ވާހަކަ

ތަޖުރިބާގެ ހަދިޔާ (ފުރަތަމަ)

ތެޅިއްޖެއެވެ. އެތައް ފަހަރަކު ތެޅިއްޖެއެވެ. ހަޅޭއްލެވިއްޖެއެވެ. އަޑުގަ ނެތް ތަނަށް ހަޅޭއްލެވިއްޖެއެވެ. ގުޅަން ވެސް ގުޅިއްޖެއެވެ. ފޯނުގައި ހުރި ހުރިހާ ނަންބަރަކަށް ގުޅިއްޖެއެވެ. ހަސީނާއަށެވެ. ހަބީބާއަށެވެ. ބައްޕައަށެވެ. އެއްފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އެކަކު ވެސް ފޯނެއް ނުނަގައެވެ.

އަހަރެން ހާސްވާ ގޮތްވާން ފެށިއެވެ. ދާހިއްލާން ފެށިއެވެ. ފިކުރުތަކުން ސިކުނޑި ފުރެން ފެށިއެވެ. ބަލައިލާ ކޮންމެ ދިމާއަކުން ވެސް ކަޅުކުލައި ރޮނގުތަކެއް ދުވަމުން ދިޔަހެން ހީވަމުން ދިޔައެވެ. ރޮނގުތަކުގެ ބޮޑެތިވަމުން ދިޔައެވެ. ކުއްލިއަކަށް ބޮލަށް އުނދަގޫ ވާން ފެށިއެވެ. ބޮލުގެ ދެ ފަރާތުގައި އެއްޗެއް ޖެހިފައި ފިތިފައި ހުންނަހެން ހީވާން ފެށިއެވެ. އަތްހިއްލައިލުމަށްފަހު ބޮލުގެ ދެފަރާތުގައި އަތް ޖައްސައިލީމެވެ. އެއްވެސް އެއްޗެއް ނެތެވެ. ހައިރާންކަމާއެކު މޫނު ބަލައި ލޯގަނޑަށް ބަލައިލީމެވެ. ލޯގަނޑުން އަމިއްލަ ސޫރަ ވެސް ފެންނަމުން ދިޔައީ ނުސާފުކޮށްނެވެ. ފުސްކޮށްނެވެ. ހީވަނީ ލޯގަނޑުގައި ކަޅު ކުލަ ހުރިހެންނެވެ. ތަންކޮޅެއް ބޮޑަށް ސަމާލުވެ ލޯގަނޑަށް ބަލައިލީމެވެ. ހީވީ ހަމަ ރަނގަޅަށެވެ. ބޮލުގެ ދެފަރާތުގައި އެއްވެސް އެއްޗެއް ނެތެވެ.

ބޮލަށް ބަރުހެލިކަން އިހްސާސްވަމުން ދިޔައެވެ. ކުރިއަށް ވުރެ ބާރަށް ބޮލުގެ ދެ ފަރާތުގައި ހިފައި ފިތައިލީމެވެ. އިނގިލިތައް ވެސް ހީވީ ބޮލުތެރެއަށް ވަންހެންނެވެ. ކަނާއަތުގެ އިނގިލިތަކުން ނިތްމަތީގައި ޖައްސައިލީމެވެ. ކަށިއިނގިއްޔާއި ބޮޑުވާއިނގިލި ނިތުގެ ދެފަރާތަށް ބާރަށް ފިތައިލީމެވެ. ކުޑަކޮށް ލުއިވާހެން ހީވިއެވެ. ދެތިން ފަހަރަކު އެގޮތަށް ހަދައިލީމެވެ. ލޮލަށް އަރައިފައި ހުރި ބާރުގަނޑު ފިލަމުން ދިޔައެވެ. މޫނުމަތީގައި އުދުހެމުން ދިޔަ ރޮނގުތައް ހިމަވަމުން ދިޔައެވެ. ފުންކޮށް ނޭވާލަމުން ދިޔައީމެވެ. ދެތިން ފަހަރު އެސްފިޔަ ވެސް ޖަހައިލީމެވެ. ކުރިއަށް ވުރެ ލުއި ވަމުން ދިޔަކަން އިހްސާސްކުރެވުނެވެ. ފެންނަމުން ދިޔަ ރޮނގުތައް ހިމަވަމުން ގޮސް ކުދިކުދި ބޮޅުތަކަކަށް ބަދަލުވަމުން ދިޔައެވެ. ބޮޅުތަކުގެ ބައްޓަން ވެސް ކުދިވެ ކުދިކުދި ތިކިތަކަކަށް ބަދަލުވިއެވެ.

