ރާއްޖެ ކުޅިވަރު

ރާއްޖެ މެޗުގައި ފިލިޕީންސްގެ މުހިންމު ކުޅުންތެރިން ނުކުޅޭނެ

Sep 2, 2015

ރާއްޖެއާ ދެކޮޅަށް މާދަމާ ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި ޕިލިޕީންސްގެ މުހިންމު ގިނަ ކުޅުންތެރިން ނުކުޅޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ރާއްޖެ އާއި ޗައިނާ އަދި ޕިލިޕީންސާއި އުޒުބަކިސްތާން ކުޅޭ މެޗަށް ތައްޔާރުވުމަށް ދެ ގައުމުން ވެސް މި ކުޅޭ ރަހުމަތްތެރިކަމުގެ މި މެޗުގައި ޕިލިޕީންސްގެ މުހިންމު ގިނަ ކުޅުންތެރިން ނުކުޅެނީ ވަރުބަލިކަމާއި އަނިޔާ އަދި ކުލަބު ޑިއުޓީގެ ސަބަބުންނެވެ.

ޕިލިޕީންސް ޓީމުގެ މެނޭޖަރު ޑާން ޕަލާމީ ބުނީ މާދަމާގެ މެޗުގައި ނުކުޅޭނެ އެއް ކުޅުންތެރިއަކީ ޖަރުމަނުގެ ދެ ވަނަ ޑިވިޝަނުގައި ކުޅޭ ސްޓެފަން ޝްރޮކް ކަމަށެވެ. އެއީ މިދިޔަ ޖޫން މަހު ބަހުރޭނާ ދެކޮޅަށް ކުޅެނިކޮށް އޭނާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އޭނާގެ ކުލަބު އެންމެ ފަހުން ކުޅުނު މެޗުގައި ފުލްކޮށް ކުޅުނު ނަމަވެސް ރާއްޖެ މެޗުގައި އޭނާ ލައްވައި ނުކުޅުވަން ނިންމީ އަންނަ އަންގާރަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި އުޒުބަކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވާން ފުރުސަތުދިނުމަށެވެ.

އޮސްޓްރިއާ ލީގުގައި ކުޅޭ ޑިފެންޑަރު ސްޓެފަން އާއި ޗައިނާ ލީގުގައި ކުޅޭ ފޯވަޑް ހާވިއާ ޕަޓީނޯ ވެސް ރާއްޖެ މެޗުގައި ނުކުޅޭނެ އެވެ. މި ދެ ކުޅުންތެރިން ތިބީ އަދ ކުލަބާއެކުގަ އެވެ. މީގެ އިތުރުން އިނގިރޭސިދަރިކޮޅުގެ ޑިފެންޑަރު ލޫކް ވުޑްލޭންޑް ވެސް މި މެޗުގައި ނުކުޅޭނެ އެވެ. އެއީ އެމެރިކާގެ ނިއުޔޯކް ރެޑްބުލްގެ ޓްރަޔަލެއް ފުރިހަމަކުރަމުންދާތީ އެވެ. މި ޓްރަޔަލް ނިންމުމަށްފަހު އޭނާ ގައުމީ ޓީމާ ގުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ. މީގެ އިތުރުން ސިމޯން ރޯޓާ ވެސް މެޗުގައި ކުޅޭނެ ކަމުގެ ޔަގީންކަމެއްނެތެވެ. އޭނާ އަށް ލިބިފައިވާ އަނިޔާ އަދި މުޅިން ރަނގަޅެއްނުވެ އެވެ.

ރާއްޖެއާ ދެކޮޅަށް ދެން ނުކުޅޭނެ އަނެއް ހަ ކުޅުންތެރިންނަކީ ޔުނައިޓެޑް ފުޓްބޯޅަ ލީގުގެ ފައިނަލް މެޗުގައި ކުޅުނު ސެރެސް އާއި ކާޔާ އެފްސީގެ ކުޅުންތެރިންނެވެ. މި ކުޅުންތެރިންގެ އަރާމުކުރަން ފުރުސަތުދީފައިވާއިރު ބައެއް ކުޅުންތެރިންނަށް ހާނިއްކަވެފައިވާ ކަމަށްވެ އެވެ.

ރާއްޖެ އާއި ޕިލިޕީންސް މެޗަކީ ފީފާ ރޭންކިން އަށް ގުނާ މެޗެއް ނޫން ކަމަށް ވެސް ފިލިޕީންސް ޓީމުން ބުނެ އެވެ. މިހެންވެ މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ހަ ކުޅުންތެރިންނަށްވުރެ ގިނައިން ބޭނުންކުރަން ރާއްޖެއާ މަޝްވަރާކުރަޖެހިފައިވާ ކަމަށް ވެސް ފިލިޕީންސް ޓީމުގެ މެނޭޖަރު ބުންޏެވެ.

މި ދެ ގައުމު އެންމެ ފަހުން ބައްދަލުކުރީ ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގަ އެވެ. އެ މެޗު 3-2އިން ކާމިޔާބުކުރީ ފިލިޕީންސެވެ.