ވިޔަފާރި

ދިރާގުގެ ފައިދާ އިން 912 މިލިއަން ރުފިޔާ ބަހަން ހުށަހަޅައިފި

Feb 6, 2020

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން، 912 މިލިއަން ރުފިޔާ ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހިއްސާ އަކަށް 12ރ. ނުވަތަ ޖުމްލަ ފައިސާގެ ފައިދާގެ ގޮތުގައި 912 މިލިއަން ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު ތިން ބުރެއްގެ މަތިން އިންޓަރިމް ޑިވިޑެންޑް ބަހާފަ އެވެ. ފުރަތަމަ ބުރު ހިއްސާ އަކަށް 4.14ރ. ނުވަތަ 314.6 މިލިއަން ރުފިޔާ ބަހާފައިވެ އެވެ. އަދި ދެވަނަ ފަހަރު ބަހާފައިވަނީ ހިއްސާއަކަށް 7.86ރ. ނުވަތަ 597.3 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ މިމަހުގެ 13 ވަނަ ދުވަހު އެ ކުންފުނީގެ މާލީ ހިސާބުތައް ކްލޯޒް ކުރާ ޑޭޓުގައި ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންގެ މެދުގައި ކަމަށެވެ.

ދިރާގުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 289 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.