ފުންނޭވާއެއް ދޫކޮށްލެވުނެވެ. މަންޒަރު އެކުގައި ސާފުވިއެވެ. ފާޚާނާއަށް ވަދެވުނު ހަނދާންވިއެވެ. މަޑުމަޑުން ކޮޅަށް ތެދުވީމެވެ. އަނެއްކާ ވެސް ތަޅުގައި ހިފައިލީމެވެ. ހުޅުވޭ ގޮތެއް ނުވިއެވެ. ދޮރުހުރީ ބޭރުން ތަންޑުއަޅުވާފައެވެ. މިއީ ކޮއްކޮގެ ޖެއްސުމެވެ. އޭނާ އަހަންނަށް ދިން ލަނޑެކެވެ. ދޮރުފަތުގައި ތަޅަމުން ގޮވާން ފެށީމެވެ.

"ޒަޔާން. ޒަޔާން. ދޮރު ހުޅުވަބަލަ." ފާޚާނާގެ ދޮރުގައި ތަޅަމުން ބާރަށް ގޮވީމެވެ.

ނަމަވެސް އެ އަޑު އިވޭކަމަށް ވެސް ނަހަދައެވެ. ދެތިން ފަހަރަކު ޖަހައިލުމަށް ފަހު ހުއްޓައިލީމެވެ. އަތުގައި އޮތް ފޯނަށް މެސެޖެއް ލިބުމުންނެވެ. ލިބުނީ ބައްޕަގެ ފޯނަށް ގުޅޭނެ ކަމުގެ މެސެޖެވެ. އަވަސްއަވަހަށް ގުޅައިލީމެވެ. ދެތިން ފަހަރު ރިންގުވި އިރަށް ބައްޕަ ފޯނު ނެގިއެވެ.

"ފާޚާނާ ސާފުކުރަން ވަން އިރަށް ޒަޔާން ބޭރުން ތަންޑު އަޅައިގެން. ތަޅައިތަޅައި ވެސް ނުހުޅުވި. މިހާރު އެތައް އިރެއް ވެއްޖެ. ކޮޓަރި ތެރެއަށް އެއްޗެހި އުކާ އަޑުވެސް އެބަ އިވޭ." ބައްޕަ ފޯނު ނެގި އިރަށް އަހަރެން އަމުނައިލީމެވެ.

"ދަރިފުޅާ ބައްޕައަށް ދެވޭނީ އިރު ކޮޅެއް ފަހުން. މިއަރަނީ އަދި ދާލަން މައްޗަށް."

"މިތާ ހުރެހުރެ ހާސްވާ ގޮތް ވެސް ވެއްޖެ. އަތުގައި ހުރި ހުރިހާ ނަންބަރަކަށް ވެސް ގުޅައިފިން. އެކަކު ވެސް ފޯނެއް ނުނަގާ." މާނޭވާ ލަމުން އަހަންނަށް ބުނެވުނެވެ.

"ބައްޕަ އެބަ ގުޅަން ކަރިންބޭއަށް. ދެން މާ ބޮޑަށް ހާސް ނުވޭ."

އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެކަމަކު ޒަޔާނާ މެދު ފިކުރު ބޮޑުކުރެވެން ފެށުނެވެ. އޭނާ ކަންތައް ކޮށްފާނެ ގޮތަކާމެދުގައެވެ. ޒަޔާނަކީ ވަރަށް ތަފާތު ކުއްޖެކެވެ. އޭނާ ވިސްނާނީ މުޅިން ތަފާތުކޮށްނެވެ. އެހެން މީހުންގެ ވިސްނުމާ އޭނާގެ ވިސްނުމާ ތަފާތުވާނެއެވެ. އެހެން މީހުން ކުރާ ކަންތަކާ އޭނާ ކުރާ ކަންތަކާ ތަފާތުވާނެއެވެ. ފަސް އަހަރުގެ ކުއްޖަކަސް އޭނާގެ ވިސްނާނީ ބާރަ ތޭރަ އަހަރުގެ ކުދީން ވިސްނާހެންނެވެ. ކަމެއް މަނާކޮށްފި ނަމަ އެކަމުގެ އަދަބު ދޭނީ މަނާކުރި މީހަކަށެވެ. ކިތައްމެ ކުޑަކުޑަ ކަމެއް ވިޔަސް ހުރިހާ ކަމެއް ވެސް ނިމެން ޖެހޭނީ އޭނާ ބޭނުންވާ ގޮތަށެވެ.

އަހަރެން ފާޚާނާގެ ފާރުގައި ލެނގިލީމެވެ. މަޑުމަޑުން ތިރިވެވުނެވެ. އަމިއްލަ ނިކަމެތިކަމާ މެދު ވިސްނައިލެވުނެވެ. ދެކަކޫ ގާތްކޮށްލެވުނެވެ. ފިކުރުތަކުން ބޯ ފުރެމުންދިޔައެވެ. މާޒީގެ ހަނދާންތަކުން ހިތް ފުރެމުން ދިޔައެވެ.

އަހަންނަކީ ވެސް ކުރިމަގަށް ޓަކައި ފޮނި އުއްމީދުތަކެއް ކުރި މީހަކީމެވެ. ކުރިއަށް ދާނެ ދާއިރާއެއް އިޚްތިޔާރުކޮށް އެކަމަށް ގަދައަޅާ މަސައްކަތް ކުރި އަންހެން ކުއްޖަކީމެވެ. ނަމަވެސް މިއަދު އަހަންނަށް މި ވަނީ ހުރިހާ މަގެއް ބަންދުވެފައެވެ. ކުރިއަށް ދެވޭނީ ގޮތެއް ނެތިފައެވެ. މިއީ އަހަރެން ކުރި ކުށެއްގެ ސަޒާ ހެއްޔެވެ؟ ނޫނީ ތަގުދީރު ކުރަހައިދިން ކަޅު މަންޒަރެއް ހެއްޔެވެ؟

"މަންމާ! އަހަރެން ވާން ބޭނުންވަނީ ހަމަ ޑޮކުޓަރަކަށްވާން." ހިނިތުންވެލައިގެން ހުރެ އަހަރެން ބުނެލީމެވެ.

"ދަރިފުޅު ބޭނުން މީހަކަށް ވާންވީ!؟" މަންމަ އަހަރެންގެ ކޮލުގައި ހިފައިލަމުން ހިނިތުންވެލިއެވެ.

އެއީ އަހަރެންގެ ސިކުނޑީގައި ކުރެހިފައިވާ އެންމެ ތާޒާ އެއް ޚިޔާލެވެ. މަންމަގެ ފޮނި ހަނދާނެވެ. އުމުރުން އެންމެ ނުވަ އަހަރުގައި މަންމައާއެކު ކުރެވުނު ސައްލާއެއްގެ މަންޒަރެވެ.

"ދަރިފުޅާ އިމްތިހާނުތަކުން ރަނގަޅު ނަތީޖާއެއް ހޯދަންވާނެ. މަންމަގެ އަބަދުމެ ދުޢާއަކީ ދަރިފުޅަށް ކާމިޔާބު ދެއްވުން. ކާމިޔާބަކީ ގަދައަޅާ ކުރާ މަސައްކަތުގެ އަގު. އެއީ ހޯދަން ޖެހޭ އެއްޗެއް ނޫން. އެއީ މަސައްކަތް ކުރުމުން ދެއްވާ އެއްޗެއް،" އަހަރެން ބޮލުގައި ފިރުމައިލަމުން މަންމަ ބުނެލިއެވެ. "ދަރިފުޅުވާނެ މި މަންމަ ފަޚުރުވެރިވާ ދަރިއަކަށް ވާން."

އެއީ އަނެއް ހަނދާނެވެ. އޯލެވެލް އިމްތިހާނު ކައިރިވަމުން އައި ދުވަސްކޮޅު މަންމަ އަބަދާއަބަދު ދައްކާ ވާހަކައެވެ. އެ އުފާވެރި ހަނދާން އަދިވެސް ސިފަވާ ކަހަލައެވެ. މަންމަގެ އުނގުގައި ބޯ އަޅައިލުމުން މަންމަ އެ ފިރުމައިލާ ފިރުމުމެވެ. މަންމަގެ ހޯލި އިނގިލިތަކުގެ ކުރިން އިސްތަށިތަކާ ކުޅެލާ ގޮތެވެ. އެ އިހްސާސްތައް މިއަދު ވެސް ކުރެވެމުން ދެއެވެ.

"މަންމަ ވަރަށް އުފާވެއްޖެ. ވަރަށް ވަރަށް އުފާވެއްޖެ. މިއަދު ދަރިފުޅު މި މަންމަ ފަޚްރުވެރިކޮށްދީފި،" މަންމަ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. "ބުނޭ ދަރިފުޅު ބޭނުން ކޮންމެ އެއްޗެއް މި މަންމަ ހޯދައިދޭނަން. އަވަހަށް ބުނޭ."

"މަންމާ އަހަރެން ބޭނުމީ... އަހަރެން ބޭނުމީ..." އަހަންނަށް ބުނެދޭން އުނދަގޫވިއެވެ.

ހީވީ މީހަކު އަހަރެންގެ ދުލުގައި ހިފިހެންނެވެ. ކަރުގައި ހިފައި ބާރު ކުރާހެންވެ.

"ބުނޭ! ކޮންކަމެއް ބޭނުމީ،" އަނެއްކާ ވެސް މަންމަ ސުވާލުކުރިއެވެ. "ދަރިފުޅު ތިޔަ ހޯދި ކާމިޔާބީ ފާހަގަ ކުރަން މަންމަ ބޭނުން."
"އަހަރެން ބޭނުންވަނީ.... މަންމާ!" އަހަންނަށް ބުނަން ޖެހިލުން ވެ އިނދެ މަންމަގެ މޫނަށް ބަލައިލީމެވެ. "ކޮއްކޮއެއް."
މަންމައަށް ލިބުނީ ހައިރާންކަމެކެވެ. މަންމަ ހީކުރީ އަހަރެން ބުނާނީ ކޮންމެ ވެސް އެހެން އެއްޗެއް ހޯދައިދޭން ކަމަށެވެ.

"މަންމަ ހީކުރީ ދަރިފުޅު ބޭނުންވާނީ ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއްކަމަށް،" މަންމަ އަހަންނާ ދިމާކޮށްލިއެވެ. "އަދި މަންމަ ހީކުރީ އެ މާބޮނޑި ގެނެސްދޭން ޖެހޭނީ ކަޅުކުލައިގެ ކޯޓެއް ލައިގެން ހުރި މީހަކު ކަމަށް. އެވެސް ދަރިފުޅަށް ނުފެންނާނެ ހެން ސިއްރު ސިއްރުންކަމަށް."

ލާނެތް ފާޑަށް މަންމަ ހޭންފެށިއެވެ. އަހަންނަށް ޖޯކު ޖަހައިލަމުންނެވެ. އަހަރެން އަނގައިން ނުބުނެ އިނުމުން އަނެއްކާ ވެސް މަންމަ ދިމާކުރަން ފެށިއެވެ. ތުއިވެލަމުންނެވެ.

"އަޅޭ މަގޭ މަންމަ ހާދަ ރަނގަޅޭ. އަހަންނަށް މާ ބޮނޑިއެއް ހިފައިގެން އެ ފޮނުވީ ވެސް ރީތި ރީތި އަމީރެއްވިޔަ." އަނގަށް ވައްތަރު ޖައްސައިލަމުން އަހަރެންގެ ވާހަކަދައްކާ ރާގުގައި މަންމަ ދިމާކުރަމުން ދިޔައެވެ. "އަޅޭ މަންމީ ތޭންކްސް."

އަހަރެން މޫނު ކުނިކޮށްލައި ދެ ބުމަ ކައިރި ކޮށްލުމުން މަންމަ ހުއްޓައިލިއެވެ.

"ދެން މަންމާ! ސީރިއަށް ވެބަލަ." ފެންކަޅިވެ އިނދެ އަހަންނަށް ބުނެވުނެވެ. "އެހެން ކުދީން ފެމެލީގައި ގިނަ ކުދީން ތިބޭހެން އަހަރެން ވެސް ކޮއްކޮމެން ބޭނުން. ވަރަށް އެކަނިވޭ. އެހެން ކުދީން ކޮއްކޮމެންނާ ބޭބެމެން ތިބޭވާހަކަ ދައްކާތީ ވަރަށް ދެރަ ވެސް ވޭ."
މަންމައަށް ހިމޭންކަން ވެރިވިއެވެ. ފާޑަކަށް އަހަރެންގެ މޫނަށް ބަލައިގެން އިނެވެ. މަޑުމަޑުން ތެދުންފަތަށް ބާރުކޮށްލިއެވެ. އެއަށްފަހު، އަހަރެންގެ ދަތްދޮޅީގައި ހިފައި ހިއްލައިލިއެވެ. ސީދާ އަހަރެންގެ ދެ ލޮލަށް ބަލައިލިއެވެ. މަންމައަށް އަހަރެންގެ އިހްސާސްތައް ދެނެގަނެވުނެވެ. އަހަރެންގެ ހިތުގެ ރިހުން އިވުނު ކަހަލައެވެ.

"އިރާދަކުރެއްވިއްޔާ މަންމަ ތިކަން ކޮށްދޭނަން." މަންމަ އަހަރެންގެ ގައިގައި އޮޅުލައި ގަތެވެ.

އެއީ އޯލެވެލްގެ ނަތީޖާ ލިބުނު ދުވަހުގެ ހަނދާނެކެވެ. ހުރިހާ މާއްދާއަކުން އެންމެ މަތީ މާކުސް ލިބުމުން މަންމައާ އެކު ދެކެވުނު ވާހަކަތަކެވެ. މަންމަމެން ބޭނުންވީ އޭލެވެލްއަށް ކިޔެވުމަށް އަހަރެން މާލެ ފޮނުވާށެވެ. ލިބުނު ކާމިޔާބީގެ ސަބަބުންނެވެ. ނަމަވެސް އަހަރެން ބޭނުންވީ މަންމަގާތުގައި ހުރެގެން އޭލެވެލްއަށް ކިޔަވާށެވެ. ރަށުން ވެސް އޭލެވެލް އަށް ކިޔެވޭތީއެވެ.
ދުވަސްތައް މާޒީގެ އަތްދަށުލަމުން ދިޔައެވެ. އެއީ އެންމެ އުފާވެރި ޚަބަރު ލިބުނު ދުވަހެވެ. ގުނައި އަދަދު ކުރާން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް ލިބުނު ދުވަހެވެ.

