ލައިފްސްޓައިލް

ގަޑިން ގަޑިއަށް ނިދަންތަ؟ އެއީ ވަރަށް މުހިއްމު ކަމެއް!

އެކަށީގެންވާ މިންވަރަށް ނިދުމަކީ މުހިއްމު ކަމެކެވެ. ރޭގަނޑު ރަނގަޅަށް ނުނިދާނަމަ ވަރަށް ގިނަ ސިއްހީ މައްސަލަތައް ދިމާވާކަން ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. އަދި ބަރުދަން އިތުރުވުމާއި ދިފާއީ ނިޒާމު ބަލިކަށިވުން ވެސް ރަނގަޅަށް ނުނިދާނަމަ ދިމާވާނެ މައްސަލަ ތަކެވެ. އަދި ނިދި މަދުވުމަކީ އެމީހާ ދުވާލު ކުރާ މަސައްކަތަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާ މަސައްކަތް ކުރަންވާ މިންވަރަށް ކުރަން ހުރަސް އެޅޭނެ ކަމެކެވެ. ލޭ މައްޗަށް ދިއުމާއި ސްޓްރެސް އަދި ޑިޕްރެޝަނަށް ވެސް މަގުފަހިވާނެ އެވެ.

ސަބަބަކީ އެކަށީގެންވާ ވަރަށް ކޮންމެ ދުވަހަކުވެސް ނުނިދާނަމަ އެމީހާގެ ހަށިގަނޑާއި ސިކުނޑި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާނެތީ އެވެ. ކޮންމެ ރެއަކުވެސް ނިދަން ވަކި ގަޑިއެއް ކަނޑައަޅައި އެ ގަޑިއަކަށް ނިދަން އާދަކޮށް އަދި ހޭލަން ވެސް ވަކި ގަޑިއެއް ކަނޑައަޅައި އެ ގަޑީއަކަށް ގަވާއިދުން ހޭލުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.

މިއީ ފަހަރެއްގައި ބައެއް މީހުންނަށް ހައިރާންވާ ކަހަލަ ވާހަކަ އަކަށް ވެދާނެ އެވެ. އަހަރެމެންގެ ހަށިގަނޑު ގުދުރަތީ ގޮތުން ސެޓުވެފައި ހުންނަނީ ރޭގަނޑާއި ދުވާލު ވަކި ޕެޓާނަކަށް މަސައްކަތް ކުރާ ގޮތަށެވެ.

އަހަރެމެންގެ ހަށިގަނޑު ސެޓުވެފައި ހުންނަ ގޮތުން ނިދަން ސެޓުވެފައި ހުންނަނީ ސަކޭޑިއަން ރިދަމްގެ މައްޗަށެވެ. މިއީ އިރުގެ އަލި ހުރުމާއި ނެތުމަށް ބިނާކޮށް ސެޓުވެފައި ހުންނަ އެއްޗެކެވެ. ހެނދުނު ހޭލުމާއެކު އެމީހާގެ ހަށިގަނޑަށް އިރުގެ އަލިކަން ފޯރުމުން ހަށިގަނޑުގެ އެހެން ބައިތަކަށް ސިގްނަލް ފޮނުވާލަ އެވެ. އެއާއެކު މެޓަބޮލިޒަމްގެ މަސައްކަތް ފެށެ އެވެ. އަދި އިރު އޮއްސުމާއެކު ހަށިގަނޑުގައި މެލަޓޯނިން ލެވެލް މަތިވެ އެވެ. މިއީ ނިދުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ނިދުމަށް އެންމެ ރަނގަޅު ގަޑިއަކީ ރޭގަނޑު 10 ޖަހާއިރު އެވެ. އަދި ހޭލަން އެންމެ ރަނގަޅީ ހެނދުނު 6 ޖަހާއިރު އެވެ. އިންސާނުންނަށް އާންމުކޮށް އެންމެ ގަދަޔަށް ނިދެނީ ދަންވަރު 2.00 އިން 4.00 އާ ދެމެދު އެވެ. ވަކި ގަޑިއަކަށް ނިދުން މުހިއްމީ އެގޮތަށް ނުނިދާނަމަ ދުވާލު ގަޑީގައި ނިދި އަންނާނެތީ އެވެ. ޚާއްސަކޮށް ރޭގަނޑު ރަނގަޅަށް ނުނިދޭ މީހުން މެންދުރު 1.00އިން 3.00 އާ ދެމެދު ވަރަށް ނިދަން ބޭނުންވާނެ އެވެ. މިއީ އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށް މަސައްކަތަށް ސަމާލުކަން ދޭން އުނދަގޫވާނެ ކަމެކެވެ.

