ސިއްހަތު

ހިރުގަނޑުން އިސްތަށި ފަޅާ ބައްޔެއް!

އިޓަލީގެ 25 އަހަރުގެ އަންހެނަކަށް އާދަޔާޚިލާފު ބައްޔެއް ޖެހި ދަތްތަކުގެ ދޭތެރެއިން އިސްތަށި ފަޅާތީ އުނދަގޫތަކާ ވަނީ ކުރިމަތިވެފަ އެވެ.

އިޓަލީގެ ޔުނިވަސިޓީ އޮފް ކަމްޕާނިއާ ލުއިޖީ ވަންވިޓެއްލީގެ ޑޮކްޓަރުންނާ މި މީހާ މިހާރު ވަނީ ބައްދަލުކޮށް މިކަމަށް ފަރުވާ ކުރަން ފަށާފަ އެވެ. މިއީ މި މީހާއަށް މި މައްސަލަ ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ހަ އަހަރު ކުރިން ވެސް މިމީހާ ވެސް ހިރުގަނޑުން އިސްތަށިފަޅާތީ ސާޖަރީ ހަދައިގެން އިސްތަށިތައް ނަގާފަ އެވެ.

ޖިންޖައިވަލް ހާސުޓިޒަމް ކިޔާ މި އާދަޔާޚިލާފު ބަލި ޖެހިފައިވާ ކަމަށް މިހާތަނަށް މުޅި ދުނިޔޭން ވެސް ރިކޯޑް ކުރެވިފައިވަނީ އެންމެ ފަސް މީހުން ކަމަށް މިކަމާ ގުޅޭ ގޮތުން ޝާއިއުކޮށްފައިވާ ލިޔުންތަކުގައި ވެއެވެ. މީގެ ތެރެއިން ވެސް ގިނަ މީހުންގެ ފަޅާފައި ހުރީ އަނގައިގެ އެތެރޭގެ ކޮންމެވެސް ހިސާބެއްގައި އެންމެ އިސްތައްޓެކެވެ.

އަނގައިގެ ތެރޭގައި ގިނައިން އިސްތަށި ފެޅުމަކީ މިއަށް ވުރެ ވެސް މާ މަދުން ދިމާވާ ކަމެއް ކަމަށް އޯރަލް ސާޖަރީ، އޯރަލް މެޑިސިން، އޯރަލް ޕެތޮލޮޖީ، އޯރަލް ރޭދިއޮލޮޖީގެ 2020 ފެބްރުއަރީ އެޑިޝަންގައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.
ލޮލުގެ އެސްފިޔަ ކަހަލަ އިސްތަށިތަކެއް އަނގައިގެ ތެރޭގައި ފެޅުމުން މިމީހާ ސާޖަރީ ހަދައިގެން އެ އިސްތަށިތައް ނައްތާލުމުން ދެން އިތުރަށް މާ ގިނައިން ފެޅިކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.

މި އަންހެންމީހާ އަކީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ގެ މައްސަލަތަކަށް ކުރިން ފަރުވާ ހޯދާފައިވާ މީހެކެވެ. މިއީ ހޯމޯން ބެލެންސް ނުވުމުންނާއި މެޓަބޮލިޒަމް މައްސަލަތައް ހުރުމުން ދިމާވާ މައްސަލަ އެކެވެ. މިކަމާ މި މީހާގެ އަނގައިން އިސްތަށީ ފެޅުމާ ގުޅުން ވާ ކަމަށް އޭނާއަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމުން ޔަގީން ކުރެ އެވެ.
ޕީސީއޯއެސް އަކީ މިކަން މެދުވެރިވާ ސީދާ ސަބަބަށް ނުވިޔަސް މި މައްސަލަ ހުންނާތީ އަނގައިގައި އިސްތަށި ފެޅުން އިތުރަށް ގޯސްވާން މެދުވެރިވެ އެވެ. ޕީސީއޯއެސް އެއް ފަރުވާ ކުރުމަށް ޑޮކްޓަރުން އެ އަންހެންމީހާއަށް ކާން ދެނީ ދޭތެރެ ދުރުކުރާ ބޭހެވެ. ބޭސް ބޭނުންކުރާ ދުވަސްވަރު އަނގައިގައި އިސްތަށި ފެޅުން މަދުވި ނަމަވެސް ބޭސް ހުއްޓާލާއިރަށް އިތުރުވާކަން ފާޙަގަ ކުރެވޭ ކަމަށް ޑޮކްޓަރުންގެ ރިޕޯޓުގައި ވެއެވެ.

އެމީހާގެ ހިރުގަނޑުގައި ހުރި އިސްތަށީތައް ނެގި އެންމެ ފަހު ފަހަރު ޑޮކްޓަރުންގެ ޓީމުން ވަނީ އޭނާގެ އަނގައިން ކުޑަ ޓިޝޫ ކޮޅެއް ނަގައިގެން ޓެސްޓްކޮށް އިސްތަށިފަޅަން މެދުވެރިވާ ސަބަބު ހޯދަން މަސައްކަތް ކޮށްފަ އެވެ.
މި ޓެސްޓަށްފަހު ޑޮކްޓަރުން ބުނެފައިވަނީ އަންހެންމީހާގެ އަނގައިގެ ޓިޝޫތައް އާދަޔާޚިލާފަށް ބޯކޮށް ހުންނަ ކަމަށާއި އިސްތަށިތައް އެ ޓިޝޫތައް ފޫއަޅުވާފައި އެތެރެއިން ފަޅަނީ ކަމަށެވެ. އަދި މިކަން މިގޮތަށް މެދުވެރިވާ ސީދާ ސަބަބު ނޭނގޭ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މިކަމުގެ ސަބަބުން އަންހެންމީހާގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި މިކަމާ ގުޅިގެން އޭނާއަށް އިތުރު ސިއްހީ މައްސަލަތަކެއް ދިމާވެފައިވާކަން ސާފު ނުވާ ކަމަށް ވެސް ޑޮކްޓަރުންގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.