"ދަރިފުޅާ! ދަރިފުޅަށް ކޮއްކޮއެއް ލިބެން ތައްޔާރުވެއްޖެ." އަހަރެން އަތުގައި ހިފައިލަމުން މަންމަ ހިނިތުންވެލިއެވެ.

އަހަންނަށް ލިބުނު ހައިރާންކަމާއެކު މަންމަގެ ގައިގައި އޮޅުލައިގަތީމެވެ. އެއީ ކިހައި އުފާވެރި ޚަބަރެއް ހެއްޔެވެ؟ އެއީ ކިހައި މަތިވެރި ޝަރަފެއް ހެއްޔެވެ؟ ކޮއްކޮއެއް ލިބުމަކީ ކިހައި ބޮޑު ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ ކޮއްކޮ ލިބެންވާއިރަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެއެވެ.

"ކޮއްކޮ އަންނަންވާ އިރަށް އަހަރެން އޭލެވެލް އިމްތިހާނު ވެސް ނިމޭނެ ދޯ." މަންމައަށް އާފަލެއް ކޮށައިދެމުން ބުނެލީމެވެ.

"އާން! މަންމަމެން އެ ގޮތަށް ވިސްނައިގެން ހުރިހާ ކަމެއް މިކުރަނީ. އޭރުން ދަރިފުޅަށް ވެސް އުނދަގުލެއް ނުވާނެ. ކިޔަވަން ފުރުމާ ދެމެދު ކޮއްކޮއާއެކު އުޅެލަން ދުވަސްކޮޅެއް ވެސް ލިބޭނެ." އާފަލު ފޮއްޗެއް އަނގަޔަށް ލަމުން މަންމަ ހިނިތުންވެލިއެވެ.

އެ ދުވަހަށް ފަހު ކޮންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެކެވެ. ފޮނި އިންތިޒާރުތަކެއް ކުރެވެމުންދިޔަ ދުވަސްތަކެކެވެ. ކޮޓަރީގައި އުޅޭ އިރު ބާލީސް ހިފައިގެން އުޅެމެވެ. އެއީ ކޮއްކޮއެއް ކަމުގައި ބަލައިގެންނެވެ. ބާލީހަށް ކާންދެމެވެ. ނިންދަވަމެވެ. ފެންވަރުވަމެވެ. ނެޕީ ޖަހުވަމެވެ. އެ މަންޒަރު ބަލައެވެ. އެތައް ދުވަހަކު އެހެން ނޫޅެން ބުނެއެވެ.

"ޒާރާއަކީ ހަމަ ކުޑަކުއްޖެކޭ ދޯ." އަހަރެން އުޅޭ ގޮތަށް މަންމަ ޖޯކު ޖަހައެވެ.

"މަންމާ! ދަސްކުރާން ޖެހޭނެ ދޯ. އެހެން ނޫނީ ކޮއްކޮ ގެންނަ ދުވަހު އަހަރެން ހުންނަން ޖެހޭނީ ދުރުގައި ކޮއްކޮ އުރައިލަން ވެސް ނުކެރިފަ. ނޭނގިފަ."

"އާދެބަލަ މިތާ އިށީންނަށް،" މަންމަ އިޝާރާތްކޮށްލީ ސޯފާއަށެވެ. "ދަރިފުޅު ބޭނުންވަނީ ކޮންކަހަލަ ކޮއްކޮއެއްތަ؟"

"ގަރލްއެއް. ނަމަކަށް ކިޔަން ވާނީ ޒޭނާ." އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

"އެ ކީއްވެޔޯ؟" މަންމަގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

"އޭރުންނެއްނު އަހަންނަށް ރީތިކޮށްލެވޭނީ. މޭކަޕްކޮށްލެވޭނީ. ސަޅި ގޮތްގޮތަށް އިސްތަށިގަނޑު ހަދައިލެވޭނީ. އަހަންނާ އެއްކުލައިން ހެދުން ލެވޭނީ." އަހަރެން ވިސްނައި ނުލައި އެއް ނޭވާއިން އަމުނައިލީމެވެ.

"އެހެން ނުވެއްޖެއްޔާ އޯ!" މަންމަ އަނެއްކާ ވެސް ބުނެލިއެވެ.

"އޯކޭ ވާނެ. ކޮއްކޮއެއް ވެއްޖެއްޔާ ހަމަ އޯކޭވާނެ." މަންމަގެ މޫނުމަތީގެ ކުލަވަރު ފެނުމުން އަހަރެންގެ ވިސްނުން ބަދަލުކޮށްލީމެވެ.
"އޯކޭތަ ވާނީ ހަމަ؟" މަންމަ އަހައިލިއެވެ.

"ނޫން. އަހަރެން ބޭނުމީ ކޮއްކޮއެއް. ކޮންމެ ކަހަލަ ކުއްޖަކަސް ހަމަ ރަނގަޅުވާނެ." އަހަންނަށް ވިސްނައިލެވުނެވެ.

"ޒާރާއަށް މިހާރު ވިސްނޭހެން މަންމައަށް ހީވަނީ. މަންމަ އަބަދުވެސް ބުނަމެއްނު. މިހާރު ޒާރާއަކީ ބޮޑު ކުއްޖެކޭ. ބޮޑެތި މީހުން ވިސްނާ ގޮތަށް ވިސްނަން ވެސް ވާނޭ. މަންމަ ނެތް ދުނިޔެއެއްގައި ވެސް ދަރިފުޅު ޖެހޭނެ ޒިންމާ ނަގައިގެން ޒިންމާ އުފުލައިގެން އުޅޭ ކުއްޖަކަށްވާން." މަންމަ ހިނިތުންވެލިއެވެ.

"މިހާރު ވިސްނެއެއްނު،" އަހަރެން ހީލީމެވެ. "މަންމަމެން އަހަރެން ގެންގުޅުނީ މާ ބޭބީކޮށް ވީމައޭ އެހެން އެވީ."

"ވަރަށް ރަނގަޅު، މަންމަ އަދިވެސް ކުށްވެރިވާންވީ؟" ލާނެތް ރާގެއްގައި މަންމަ ބުނެލިއެވެ.

އެއީ މަންމަގެ ހަނދާންތަކުގެ ތެރެއިން އެންމެ އުފާވެރި އަނެއް ހަނދާނެވެ. މަންމައާއެކު ކުރެވުނު ކޮންމެ މަޝްވަރާއަކީ މިއަދު އަހަންނަށް މުހިއްމު ފިލާވަޅު ތަކެކެވެ. ހިތް ރޮއްވާލައިފަދަ ހަނދާންތަކެކެވެ. މަންމަގެ އެންމެފަހު ވަގުތުކޮޅަކީ ވެސް އަހަންނަށް އެތައް އިބުރަތެއް ލިއްބައިދިން ވަގުތުކޮޅެކެވެ. އަހަންނަށް އެތައް ކަމެއް މަތިވެގެން ދިޔަ ވަގުތުކޮޅެކެވެ.

"ދަރިފުޅާ! ދަރިފުޅާ! ކެތްތެރިވާތި. ކެތްކުރާތި! އުފަންކުރުވުމަކީ މަރާ ހަނގުރާމަކުރުން ކަހަލަ ކަމެއް،" ބަނޑުގައި އަތް ޖައްސާލައިގެން އިންއިރު މަންމަގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. "ދަރިފުޅު ބަލައި ބޮޑުކޮށްފައި ތިހުރީ މަންމައަށްވީ އެންމެ ރަނގަޅަށް. މަދު އެއްޗެއް މަދު ކަމެއް ނޯންނާނެ. ދަރިފުޅަކީ ކިޔެވިފައި ހުރި ކުއްޖެއް. މަންމަ ވެސް އެންމެ ބޭނުންވަނީ ކިޔައިގެން މޮޅު ޑޮކުޓަރަކަށް ވެގެން ދަރިފުޅު އަންނަ ދުވަހެއް ދެކެން. އެ ދުވަސް ދައްކަވާތޯ މަންމަ އަބަދާ އަބަދު ދުޢާ ކުރަން."

އަހަރެން އިނީ މަންމަގެ ގާތުގައެވެ. އެއީ ހޮސްޕިޓަލު އަންހެނުންނަށް ޚާއްޞަ ވޯޑެވެ. އަހަރެންގެ ގާތުގައި ބައްޕަ ވެސް ހުއްޓެވެ. މަންމަގެ ފެންކަޅިވެފައިވާ ދެ ލޯ ފެނިފައި އަހަރެން ވެސް ފެންކަޅިވިއެވެ. މަންމަގެ މޫނުމަތިވަނީ ޖަންބު ކުލައަރާފައެވެ. ނުބުންޏަސް މަންމަގެ ބަނޑުގައި ރިހޭކަން އަހަންނަށް އިހްސާސް ކުރެވެމުން ދިޔައެވެ.

"މަންމާ! މަންމަ ތިއުޅެނީ އަހަރެން ރޮއްވަންތަ؟" އަހަންނަށް ރޮވޭ ގޮތްވިއެވެ.

"ނޫނޭ ދަރިފުޅާ! ދަރިފުޅަށް އަދި ނޭނގެނީ. ފުރާނައެއް އުފަން ކުރުމަކީ ފުރާނައެއް ގުރުބާން ކުރުމާ އެއްފަދަ ކަމެއް. މަންމަ ވެސް އުއްމީދު ކުރަނީ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް. އަދި ބޭނުންވަނީ ވެސް އެގޮތް،" އަހަރެންގެ ކަރުނަތައް ފޮހެލަމުން މަންމަ ހިނިތުންވެލިއެވެ. "މަންމަ ނެތަސް ބައްޕައާ ކޮއްކޮ ރަނގަޅަށް ބަލާތި!"

