ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިން މައްސަލަ ޓެރަރިސްޓް ޖަމާއަތަކުން ޒިންމާ އުފުލާ އާންމު ކުރި ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭގެ ވަގުތެއްގައި ތިން ފަތުރުވެރިޔަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވާއިރު މި ހަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތަކުން ނަގާ ކަމަށްބުނެ އައިއެސްގެ ދިވެހި ޓެލެގްރާމްގައި ވަނީ ވީޑިއޯއެއް އާންމު ކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަނީ މޫނު ނިވާ ކޮށްގެން ތިބި ބަޔަކު އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނާ މަންޒަރެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ސުވަރުގެ ކަމަށް ދައްކާ ދެއްކުން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައިވެ އެވެ.
ވީޑިއޯ ނިންމާލަމުން އެމީހުން ބުނެފައި ވަނީ ފަތުރުވެރިންނަށް މިފަދަ އެތައް ހަމަލާއެއް އަދިވެސް ދޭނެ ކަމަށެވެ.
ފުލުހުން ބުނީ ރޭ ހުޅުމާލޭގައި ހިނގި މާރާމާރީގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ވިޑިއޯ އަކީ ސައްހަ ވީޑިއޯއެއްތޯ ބަލަމުންދާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ.