ހަބަރު

ހަތަރު ދިވެހިންނާއެކު ދަތުރުކުރި ލޯންޗެއް ގެއްލިގެން ހޯދަނީ

ހަތަރު ދިވެހިންނާއެކު ދަތުރުކުރި ލޯންޗެއްގެ ހަބަރެއް ނުވެގެން އެ ލޯންޗު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ގެއްލިފައިވަނީ އައްޑޫ ސިޓީއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ކަމަށެވެ. އެ ލޯންޗް އައްޑޫއަށް ދަތުރު ފެށީ މިރޭ 18:45 އެހާކަންހާއިރު ކަމަށާ ލޯންޗުގެ ހަބަރެއް ނުވެގެން ސިފައިންނަށް އެކަން ރިޕޯޓްކޮށްފައިވަނީ މިރޭ 22:33 ގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އިން ދަނީ އެ ލޯންޗު ހޯދުމުގެ މަސައްކަތް ކުރަމުން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ލޯންޗު ފުރީ ގދ. ފިޔޯރީން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިރޭ 11:05 އެހާކަންހާއިރު ލޯންޗުގައި ހުރި މީހަކަށް ފޯނުން ގުޅުނު ކަމަށާ ނަމަވެސް މުއާމަލާތް ކުރެވޭ ގޮތް ނުވި ކަމަށެވެ. އަދި ފަހުން ގުޅަން ކުރި މަސައްކަތުން ރޭންޖް ނުލިބޭތީ ގުޅިފައިނުވާ ކަމަށެވެ.