ގޯލްޑަން ޖުބުލީ ފުޓްބޯޅަ މުބާރާތާ ހިސާބުން ގަލޮޅު ދަނޑުގައި އެހެން ގައުމުތައް "ހޭއަރުވާލުމަކީ،" ދިވެހިން ކުރަން ވަރަށް ބޭނުންވެފައިތިބި ކަމެކެވެ. އެއީ މީގެ ކުރިން ގައުމުން ބޭރުގައި ކުޅެގެން ނުކުމެފައިވާ ދެރަ ނަތީޖާތަކުގެ ސަބަބުންނެވެ. އެންމެ ފަހުން މިހާރު ގަލޮޅު ދަނޑަކީ އިދިކޮޅު ޓީމުތައް ވެސް ޖެހިލުންވާ ތަނަކަށްވެއްޖެ އެވެ.
ރާއްޖެ އަކީ ކުދިކުދި ރަށްތަކަށް ބެހިފައި އޮތް ގައުމަކަށްވާއިރު އަތޮޅުތެރޭގައި މި ރޫހު އަދި މާބޮޑަށް ވެސް ގަދަ އެވެ. "މަގޭ ރަށުގައި،" ކުޅެގެން އެމީހުން ބަލިކޮށްލަން ބޭނުންވާ ރަށްތައް ވަރަށް ގިނަ އެވެ.
މީގެ ކުރިން ގައުމީ ފުޓްބޯޅަ އިދާރާއަށް ރަށްރަށުން ކޮށްފައިވާ އެންމެ ބޮޑު އެއް ޝަކުވާއަކީ ވެސް އެއީ އެވެ. އަތޮޅު މުބާރާތް ކޮންމެ އަހަރެއްގައި ވެސް އެ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ބޭއްވުމުން ތަފާތު ސަބަބުތަކާހުރެ ތިމަންނަމެން ބަލިވީ ކަމަށް ބުނާ ރަށްތައް ވަރަށް ގިނަ އެވެ.
އޭގެ ތެރެއިން ގިނަ ވާހަކަތަކަކީ ހަގީގީ ވާހަކަތަކެވެ. އަތޮޅު ފުޓްބޯޅަ މުބާރާތުން ފުރޭނިގެން މީގެ ކުރިން މާލެ އައިސްފައިވާ ޓީމުތަކަށް ބަލާއިރު ގިނައީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަން ކުރާރަށެވެ. އެއީ "ހޯމް އެޑްވާންޓޭޖް" ސަބަބުން ކަމަށްވުމަކީ ވަރަށް ކައިރި ކަމެކެވެ.
ނަމަވެސް މިއަދުގެ ދުނިޔޭގައި ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ އަގުކޮށް ވިއްކާލެވޭ ބޮޑު ވިޔަފާރިއެކެވެ. އިޖްތިމާއީ ގުޅުން ބަދަހިކޮށްދޭ އެހާމެ ބޮޑު ހަރަކާތެކެވެ. އިގްތިސާދީ ކުރިއެރުންތަކަށް މަގުކޮށައިދޭ، ނާރެހެކެވެ. މިހެންވެ ފުޓްބޯޅަ ކުރިއަރާނީ އެއްބަޔަކު އަނެއްބައެއްގެ ރަށަށް ގޮސްގެންކަން އެފްއޭއެމުން 90 އިގެ ކުރީކޮޅު ވެސް ގަބޫލުކުރެ އެވެ.
އެކަމަކު އެކަން ފަށައިގަތުމުގެ ހިޔާލާއި، ފިކުރާއި ގާބިލްކަން ނެތި، އެފްއޭއެމް ވަރަބިނދިފައި މިހާ ދުވަހު އޮއްވައި އެކަން މި އަހަރު ފަށައިގަތީ މިހާރުގެ ނޯމަލައިޒޭޝަން ކޮމިޓީންނެވެ. އެމީހުން މިކަން ފަށައިގަތްއިރު ވެސް މިއީ ގޮންޖެހުންބޮޑު، އުނދަގޫ ކަމެއްކަން ގަބޫލުކުރި އެވެ.