މަންމަ ވިއްސާކޮޓަރިއަށް ގެންދަން ދެން އަހަރެން ހުރީ މަންމަ ގާތުގައެވެ. އެންމެ ފަހު ވަގުތު ވެސް މަންމަގެ ވާހަކަތައް އަޑު އެހުމުގައެވެ. އެއީ އިންތިޒާރުގެ ވަގުތެވެ. ސިކުންތަކީ ގަރުނެއްހާ ދިގު ވަގުތެއް ކަމަށް އިހުސާސްކުރެވުނީ އެ ދުވަހުއެވެ. އިންތިޒާރުގެ ވަގުތު ގުނަން އަލަށް ޖެހުނު ދުވަހަކީ ވެސް އެއީއެވެ. ގޮނޑީގައި އިން އިރު ވެސް ވިންދުތައް ހުންނަނީ އަވަސްވެފައެވެ. ކަކުލު ހުޅުން ދެފައި ތެޅުވެނީއެވެ. ކޮނޑާއި ދަތްދޮޅިން ތުރުތުރު އަޅަނީއެވެ. ދެއަތުގެ އިނގިލިތަކާ ކުޅެވެނީއެވެ. ނޭފަތު ކުރީން ދާ ހިއްލަނީއެވެ. އިރުއިރުކޮޅާ ނޭފަތު ކުރި ފޮހެލެވެއެވެ.

"ޒާރާ!" ބައްޕަ އަހަންނާ ދިމާއަށް ބަލައިލިއެވެ. "ތިވަރަށް ހާސް ނުވޭ."

"ހާދަ ލަސްވެއްޖޭ ބައްޕާ." އަހަރެން ކަންބޮޑުވާ ގޮތްވިއެވެ.

"ދަރިފުޅާ މިއީ ވަރަށް ކެތްތެރިވާންވީ ވަގުތެއް. ދަރިފުޅަށް ޓަކައި ވެސް މި ބައްޕަ ހާދަ އިންތިޒާރެއް ކުރަން ޖެހުނޭ. ބަރާބަރު ތޭވީސް ގަޑީއިރު މިހެން ގޮނޑީގައި އިންނަން ޖެހުނު. ކޮންމެ ސިކުންތެއް ވަކިވަކީން ގުނައިލަ ގުނައިލާ."
ބައްޕަ ހިންދިރުވައިލިއެވެ.

"އެކަމަކު... އަނެއްކާ ކަމެއް ގޯސްވީތަ؟" އަހަންނަށް ގަދަކަމުން ހިންދިރުވާލެވުނެވެ.

"އަދި ފަނަރަ މިނެޓު ވެސް ނުވޭ." ބައްޕަ ގަޑިއަށް ބަލައިލިއެވެ. "އެހައި ބޮޑަށް ހާސް ނުވޭ. މަންމަ ދެއްކިވާހަކައިން ދޯ ތި ހާސްވަނީ. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ."

ބައްޕަގެ ވާހަކަތަކުން އަހަރެންގެ ހިތް ހަމަޖައްސައިލައިގެން އިނީމެވެ. އެހެން އިން ނަމަވެސް އިރު އިރުކޮޅާ ގަޑިއަށް ބެލެއެވެ. މަންމަގެ އެހީތެރިއަކަށް ގޮވާލާ ކޮންމެ ފަހަރަކު ދުވެފައި ކަހަލަ ގޮތަކަށް ބައްޕައާއެކު އަހަރެން ވެސް ދަމެވެ. ވާނުވާ ބަލާށެވެ. ކޮންމެ ގަޑިއަކު އެއްފަހަރު ވާނުވާ އަންގަމުން ދިޔައެވެ.

އެންމެ ފަހުން ބައްޕަ ނުކުތީ ލޭ ހޯދުމަށެވެ. ލޭ ބޭނުންވެދާނެ ކަމަށް އެންގުމުންނެވެ. ހުރިހާ ކަމަކާ މަތިވާން ޖެހުނީ އަހަންނަށެވެ. އެއީ ހިތްދަތި ދަނޑިވަޅެކެވެ. އިހުސާސްތަކުގައި އަތްއަޅައިގެން އިންނަން ޖެހުނު ދަނޑިވަޅެކެވެ. އަޑު އަހަން އުނދަގޫ އެތައް ވާހަކައެއް އަޑުއަހަން ޖެހުނު ދަނޑިވަޅެކެވެ. އަހަންނަށް ޖެހުނީ ކެތްތެރިކަން އިސްކުރާށެވެ. ކިތައްމެ ބޭނުން ނުވި ނަމަވެސް އެ ހަގީގަތާ ވެސް ކުރިމަތިލާށެވެ.

