ހަބަރު

ފަތުރުވެރިންނަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި ރޭގެ ވަގުތެއްގައި ހަމަލާދީފައިވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ. މި ތިން މީހުންނަށް ހަމަލާދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުންދާ ކަމަށެވެ.

ހަމަލާދީ ޒަހަމްކޮށްލި ތިން މީހުންނަށް މާ ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އަކުން ފެނުނު ގޮތުގައި މި ތިން މީހުންގެ ތެރެއިން އެކެއްގެ ބުރަކަށިން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔަ އެވެ. މި ތިން މީހުންނަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

ފަހަކަށް އައިސް ފޭރެން ވެގެން ބައެއް މީހުންގެ ގަޔަށް ވަޅި ޖެހުން ވަނީ އާންމުވެފަ އެވެ. އަދި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް ވަނީ ހުޅުމާލޭގައި ފަތުރުވެރިއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފަ އެވެ. އަދި ޓެކްސީ ޑްރައިވަރެއްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި އޭނާގެ ގަޔަށް ވަޅި ޖަހައި ވަނީ މަރާލާފަ އެވެ.