ހަބަރު

"ޖެލެސް" ޓްވީޓާއެކު މަހުލޫފަށް ފާޑުކިޔަނީ

Feb 9, 2020
12

"ޖެލެސް" ނުވަތަ ހަސަދަވެރިވާނީ ނަފުސަށް ކުރާ އިތުބާރު ކުޑަވުމުން ކަމަށް ވިދާޅުވެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މި ޓްވީޓް ކުރެއްވީ އިއްޔެ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން ގިނަ ޒުވާނުންތަކެއް ޝަކުވާތަކެއް ކޮށްފައި ވަނިކޮށެވެ.

އިއްޔެ މިނިސްޓަރު މަހުލޫފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުޅުންތެރިންނަށް އިނާޔަތް ދިނުމަށް ގެނައި ބަދަލާއެކު، ޓީޓީއިން ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން ދީމާ، އޭނާގެ އުމުރުން އެންމެ 12 އަހަރުގައި އެޕާޓްމެންޓެއް ގަނެފައިވާކަން އިއުލާން ކުރައްވާފަ އެވެ.

އެ އިއުލާނާއެކު ދީމާއަށް ގިނަ ބަޔަކު މަރުހަބާ ކިޔެ އެވެ. އެއާއެކު ރާއްޖޭގައި ބޯހިޔާވަހިކަމަށް އޮތް ހުރަސްތަކާއި ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާހަގަކުރި އެވެ. ކުޅިވަރެއް ނުކުޅުނަސް ގިނަ ޒުވާނުންނަކީ ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމާއި ނަމަވެސް ޒުވާނުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ސިޔާސަތެއް ސަރުކާރުތަކަށް ގާއިމްކޮށް ދެވިފައި ނުވާ ކަމަށް ބުނެ ޒުވާނުންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލި އެވެ.

ޒުވާނުންގެ އެ ކަންބޮޑުވުންތައް މަހުލޫފަށް އަމާޒު ކުރީ އޭނާއަކީ ޒުވާނުންގެ މިނިސްޓަރަށް ވެސް ވާތީ އެވެ.

އެކަމަކު، މިނިސްޓަރު މަހުލޫފް އެކަން ސިފަ ކުރައްވާފައި ވަނީ "ޖެލެސީ" ގެ ގޮތުގައި ކަމަށް ބުނެ އަނެއްކާވެސް މިނިސްޓަރު މަހުލޫފަށް ފާޑުކިޔުންތައް މިއަދު އަމާޒުވާން ވަނީ ފަށާފަ އެވެ.

"މިނިސްޓަރުގެ ޓްވީޓުން އުފެދުނު ބަހުސްގައި ޒުވާނުން ފާޅުކުރީ މުހިންމު މައްސަލައެއް، މުސާރަ ކުޑަ ވާހަކަ، އެޕާޓްމެންޓްތައް އަގު ބޮޑު ވާހަކަ، ކުލި ބޮޑު ވާހަކަ، އެކަމަކު މިނިސްޓަރު އެ ޒުވާނުންގެ މޫނު މަތީގައި އެ ޖެހީ ޖެލެސީގެ ޓެގް،" ޒުވާނަކު ބުނެފައިވެ އެވެ.

އެހެން ޒުވާނަކު ބުނެފައިވާ ގޮތުގައި މިނިސްޓަރު މަހުލޫފަކީ ހަމައެކަނި ކުޅިވަރާ ބެހޭ މިނިސްޓަރެއް ނޫނެވެ. ޒުވާނުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަހަން ޖެހޭނެ އެވެ. އަދި، އެކަމަށް ހައްލެއް ހޯދަވައިދެއްވަން ވެސް މަސައްކަތް ކުރައްވަން ޖެހޭނެ އެވެ. އޭގެ ބަދަލުގައި ކަންބޮޑުވުން ފާޅުކުރި ޒުވާނުން އިތުރަށް މާޔޫސްކޮށްލުން ގޯސް ކަމަށް އޭނާ ބުނެފައިވެ އެވެ.

މި ފާޑުކިޔުންތަކާއެކު މިނިސްޓަރު މަހުލޫފް ވަނީ އިތުރު ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި މަހުލޫފް އަނެއްކާ ވެސް ދެއްކެވީ ހަސަދައިގެ ވާހަކަ އެވެ.

"ހަސަދަވެރި ނުވާށޭ، އެއީ އެންމެ 12 އަހަރުގެ ކުއްޖެއް، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި ހެޔޮ ގޮތް މިންވަރު ކުރައްވާށި،" މަހުލޫފް ލިޔުއްވާފައިވެ އެވެ.

އަސްލު މައްސަލަ މިނިސްޓަރު މަހުލޫފަށް ސާފު ނުވި ކަމަށް ބުނެ ޒުވާނުން އޭނާއަށް ފާޑުކިޔަމުންދާއިރު މިނިސްޓަރު މަހުލޫފަކީ އާންމުކޮށް އޭނާ ކުރައްވާ ޓްވީޓްތަކާ ގުޅިގެން ހޫނު ފެނަށް ވެއްޓޭ މިނިސްޓަރެކެވެ.