އަހަރެންގެ ބަލިކަށި ހިތަށް ކެތް ނުވާވަރުގެ ބޮޑެތި ވާހަކަތައް އެއްފަހަރާ އިވެން ފެށިއެވެ. ހީވީ ބޮޑެތި ފަރުބަދަތައް ކޮށައިލުމަށްފަހު އަހަރެންގެ ގަޔަށް އޮއްސާލިހެންނެވެ. އެހައި ވެސް ބަރު ޚަބަރުތަކުން ހިތް ފިތެމުން ދިޔައެވެ. އެންމެފަހު އެ ހިލަތަކުގެ ތެރޭގައި އަހަރެން ތާށިވެ ހާސްވާ ގޮތްވިއެވެ. ހީވީ ކަރާއި ނޭފަތު ތެރެއަށް ކަށި ކުނބުރު ދަނޑިއެއް އެކުގައި ކޮށްޕާލަމުން ބޭރަށް ދަމައިގަތް ހެންނެވެ. އެއީ އެހައި ވޭނީ ޚަބަރެކެވެ. ކުއްލިއަކަށް ނޭވާލާން އުނދަގޫވިއެވެ. ނޭވާ ތާށިވެ އަރުބެދެން ފެށިއެވެ.

ލޯ ހުޅުވާލެވުނު އިރު އޮތީ އެނދެއްގެ މަތީގައެވެ. އެނދުމަތިކޮށްފައެވެ. ކުއްލިއަކަށް އަހަރެން އެނދުމަތި ކުރަން ޖެހުނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ކަމެއް ދިމާވީ ހެއްޔެވެ؟ މަންމަ ކޮބާ ހެއްޔެވެ؟ މަންމައާއި ކޮއްކޮގެ ހާލު ކިހިނެއް ހެއްޔެވެ؟ ބައްޕަ ކޮބާ ހެއްޔެވެ؟ ސިކުނޑީގައި އެނބުރިގަތް ސުވާލުތަކާއެކު އެނދުން ތެދުވަން އުޅުނީމެވެ.

"އިހަށް މަޑުކޮށްލާ!" ނަރުސް ކުއްޖާގެ އަޑު ޖެހުނެވެ.

"ކޮބާ މަންމަ؟ ކޮބާ ބައްޕަ؟" އަވަސްއަވަހަށް އަހަރެން ބުނެލީމެވެ.

"ބައްޕަ އެބައުޅޭ ބޭރުގަ." ކުރިން ވެސް ވާހަކަދެއްކި ކުއްޖާ ވާހަކަދެއްކިއެވެ. އޯގާތެރިކަމާއެކުގައެވެ.

"މަންމަ ކޮބާ؟" އަހަންނަށް ބަލައިލެވުނީ އެ ކުއްޖާގެ މޫނަށެވެ.

ޖަވާބެއް ނުލިބުނުން އަނެއްކާ ވެސް ސުވާލުކޮށްލީމެވެ. ނަރުސް ކުއްޖާ ބަލަހައްޓައިގެން ހުރީއެވެ. ދޭނެ ޖަވާބެއް ނޭނގުނީކަމެއް ނޫނީ ޖަވާބެއް ދޭން ބޭނުން ނުވަނީ ކަމެއް ނޭގުނެވެ.

"ކޮބައިހޭ މަގޭ މަންމަ؟" އަހަރެންގެ އަޑު ބާރުވި ކަން އެނގުނެވެ.

"އަހަންނަކީ ހަސީނާ،" ނަރުސްކުއްޖާ އަމިއްލައަށް ތަޢާރަފުވިއެވެ. "ޒާރާ! އިހަށް ހަމަޖެހިލާ. ޒާރާއަށް ރަނގަޅަށް އެނގޭނެ ވީ ގޮތް. ކިތައްމެ އަޑުއަހަން އުނދަގޫ ވިޔަސް، ކިތައްމެ ގަބޫލު ކުރަން ދަތި ނަމަވެސް ހަގީގަތާ ކުރިމަތިލާން ދަސްކުރަންވާނެ."

އަހަންނަށް ގިސްލެވެން ފެށުނެވެ. އަޑު ބާރުވަމުން ގޮސް ބަޑި ފަޅައިގެން ދިޔައެވެ. އެތައް އިރެއް ވަންދެން ރޯން އޮތީމެވެ. އެހުރިހާ ވަގުތެއްގައި ވެސް އަހަންނާއެކު ގާތުގައި ހުރެދިނީ ހަސީނާއެވެ. އޭނާގެ އޯގާތެރި ބަސްތަކާއި ނިޔަނެތި ފިރުމުންތަކުން އަހަރެން ހަމައަކަށް އެޅެމުން ދިޔައެވެ. ނަރުހެއްގެ ޔުނީފޯމުގައި ހުއްޓަސް ހަސީނާ ޚިދުމަތް ދެމުން ދިޔައީ އެކުވެރިއެއްގެ ގޮތުގައެވެ. އޭނާ އިސްކުރީ ޒިންމާގެ މައްޗަށް އިންސާނީ ވާޖިބެވެ. ކުލުނާއި ހަމްދަރުދީއެވެ. (ނުނިމޭ)