ހަބަރު

ޓޫރިސްޓު ހައްޔަރު ކުރި ގޮތުން ރާއްޖޭގެ ނަން ހަރާބުވާނެ: ނަޝީދު

ކ. މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރި ގޮތުން ރާއްޖޭގެ ރީތި ނަން ހަރާބުވެ ގެއްލުންވާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު މާފުށި މަގުމަތީގައި ފަތުވެރިޔާ ނިވާކަން ކުޑަ ހާލުގައި ރަށު ތެރޭގައި ހިނގާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވައިފަ އެވެ. އަދި އެއީ މަނާ ކަމެއްކަން އަންގައި ނަސޭހަތް ދިނުމުން ވެސް އެކަމާ ދެކޮޅު ހެދުމުން ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރު ކުރި އެވެ. އޭނާ ހައްޔަރު ކުރި ވަގުތު އެކަމާ ދެކޮޅު ހަދަން އުޅުމުން ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކުރަން އުޅޭ ވީޑިއޯ ވަނީ އާންމުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓް

ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯސްކޮށް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަަނިކޮށެވެ. އެކަމަށް ސޯޝަލް މީޑިއާގައި ފާޑު ކިޔުން އަމާޒުވުމުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވީ އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ނަމަވެސް އެ ގޮތަށް އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސް ކަމަށް ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ނަން ހަރާބުވާނެ ކަމަށް ރައީސް ނަޝީދު ކުރެއްވި ޓުވީޓާއެކު އެމަނިކުފާނު މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން އެތައް ފަހަރަކު ގޮވާލާފައިވާ މައްސަލަ ގިނަ ބަޔަކު އަލުން ފެންމަތިކޮށް، ރައީސް ނަޝީދަށް ފާޑު ކިޔަމުން އެބަދެ އެވެ.