ވިޔަފާރި

ޓޫރިޒަމް އެމްޕްލޯއީ އެވޯޑް ތައާރަފުކޮށްފި

Feb 6, 2020

ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑެއް ތައާރަފުކޮށްފި އެވެ.

ކޮމާކޯޅި މީޑިއާ ޕްރައިވެޓް ލިމިޓެޑުން ތައާރަފުކުރި "މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯއީ އެވޯޑް" އަކީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށްޓަކައި ދޭ ފުރަތަމަ އެވޯޑެވެ. މި އެވޯޑް، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ އެންޑޯޒްކޮށްފަ އެވެ.

އެވޯޑް ތައާރަފުކުރުމަށް، އުނިމާ ގްރޭންޑް ހޮޓެލްގައި މިރޭ ބޭއްވި ހަފުލާގައި، ޓީމްގެ ފަރާތުން އެވޯޑް އެންޑާޒްކުރި ކަމުގެ ލިޔުމުގައި ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ރައީސް މައުރޫފް ޒާކިރެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، އަދި މަސައްކަތްތެރިން އެންމެ ގިނަ އިންޑަސްޓްރީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށްޓަކައި އެވޯޑެއް ތައާރަފުކުރުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ރަނގަޅު ފެށުމެއް ކަމަށެވެ.

އިވެންޓް މެނޭޖްކުރުމާއި ޕަބްލިކް ރިލޭޝަންސް އާއި މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ، ކޮމާކޯޅި މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (އަބޯ) ވިދާޅުވީ، އެ ކުންފުނިން މިފަދަ އެވޯޑެއް ތައާރަފުކުރަން ނިންމީ، ރާއްޖޭގެ އިގްތިސޯދުގެ މައިބަދައަކީ ޓޫރިޒަމް ދާއިރާކަމަށް ވެފައި، އަދި ރާއްޖޭގެ މޫނުމައްޗަކީ ވެސް އެ ދާއިރާ ކަމަށްވާއިރު، އެ ދާއިރާގެ މަސައްކަތްތެރިންގެ ޚިދުމަތް ފާހަގަކުރުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ގަބޫލްކުރައްވާތީ ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ސާޅީސް އަހަރު ވެފައިވާއިރު، މިއަދު ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ވަރުގަދަ ބްރޭންޑެއް. ނަމަވެސް މިހާތަނަށް އައިއިރު، ދާއިރާގެ މަސައްކަތްތެރިންގެ އަގު ހައްގުވާ މިންވަރަށް ވަޒަންކުރެވިފައެއް ނެތް. އެހެންވެ، އަޅުގަނޑުމެން ދެކުނީ ކޮންމެވެސް ބައެއްގެ ވާޖިބެކޭ އެއީ އެކަން ކުރުން. އެހެންވެ މި އެވޯޑް ތައާރަފުކުރީ،" އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

ޓޫރިޒަމްގެ މައިގަނޑު ކޮންމެ ދާއިރާއަކުން ވެސް، އެންމެ ގަދަ މުވައްޒަފު ހޮވައި އެވޯޑް ދޭނެވެ. މި އެވޯޑްގެ އުސޫލްތަކާއި ކެޓަގަރީތައް، އަދި ފަނޑިޔާރުންގެ ޕެނަލް ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ. އޭގެ އިތުރުން ސްޕޮންސަރުންނާއެކު ސޮއިކުރުން ވެސް އޮންނާނެ އެވެ.

"މިއީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، އެންމެ ބޮޑު ލޭބަރ ފޯސްގެ އުއްމީދާ ގުޅިފައިވާ އެވޯޑެއް. ވަރަށް ގިނަ ބަޔަކު މިފަދަ އެވޯޑަކަށް އުއްމީދު ކުރަމުން ދިޔައީ. އެހެންވެ، އިރާދަކުރެއްވިއްޔާ ފުރަތަމަ އެވޯޑް ހަފުލާ، ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދޭނަން،" އަބްދުﷲ ވިދާޅުވި އެވެ.