެސްއެލްޑީޕީ އަދި އެމްއާރުއެމް އެވެ.