ވިޔަފާރި

ކޮރޯނާ ވައިރަސްގެ ސަބަބުން މި އަހަރު ދައުލަތުގެ އާމްދަނީ ދަށްވާނެ ކަމަށް ލަފާކޮށްފި

Feb 7, 2020
5

ކޮރޯނާ ވައިރަސް ފެތުރި ޓޫރިސްޓުން އަންނަ އަދަދު މަދުވާތީ، މިއަހަރު ލިބޭ އާމްދަނީ މަދުވެދާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކޮށްފި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް އެދި، ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށްވެސް މީގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވާ ވަރަށްވުރެ އާމްދަނީ ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި އަހަރަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ 29.9 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރެވެ.

ބަޖެޓުގައި 18 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މީގެ އިތުރުން ޓެކްސް ނޫން ގޮތް ގޮތަށް ހަތް ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ދައުލަތަށް އާމްދަނީ ލިބޭ ދާއިރާތަކުގެ ތެރެއިން ބޮޑު ޕަސެންޓެއް ހިމެނެނީ ޓޫރިޒަމް ސެކްޓާއިންނެވެ. ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އަންނަ ފްލައިޓްތައް ކެންސަލްކޮށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން ރާއްޖެއަށް މީހުން އައުންވަނީ މެދުކަނޑާލާފަ އެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބުކިންތަކެއް ވަނީ ކެންސަލްވެގެން ގޮސްފަ އެވެ.