ކިއާރާ އަދުވާނީ

"އޭކް ވިލަން 2"ގެ ބަތަލާއަކަށް ކިއާރާ އަދުވާނީ

ބޮލީވުޑްގެ އެންމެ ގިނަ ބަޔަކަށް އެންމެ އިތުބާރު ކުރެވޭ ބަތަލާއިންގެ ތެރޭގައި ކިއާރާ އަދުވާނީ މިހާރު ވަނީ ހިމެނިފަ އެވެ. ޖައްސަޖައްސައިގެން ދެ ފިލްމު ކާމިޔާބު ވުމުގެ ސަބަބުން ކިއާރާއަކީ މިހާރު ވަރަށް ގިނަ ޕްރޮޑީއުސަރުންނާއި ޑައިރެކްޓަރުންގެ ފުރަތަމަ ޗޮއިސްއަށް ވަނީ ވެފަ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން 2"ގައި އަދިތުޔާ ރޯއި ކަޕޫރާއި ޖޯން އެބްރަހަމް އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ވެސް މިހާރު ކިއާރާ އަށް ވަނީ ލިބިފަ އެވެ. މި ފިލްމު ކުޅެން ކިއާރާ ލައްވާ ސޮއި ކުރުވައިފި ކަމަށް ޚަބަރުތައް ބުނި ނަމަވެސް ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީކޮށް މިކަން އިއުލާނެއް ނުކުރެ އެވެ.

"އޭކް ވިލަން 2" އަކީ ސިދާރްތު މަލްހޯތުރާ އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލު ކުޅުނު "އޭކް ވިލަން" ގެ ދެ ވަނަ ބައެވެ.

މި ފިލްމުގެ ދެ ވަނަ ބައިގެ ސްކްރިޕްޓް ޖޯން އަށާއި އަދިތުޔާއަށް ކިޔައި ދިނުމުން މި ދެ އެކްޓަރުން ވެސް ފިލްމާ މެދު ވަރަށް ހިތްހަމަޖެހުނު ކަމަށާއި މި ދެ އެކްޓަރުން މިހާރު ފިލްމު ކުޅެން ސޮއި ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ފުރަތަމަ ފިލްމެކޭ އެއްފަދައިން "އޭކް ވިލަން 2"ގެ ވެސް އެންމެ މުހިއްމު އެއްޗަކަށް ވާނީ އެ ފިލްމުގެ މިއުޒިކެވެ. މިހާރުއްސުރެ ފިލްމުގެ ޕްރޮޑިއުސަރު ބޫޝަން ކުމާރާއި ޑައިރެކްޓަރު މޯހިތު ދަނީ ފިލްމުގެ އަލްބަމަށް ރީތި ލަވަތަކެއް ހޯދަމުންނެވެ.

މޯހިތުގެ "މަލަންގް" މިހާރު ރިލީޒް ކޮށްފައިވާއިރު މާ ގިނަ ދުވަސްތަކެއް ނުވެ "އޭކް ވިލަން 2"ގެ މަސައްކަތް މޯހިތު ފަށާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

"އޭކް ވިލަން 2"އަށް ކިއާރާ ސޮއި ކޮށްފިނަމަ މިއީ ކިއާރާ މިހާރު ކުޅެމުންދާ ފިލްމުތަކުގެ ސިލްސިލާއަށް އިތުރުވި ފިލްމަކަށް ވާނެ އެވެ. މިހާރު އޭނާ ކުޅެމުންދާ ފިލްމުތަކުގެ ތެރޭގައި އަދިތުޔާ ސީލް އާއެކު ކުޅޭ "އިންދޫ ކީ ޖަވާނީ" އާއި ސިދާރްތު މަލްހޯތުރާ އާއެކު ކުޅޭ "ޝޭރްޝާހް" ގެ އިތުރުން އަކްޝޭ ކުމާރާއެކު ކުޅޭ "ލަކްޝްމީ ބޮމް" އާއި ކާރްތިކް އާރްޔަން އާއެކު ކުޅޭ "ބޫލް ބުލައްޔާ 2" ހިމެނެ އެވެ.