ކިޔަވާ ކުދިން ހަނދާން ގަދަ ކުރުމަށް ވެސް ނިދި މުހިއްމެވެ. ފިލާވަޅު ދަސްކުރުމަށްފަހު ނުވަތަ ކަމެއް ކުރަންވީ ގޮތް ދަސް ކުރުމަށްފަހު ނިދުމުން އެ އެއްޗެތި ސިކުނޑީގައި ހަރުލާ ފަހުން ހަނދާން ކުރަން ފަސޭހަވެ ގިނަ ދުވަހަކަށް ހަނދާނުގައި ރައްކާ ކުރެވެ އެވެ. އަދި އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދުމަށް މަގުފަހިވެ އެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ވެސް އެންމެ ރަނގަޅީ އެކަށީގެންވާ ވަރަށް ނިދުމެވެ. މާ މަދުން ނިދުމުން ނުވަތަ މާ ލަހުން ނިދުމުން މެޓަބޮލިޒަމް އާއި ހޯމޯން ލެވެލް އަށް ބަދަލު އާދެ އެވެ. އަދި ގިނައިން ކެވި ބަރުދަން އިތުރުވެ އެވެ.

މީހާގެ ނަފްސާނީ ސިއްހަތަށް ވެސް ރަނގަޅަށް ނިދުމުގެ މުހިއްމުކަން ބޮޑެވެ. ނިދި ހަމަ ނުވާނަމަ ފަސޭހައިން ރުޅި އާދެވި ކެތްތެރިކަން ކުޑަވެ ފޯކަސް ކުރަން އުނދަގޫވާނެ އެވެ. އަދި ވަރުބަލިވެ އަބަދު އާފުރި ނިދި ތާއްޔާ ޖެހޭތީ އުޅެން ޖެހޭނެ އެވެ.

ރަނގަޅަށް އަދި ގަޑިއަށް ނިދުމަށް ކުރެވިދާނެ ކަންތައްތައް:

  • ހެނދުނު ހޭލައިގެން ކަސްރަތުކުރަން އާދަކުރާށެވެ. އޭރުން މުޅި ދުވަހު ތާޒާކަމާއި ހިތްހަމަޖެހުން އިހްސާސްވެ މަސައްކަތްތައް ކޮށްލެވޭލެއް ރަނގަޅުވާނެ އެވެ.
  • ގަޑިއަށް ނިދަން އާދަކުރާށެވެ. ހޭލަން ބޭނުމީ ހެނދުނު 5 ޖަހާއިރު ނަމަ 10 ޖަހާއިރު ނިދަން އޮށޯންނާށެވެ. އަދި ކާ ގަޑި އަވަސް ކުރާށެވެ. ނިދަން އޮށޯތުމުގެ 2-3 ގަޑިއިރު ކުރިން ކާން ޖެހޭނެ އެވެ. އަދި ރޭގަނޑު މާ ގަދަޔަށް ކެއުން ވެސް ރަނގަޅެއް ނޫނެވެ.
  • ނިދާ ގަޑީގައި އިލެކްޓްރޯނިކް ޑިވައިސް ބޭނުން ކުރުމާ ދުރުވާށެވެ.
  • ބޮޑެތި މީހުން ކޮންމެ ރެއަކުވެސް ހަތް ގަޑިއެއްހާއިރު ނިދުން މުހިއްމެވެ.
  • މެންދުރުފަހު ނިދާ މީހުން މާ ގިނައިރު ނުނިދާ ކުޑަ އިރުކޮޅަކު ނިދާލާށެވެ. ނޫންނަމަ ރޭގަނޑު ނިދަން އުނދަގޫ ވާނެ އެވެ.
  • ކަމެއް ޖެހިގެން ކަނޑައެޅިފައިވާ ގަޑިއަށް ނިދޭގޮތް ނުވިޔަސް ރޭގަނޑު 12.00 ގެ ކުރިން ނިދުން މުހިއްމެވެ. ސަބަބަކީ އެއަށް ވުރެ ލަހުން ނިދުން ބައެއް މީހުންނަށް ޑިޕްރެޝަންގެ މައްސަލަތައް ދިމާވެ އެވެ.