ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެހީތެެރިވެ ދީ ސަރުކާރު ދެމެހެއްޓުމަށް "ޝަހީދު" ވާންވެސް ތައްޔާރަށް ހުންނެވި ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
އަވަސްއާ ވާހަކަފުޅު ދައްކަވަމުން ޖާބިރު މިރޭ ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވަޑައިގެންނެވި ޖާބިރު ވިދާޅުވީ ރައީސް ސޯލިހަށް ފަސޭހަފުޅުކޮށް ވެރިކަން ކުރެއްވުމަށް ދައުރުގެ ބާކީ އޮތް ހަތަރު އަހަރު ލިބިވަޑައިގަންނަވަން ޖެހޭ ކަމަށާ އެކަމަށްޓަކައި ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއް ކުރައްވާނީ "ޖާނާއި މާލުން ގުރުބާން ވެގެން" ކަމަށެވެ.
"އަޅުގަނޑު މި ހުރިހާ ރައީސް ސޯލިހާއެކު، އެއީ ޝައްކެއްވެސް ހުރިކަމެއް ނޫން، ދައުރުގައި ބާކީ އޮތް ހަތަރު އަހަރު އެމަނިކުފާނަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް 'ޝަހީދު' ވުމަށްވެސް އަޅުގަނޑު މިހުރީ ތައްޔާރަށް." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއި އިތުބާރަކާއެކު މަޖިލީހަށް އިންތިހާބު ކޮށްފައިވާ މެންބަރަކަށް ވާތީ މަޖިލީހުގައި އަދާކުރައްވަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަކީ ހަގީގަތުގައި މިއަދު މި ގައުމުގެ އިދިކޮޅު ލީޑަރަކީ، ރައްޔިތުންގެ މަޖިލީހުގައި. އެ މަޖިލީހުގައި އަޅުގަނޑު މަސައްކަތްކުރާނީ ގާނޫނު އަސާސީ ދަމަހައްޓާ، ނަގަހައްޓާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް. އެކަމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް އަޅުގަނޑު ކުރާނަން." ޖާބިރު ވިދާޅުވި އެވެ.