ލައިފްސްޓައިލް

ކެރެލާގެ އަވަށެއްގެ ފެން އިސްކުރުތަކުން ބަނގުރާ

ގޭގައި ހަރުކޮށްފައިވާ ފެން އިސް ކުރުން ފެނުގެ ބަދަލުގައި ބަނގުރާ އަންނަން ފަށައިފިނަމަ އެ ގެޔެއްގެ މީހުންނަށް ކުރިމަތިވާނެ ބިރުވެރިކަން އިންތިހާއަށް ބޮޑުވާނެކަން ޔަގީނެވެ. އިންޑިޔާގެ އަވަށެއް ކަމަށްވާ ޗަލައްކުޑީގެ އެޕާޓްމަންޓްތަކެއްގައި ދިރިއުޅޭ މީހުންނަށް މި ތަޖުރިބާ ވަނީ ކުރެވިފަ އެވެ. މިދިޔަ ހޯމަ ދުވަހު އެ ގޭގޭގައި ދިރިއުޅޭ މީހުންނަށް ފެން އިސްކުރުން ފެނާ އެކުވެގެން ބަނގުރާ އައުމުންނެވެ.

މިކަން މެދުވެރިވީ އިންޑިއާއިން އުފައްދާފައިވާ ބޭރުގެ ބަނގުރާގެ ދުވަސްވެފައިވާ ސްޓޮކެއް ވަޅުގަނޑަކަށް އެޅުމުގެ ސަބަބުން އެ ވަޅުގަނޑާ ޖެހިގެން ހުރި ފެން ނަގާ ވަޅަކަށް އޭގެ އަސަރު ކޮށްގެނެވެ. މި އެޕާޓްމަންޓްތަކަށް ފެން ނަގަނީ މި ވަޅުން ކަމަށް ވާތީ އެ ތަންތަނުގެ ފެން ހޮޅިތަކުން ފެނާއެކު ބަނގުރާ އަންނަ ގޮތް ވީއެވެ.

"ވަޅުގަނޑަށް އޮއްސި ބަނގުރަލުގެ ތެރޭގައި އެކި ބްރޭންޑްތަކުގެ 450 ކޭސް ބަނގުރާ ހިމެނޭ. އަހަރެމެން އެ އެއްޗެހި ހަލާކުކޮށް ވަޅުގަނޑަށް އޮއްސީ ކޯޓު އަމުރެއްގެ ދަށުން. ނަމަވެސް އެ ރާތައް ވަޅުގަނޑަށް އެޅިއިރަކު މި މައްސަލަ ދިމާވެދާނެ ކަމަކަށް ވިސްނިފައެއް ނެތް،" ޕީޓީއައި އަށް ދިން އިންޓަވިއު އެއްގައި މިކަމުގައި އުޅުނު އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

އެކްސިޑެންޓަކުން ނަމަވެސް މި ދިމާވި ކަންތަކުގެ ނޭދެވޭ އަސަރު އެ އަވަށުގެ ނިއު ސޮލޮމަންސް އެޕާޓްމަންޓްގައި ދިރިއުޅޭ 18 އާއިލާއަކަށް ކޮށްފައި ވެއެވެ. އެމީހުން އެ ދުވަހު އެކި ބޭނުންތައް ކުރި ފެނުގައި ބަނގުރާ އެކުލެވިފައި ހުރުމުގެ ސަބަބުންނެވެ.

މި މައްސަލަ ދިމާވުމާއެކު ކަމާ ބެހޭ ސަރުކާރުގެ އޮފިޝަލުން ވަނީ އެ އެޕާޓްމަންޓްގައި ދިރިއުޅޭ މީހުން ވަގުތީ ގޮތުން ބޭނުން ކުރަން 5،000 ލިޓަރު ފެން ފޯރުކޮށްދީފަ އެވެ. އަދި ވަޅު ދިޔަ ހިއްކާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކޮށްފަ އެވެ.