"އެކަމަކު ފަށައިގެންދޯ ކުރިއަށް ދެވޭނީ. މީގެ ފޯރި ހިފާނީ މި އަންނަ އަހަރު. އެއީ ދެ ސަބަބަކާ ހުރެ. ފުރަތަމަކަމަކީ މިއަންނަ އަހަރުގެ މުބާރާތަކީ މިނިވަން 51. މިއަހަރު މިވާގޮތަކީ މިއީ މިނިވަން 50 އަހަރަށްވީމަ ބައެއް މީހުންނަށް އެބަހީވޭ މިއީވެސް މިނިވަން 50 ގެ ހަރަކާތެކޭ. އެކަމަކު އަންނަ އަހަރު މީގެ ދެ ވަނަ މުބާރާތް ފެށީމަ މިއީ ކޮންޓިނިއުޓީއެއްކަން އެނގުނީމަ ބައިވެރިވާ ޓީމުތައް ވެސް ގިނަވާނެ. އަނެއްކާ މި އަހަރު މުބާރާތުން ހޮވާލެވޭ ދެ ޓީމު އަންނަ އަހަރު ގައުމީ މުބާރާތް [ޕްރެޒިޑެންޓްސް ކަޕުގައި]. ކޮންމެ އަހަރެއްގައި ވެސް އެ ފުރުސަތު ލިބޭނެ. އެއީ ފޯރިގަދަވާނެ ދެ ވަނަ ސަބަބަކީ،" އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވި އެވެ.
އަތޮޅު ތެރޭގައި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް މި ކުޅެނީ ސަރުކާރުން ވެސް ވަރަށް ބޮޑަށް ބޭނުންވާތީ އެވެ. މުބަރާތުގައި ވާދަކުރާ ކޮންމެ ރަށެއްގައި ޗޭންޖިންރޫމާއި ރޮސްޓަމާއި ފާހާނާ ބަރިފަދަ ތަންތަން އެޅުމަށް ސީދާ އެފްއޭއެމުން މާލީގޮތުން އެހީވި އެވެ. އަދި ޒޯން މުބާރާތަށް ހޮވޭ ޓީމުތައް ދަތުރުފަތުރު ކުރުމަށާއި ހުރުމާއި ކެއުމަށް ބޭނުންވާ ފައިސާގެ އެހީ ވެސް އެފްއޭއެމުން ވެދޭނެ އެވެ. މީގެ ސަބަބުން މި ފަހަރުގެ މުބާރާތް ނިމޭއިރު އުމުރާނީގޮތުންނާއި އިގްތިސާދީގޮތުން ރާއްޖެ ދުވަހަކު ވެސް ނުދެކޭފަދަ ކުރިއެރުންތަކެއް މުބާރާތުގައި ވާދަކުރާ ރަށްރަށުން ހޯދާނެ އެވެ. މިއާއެކު ގިނަ ރަށްރަށުގައި މިހާރު އޮތީ ވަރަށް އެކުވެރި ރޫހެއްވެސްމެ އެވެ. ނަތީޖާ ވެސް ތަފާތެވެ.
"އެއް މިސާލަކަށް ބަލަމާ އިއްޔެ [މިދިޔަ ހޮނިހިރު ދުވަހު] އެކުޅުނު ހޯނޑެއްދޫ އާއި ތިނަދޫ މެޗު. އެ މެޗު ބަލަން ތިނަދޫން ހޯނޑެއްދުއަށް ދިޔަކަމަށް ތަފާސް ހިސާބުތަކުން އެބަދައްކާ 400 އެއްހާ މީހުން. މީގެ ސަބަބުން ކިހާބޮޑު ކުރިއެރުންތަކެއް އަންނާނެ. ދެން އަނެއް މިސާލަކީ ށ. ފޯކައިދޫ. އަހަރެން ނުދެކެން އަހަރެންގެ ކުޅިވަރުގެ ހަޔާތުގައި އެފަދަކަމެއް. ބޮޑެތި ފީފާބުރި އާއި ބެރާއި އެއްޗެހި ހިފައިގެން އެއް ކުލައެއްގައި ތިބެ ސަޕޯޓްކުރަން އެދަނީ ގައުމީ ޓީމު ކުޅޭއިރު ވެސް މިއިންނަ [ފޯރީ] ގައި،" އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ޝަވީދު ވިދާޅުވި އެވެ.
ހަގީގަތުގައި ވެސް މެހުމާންދާރީ އަދާކުރުމަށާއި ޓީމަށް ތަރުހީބު ދިނުމަށް ރަށްރަށުން ވަނީ ވަރުގަދަ ފޯރިއެއް ނަގަން ފަށައިފަ އެވެ. އެފްއޭއެމުން މުބާރާތުގެ އޯޕަނިން ހަފުލާގެ ކުލަގަދަކޮށް މާލޭގައި ބޭއްވުމާ ހަމައިން ޓީމުތަކުގެ ތައްޔާރުވުން ހުރީ ވެސް ވަރަށް ފުރިހަމައަށެވެ.
ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅެން ފެށުމުން ފެނަމުންދާ އެހެން ކަމެއް ވެސް އެބައޮތެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގައި މީގެ ކުރިން ނަގާކިޔަމުން އައި ރަށްރަށަށް ދޫނުކުރާވަރުގެ ޓީމުތައް އެހެން ރަށްރަށުން ފެންނަން ފެށުމެވެ.
"އޭގެ އެއް ބައެއް މިސާލުތައް ވެސް ފެނިފައިއެބަހުރި. ދުވަހަކު ވެސް މިވެނި ރަށެއްގެ އަތުން މޮޅުނުވާތީވެ، އެރަށަކާ ވާދަކޮށް މޮޅުވާން ތައްޔާރުވާ ރަށްތައް އެބަހުރި. އަދި ނަތީޖާ ވެސް ނެރެފައި އެބަހުރި. އެހެންވީމަ މިއީ މިތަނަށް [އެފްއޭއެމަށް] ކޮންމެ ބަޔަކު އަޔަސް ކުރަންޖެހޭ ކަމެއް. އެއީ މިއަށްވުރެ ވަރުގަދަ ސްޕޮންސާޝިޕެއް ހޯދޭނެ މުބާރާތެއް ވެސް ނޯންނާނެ،" ޝަވީދު ވިދާޅުވި އެވެ.
މިނިވަން 50 މުބާރާތާއެކު ޝަވީދު ފާހަގަ ކުރައްވާ އެހެން ކަމެއް އެބައޮތެވެ. އެއީ ކޮންމެ ރަށެއްގައި ވެސް ރަސްމީކޮށް ޓީމެއް އަބަދުވެ އޮންނަ ފުރުސަތު ލިބުމެވެ.
"މީގެ ސަބަބުން ވެސް ވަރަށް ބޮޑު ކުރިއެރުން އަންނާނެ ކުރިމަގުގައި. މިސާލަކަށް ބަލާ ޕްރެޒިޑެންޓްސް ކަޕް ކުޅެން އައްޑު އާއި ކުޅުދުއްފުއްޓަށް މިދަނީ ޓީމުތަކުން. މިހާރު އެ ޓީމުތަކަށް ދައުވަތު އެބަލިބޭ ރަށްރަށުގެ ޓީމުތަކާއެކު ފްރެންޑްލީ ކުޅެން. ކޮންމެ ރަށެއްގައި ވެސް މިހާރު ރަސްމީކޮށް ރަށު ޓީމެއް އެބައޮތް. މިހެންވީމަ ފުޓްބޯޅަ އަށް ރަނގަޅުވާނެ. ކުރިމަގުގައި މާލޭގައި ކުޅެގެން 12000ރ. ލިބޭ ކުއްޖާގާތުގައި ރަށު މީހުން ބުނާނެ 10000ރ. އަށް ރަށުގައި އެރަށު ޓީމަށް ކުޅެން މަޑުކުރަން. މިތަން ފެންނާނެ. އެކަމަކު އެއީ ހިތްވަރާއެކު މަސައްކަތްކޮށްގެން އަދި ދުވަހުން އަންނާނެ ކަންތައްތައް. އަނެއްކާ ވެސް ބުނާނީ މިއީ ކޮންމެބަޔަކު [އެފްއޭއެމުގައި] ތިއްބަސް ކުރަންޖެހޭ ކަމެކޭ،" އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ ހިންގާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޝަވީދު ވިދާޅުވި އެވެ.
އެކަމަކު މުބާރާތުގެ މީޑިޔާ ކަވަރޭޖާމެދު އޭނާ ހިތްހަމަޖެހިވަޑައިނުގަންނަވަ އެވެ. ނަމަވެސް ކުރިމަގުގައި އަތޮޅުތެރޭގެ މުބާރާތުގެ ފޯރިގަދަވާ ވަރަކަށް މީޑިޔާއިން މުބާރާތަށް ދޭ ސަމާލުކަން ބޮޑުވާނެ ކަމަށް ވެސް އޭނާ ޔަގީންކުރައްވަ އެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މިނިވަން 50 މުބާރާތާއެކު އަތޮޅުތެރޭގައި މިހާރު ފަތުއަޑުކިޔާފައި އޮތް ފޯރިއަކީ ހަގީގަތުގައި ވެސް ފުޓްބޯޅަ ފޯރި އެވެ. ރައީސުލްޖުމުހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތް 42 އަހަރަށް ފަހު ރާއްޖޭގެ އިތުރާއި ދެކުނުގައި މިފަހަރު ބާއްވާކަމީ އިތުރަށް ފޯރި ގަދަވެގެންދާނެ ކަމެކެވެ.